ގޯލްޑް ކަޕްގައި 32 ޓީމު ބައިވެރިވެއްޖެ

އަންނަ ޖޫން މަހު ބްރެޒިލްގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ފޯރި ރާއްޖޭގައި އިތުރު ކުރުމަށް ކޮކާކޯލާއިން ބާއްވާ "ގޯލްޑް ކަޕް" ފުޓްބޯޅަ މުބާރާތުގައި 32 ޓީމު ބައިވެރިވެއްޖެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ކޮކާ ކޯލާ ކުންފުނީގެ ސޭލްސް އެން މާކެޓިން މެނޭޖަރު ސްރިކަންތު ގުންޑެމޮނި "ސަންއަށް" މިއަދު ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމަށް ހުޅުވާޅި ފުރުޞަތުގައި ޖުމްލަ 32 ބައިވެރި ވެފައިވާ ކަމަށާއި ކޮންމެ ޓީމެއްގައި ވެސް ހިމެނޭނީ 35 އަހަރުން މަތީގެ އަށް ކުޅުންތެރިންނާއި ޒުވާން ދެ ކުޅުންތެރިން ކަމަށެވެ. އަދި މުބާރާތް ކުރިއަށްދާނީ ވޯލްޑް ކަޕުގައި ވެސް ވާދަކުރާ ގައުމުގެ އަދަދާ އެއްވަރަށް 32 ޓީމާ އެކު ކަމަށް ވީއިރު، އެ ޓީމްތަކަށް ނަން ދީފައި ވަނީ ވެސް ވޯޑްކަޕްގައި ވާދަކުރާ ގައުމު ތަކުގެ ނަމުން ކަމަށް ސްރިންކަތު ވިދާޅުވި އެވެ.

"މިއީ ވޯލްޑްކަޕްގެ ފޯރި ގަދަކުރުމަށް ކޮކާ ކޯލާއިން ކުރަމުން އަންނަ ވަރަށް މުހިންމު ކަމެއް. މުބާރާތުގައި ބައިވެރިވެފައި ވަނީ ޖުމްލަ 32 ޓީމް. ޓީމް ތަކަށް ނަން ކިޔާފައި ވަނީ ވެސް ވޯލްޑް ކަޕުގައި ވާދަކުރާ ގައުމްތަކުގެ ނަމުން ކަމަށް ވީއިރު އެ ޓީމެއް ކުޅޭނީ އެ ގައުމެއްގެ ޖާޒީގައި. ކޮންމެ ޓީމަކުން ވެސް ކުޅެން ނިކުންނާނީ ހަތް ކުޅުންތެރިން. މެޗެއްގެ ކޮންމެ ހާފެއް ވެސް ކުޅޭނީ ހަތް މިނެޓު ވަންދެން،" ސްރިކަންތު ގުންޑެމޮނި ވިދާޅުވި އެވެ.

ސްރިކަންތު ގުންޑެމޮނި ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ އެއްއޭއެމްގެ ޓާފް ދަނޑުގައި ކަމާށާއި ކޮންމެ ދުވަހަކު ވެސް ޖުމްލަ ހަތަރު މެޗް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހު ކަމަށް ވެސް ސްރިކަންތު ވިދާޅުވި އެވެ.

"މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ގްރުވެސް މިހާރު ވަނީ ނަގައިފަ. ގޯލްޑް ކަޕަކީ މި ކުންފުނިން މިހާތަނަށް ބާއްވާ އެންމެ ފޯރިގަދަ އަދި ވާދަވެރި މުބާރާތް. މުބާރާތުގައި ރާއްޖޭގެ އެކިއެކި ހިސާބުތަކުގައި ތިބި ކުރީގެ މަޝްހޫރު ކުޅުންތެރިން ކުޅޭނެ،" ސްރިކަންތު ވިދާޅުވި އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ. ހުށަހަޅާފައިވާއިރު ދެ ވަނަ ޓީމަށް ދިނުމަށް ހަމަޖެހިފައި ވަނީ 10،000ރ. ކަމަށް ކޮކާކޯލައިން މައުލޫމާތު ދެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު