ޗެލްސީއާ ދެކޮޅަށް ނުކުންނަން ކޯޓްއޮއިސް ހުރީ ކެތްމަދުވެފަ: ސިމިއޯނީ

ލޯނުގެ ދަށުން އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޗެލްސީގެ ގޯލްކީޕަރު ތިބައުޓް ކޯޓްއޮއިސް ހުރީ ޗެލްސީއާ ދެކޮޅަށް ނުކުންނަން ކެތްމަދުވެފައި ކަމަށް އެތުލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފި އެވެ.

މިސީޒަނަކީ އުމުރުން 21 އަހަރުގެ ބެލްޖިއަމް ގޯލްކީޕަރު ލޯނުގެ ދަށުން އެތުލެޓިކޯ އަށް ކުޅެމުންދާ ތިން ވަނަ ސީޒަނެވެ. ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯއާއެކު ކޯޓްއޮއިސްގެ ދާއިމީ ކްލަބު ޗެލްސީއާ ދެކޮޅަށް މިރޭ ނުކުންނާނެ އެވެ.

ޗެލްސީއާއެކު އެތުލެޓިކޯ ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން ޗެލްސީއާ ދެކޮޅަށް ކޯޓްއޮއިސް ނުކުންނަ ނަމަ، އެތުލެޓިކޯ އިން އިނގިރޭސި ކްލަބަށް ތިން މިލިއަން ޕައުންޑް ދައްކަން ޖެހޭނެ އެވެ. ނަމަވެސް މުބާރާތުގެ ސައްހަކަން ދެމެހެއްޓުމުގެ ގޮތުން އެ އެއްބަސްވުމުގައިވާ ގޮތަށް ކަންތައް ނުކުރެވޭނެ ކަމަށް ޔޫއެފާ އިން ނިންމާފައިވެ އެވެ.

"ކޯޓްއޮއިސްގެ ހިޔާލު ހުރީ ޓީމުގެ އެހެން ކުޅުންތެރިންނާ އެއްގޮތަށް. ހުރިހާ އެންމެން ވެސް ހުރީ މި މެޗަށް ނުކުތުމަށް ވަރަށް ކެތްމަދުވެފަ. ހާއްސަކޮށް ކޯޓްއޮއިސް. މި މެޗަކީ މުހިންމު މެޗެއް ކަން ޗެލްސީއަށް ވެސް އެނގޭނެ. މިހާ ހިސާބަށް ދަތުރުކޮށްފައި ބަލިވާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ،" އެތުލެޓިކޯގެ ކޯޗު ބުންޏެވެ.

ޗެލްސީ އާއި އެތުލެޓިކޯއިން ކުޅޭ ޑިފެންސިވް ގޭމް އެއްގޮތް ކަމަށް ގިނަ ބަޔަކު ދެކޭ އިރު، ސިމިއޯނީ ގަބޫލުކުރާ ގޮތުގައި އޭނާގެ ޓީމާއި ހޯޒޭ މޮރީނިއޯގެ ޓީމުން ކުޅެނީ ތަފާތު ކުޅުކެވެ.

"އަހަރެމެން ކުޅުން އެއްގޮތް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން، ދެ ޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން އެއްގޮތް ކުޅުމެއް ފެނިދާނެ. ނަމަވެސް ދެ ޓީމަކީ ލީގުގައި މަދު ލަނޑުތަކެއް ޖަހައި، ރަނގަޅު ޑިފެންސެއް އޮތް ދެ ޓީމަށް ވެދާނެ،" އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް އެތުލެޓިކޯ ނުކުންނާނީ ރާއްޖޭ ގަޑިން މިރޭ 11:45 ގަ އެވެ. މި މެޗު ކުޅޭނީ އެތުލެޓިކޯގެ ވިސެންޓޭ ކެލްޑްރޯންގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު