ތިމާވެށި ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގަނީ

ކޮންމެ އަހަރެއްގެ ވެސް ޖޫން ފަހެއްގައި ދުނިޔޭގައި ފާހަގަކުރާ ތިމާވެށި ދުވަސް މިއަހަރު ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ނިންމައިފި އެވެ.

ގަސް އިންދުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަތުހަރު ހަލީމް ވިދާޅުވީ، މިއަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅިގެން އެ މިނިސްޓްރީން ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާ ކަމަށާއި އެހެން ނަމަވެސް އިންދާނެ ވަކި އަދަދެއް އަދި ނިންމާފައިވާ ނުވާނެ ކަމަށެވެ.

އަތުހަރު ވިދާޅުވީ، ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު މަދުވެގެން ވަކި އަދަދެއް އިންދަންޖެހޭ ގޮތަށް ހަމަޖައްސާނެ ކަމަށެވެ.

"ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށްދާނީ މާލޭގައި ނަމަ ސިޓީ ކައުންސިލާއި ގުޅިގެން. ރަށްރަށުގައި ނަމަ އެ ރަށެއްގެ ކައުންސިލާއި ގުޅިގެން. ގަސް އިންދާނެ ވަކި އަދަދެއް އަދި ކަނޑައެއް ނާޅަން، މާލޭގައި އިންދަން ރާވާފައިވަނީ ހިތި ގަސް،" އަތުހަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ގަސް އިންދުމުގެ ޕްރޮގްރާމްގެ އިތުރުން، ޖޫން ހައެއް ވާ ހުކުރު ދުވަހުގެ ހަވީރު ވަކި ވަގުތެއްގައި ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށާއި މިއަހަރުގެ ޝިއާރާ ގުޅުވައިގެން ހުރިހާ ރަށެއްގައި އަތުގުޅާލުމެއް ވެސް އެދުވަހު އޮންނާނެ ކަމަށެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ، "ރެއިޒް ޔޯ ވޮއިސް، ނޮޓް ދަ ސީލެވެލް" އެވެ.

މީގެ އިތުރުން، ޖޫން ހަތް ވަނަ ދުވަހު ސާފު ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް އާއި ގުޅިގެން ހިންގުމަށް ރާވާފައިވާއިރު، ތިމާވެށީގެ މިއަހަރު ޝިއާރަށް ބިނާކޮށް ޒުވާނުންނަށް ފޮޓޯ ނެގުމުގެ މުބާރާތެއް ވެސް ހުޅުވާލުމަށް ރާވާފައިވާ ކަމަށް އަތުހަރު ވިދާޅުވި އެވެ.

"ފޮޓޯ ނެގުމުގެ މުބާރާތް އަދި ވިސްނާފަ އޮތީ މިނިސްޓްރީގެ ފޭސްބުކް ފޭޖަށް އެދުވަހުގެ ތީމް އާއި ގުޅޭގޮތުން ފޮޓޯ ނަގާފަ އަޕްކުރާ ގޮތަކަށް. ދެން ތިން ދުވަސް ވަންދެން ލައިކް ކުރުމަށް ހުޅުވާލުމަށްފަހު، އެންމެ ގިނަ ލައިކް ލިބޭ ފަރާތެއް ހޮވައި އެ ފަރާތަކަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އިނާމެއް ނުވަތަ ގިފްޓް ވައުޗަރެއް ދިނުން،" އަތުހަރު ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު