މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ބުނީ ޔޫރިން ޓެސްޓް ނުކޮށް: ނަޝީދު

ވ. އަންބަރާގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި އެންމެން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ބުނެފައިވަނީ އޭގެ ތެރެއިން ބައެއް ކުދިންގެ ޔޫރިން ޓެސްޓް ނުހަދައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެޕާޓީގެ ވަގުތީ ރައީސް ނަޝީދު ވިދާޅުވީ، އަންބަރާއިން ހައްޔަރުކުރި ބައެއް ކުދިންގެ ބެލެނިވެރިން އައިސް ފުލުހުން އެކުދިންގެ ޔޫރިން ޓެސްޓް ހެދީ މިއަދު ކަމަށް ބުނެފައިވާ ކަމަށެވެ.

"މުއްދަތު އިތުރުކުރެވުނު އިރުގައި ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅިފައިމިވަނީ ކުޑަކަމުދާތަކެތީގެ ސާމްޕަލް. އެކަމަކު ބައެއް ކުދިންގެ ކުޑަކަމުދާ ތަކެތި ނެގުނީ ރޭގަ. ހުރިހާ ކުދިންގެ ވެސް ކޯޓު އޯޑަރުގައި އޮތީ ކުޑަކަމުދާ ތަކެތިި ޕޮޒިޓިވް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ފުލުހުންގެ އުސޫލުތަކުގައި ހައްޔަރުކުރާ ފަރާތާއި ތަހުގީގް ކުރާ ފަރާތާއި ފޮރެންސިކް ތަހުލީލުތައް ހިންގާ ފަރާތާއި އެއްފަރާތަކަށް ވާތީ ކަމުގެ ހަގީގަތް ގެއްލިގެންދާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަންބަރާއަށް ފުލުހުން އެރި ގޮތަށްވެސް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވީ، ފުލުހުން ރަށްރަށަށް އަރައިގަންނަ މައްސަލައާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ފުލުހުން ތަންތަނަށް އަރައިގަންނަންޖެހޭނީ، ހަމައެކަނި ފުރާނައަށް ނުރައްކާވާ ހާލަތެއް އައިސްގެން ނުވަތަ ހައްޔަރުކުރާ ގަޑީގައި ފުލުހުންނަށް ގެއްލުމެއް ލިބޭތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުނގަޑަކަށް ނުފެނުނު މުނިފޫހިފިލުވަން ގޮސް ތިބި ޒުވާނުންތަކެއްގެ ތެރެއަށް ވަދެގަންނަ އިރުގައި ޕެޕާ ސްޕްރޭ ޖަހަމުން ރަބަރު އުންޑަ ޖަހަމުން ހަޅޭއްލަވަމުން ހިތުހުރި ހުތުރު އެއްޗެހި ގޮވަމުން ހުރިހާ ކުދިން ފުރަގަހަށް ބިޑިއަޅުވާފަ ބައިންދާފަ ތިބެގެން ފުލުހުން ދެން ގޮސް ތިބީ މަހަށް. ދެން އަނެއް ދުވަހު ހެނދުނު ހުރިހާ ކުދިން ދޫނިދޫއަށް ގެންދިޔައީ،" އަންބަރާގައި ފުލުހުންގެ އަމަލު ހުރި ގޮތަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އަންބަރާގައި ޕާޓީ ކުރި މައްސަލަ އޮތީ ވަރަށް ބޮޑަށް އޮޅިފަ ކަމަށެވެ. އަދި އެތަނަށް ދިޔަ ހުރިހާ ކުދިން އެތަނަށް ދިޔައީ "ޑްރަގް ބޮއެ ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ދެކިގެން ނުވާނެ" ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަންބަރާއިން ފުލުހުން ޒުވާނުންތަކެއް ހައްޔަރުކުރުމުގައި ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ބުނެ އެމްޑީޕީން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނަށް ރައްދުދީ ފުލުހުން ނެރެފައިވާ ބަޔާނާއި ގުޅިގެން ނަޝީދު ވިދާޅުވީ، " ފުލުސް އޮފީހުން ސިޔާސީ ޕާޓީތަކުން ދައްކާ ވާހަކައަށް ރައްދުދީ ހެދުމަކީ ވަރަށް ވިޔާނުދާ ދަށު ދަރަޖައިގެ ކަމެއް." ކަމަށެވެ.

އަންބަރާގައި ތިބި މީހުން ހައްޔަރުކުރުމުގައި ފުލުހުންގެ އަމަލުތައް ބަހައްޓާފައި ވަނީ އުސޫލުތަކާ މުޅިން ހިލާފަށް ކަމަށް ބުނެ އެމްޑީޕީން ނެރުނު ބަޔާނަށް ރައްދުދީ، ފުލުހުން ބުނެފައިވަނީ އެމްޑީޕީން ނެރުނު އެ ބަޔާނަކީ ތަހުގީގު ކުރުމަކާނުލައި ކަމުގެ އަސްލަށް ރުޖޫއަނުވެ، ޖިނާއީ ކުށްތައްކުރުމަށް ޒުވާނުންނަށް ހިތްވަރުދޭ ގޮތަށް ނެރުނު ބަޔާނެއް ކަމަށެވެ.

މިއަދުގެ ޕްރެސްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ، އަންބަރާއިން ޒުވާނުންތަކެއް ހައްޔަރުކުރުމަކީ ސިޔާސީ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ރާވައި އިންތިޒާމް ކުރުމުގައި އިސްކޮށް، މިހާރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ބައިވެރިވެވަޑައިގެންފައި ވާކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ ހީލަތްތެރި ސިޔާސީ ރޭވުމެއް. އަދީބަކީ އެކަން ރާވައި އިންތިޒާމް ކުރުމުގައި އިސްކޮށް ބައިވެރިވި ފަރާތެއް، އަޅުނގަޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި،" ނަޝީދު ވިދާޅުވި އެވެ. "ގިނަ ކުދިން އެބަ ބުނެއޭ ވަރަށް ގިނަ މިނިސްޓަރުން އެބަ ބުނެއޭ އެއީ ރަނގަޅު ތަނެކޭ. އެތަށް ވަޒީރުންނެއް އެބަ ބުނޭ މިއީ ގަވާއިދާ ގާނޫނާ ހިލާފު ކަމެއް ނޫނޭ. ވަޒީރުންގެ މަޖިލިސް މަސައްކަތް ކުރާނީ އެކުގައި. އެއް ބޭފުޅެއްގެ މަސައްކަތަކަށް ވެދާނެ ހުރިހާ ކުދިން އެތަނަކަށް ގެނައުން. އަނެއް ބޭފުޅެއްގެ މަސައްކަތަކަށް ވެދާނެ ހުރިހާ ކުދިން އެއްފަހަރާ ނެގުން."

ބޮޑު އަގުގައި ޓިކެޓް ވިއްކައިގެން އަންބަރާގައި ގިނަ އަދަދެއްގެ ޒުވާނުނުން ޕާޓީ ކުރަމުންދަނިކޮށް ފުލުހުން އެރަށަށް އަރައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާ އެކު 79 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެމީހުންގެ ބަންދަށް 10 ދުވަސް ވަނީ ކޯޓުން މިދިޔަ ހޮނިހިރު ދުވަހު ޖަހައިދީފަ އެވެ. މީގެ އިތުރުން އޭގެ ތެރޭ ހިމެނޭ ކުޑަކުއްޖަކު ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ފުލުހުން އެރަށަށް އެރިއިރު، އެރަށުގައި 198 ޒުވާނަކު ޕާޓީ ކުރަން ތިއްބެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު