ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައިވާ ރާއްޖޭގެ މިސްކިތްތައް

ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ވޯލްޑް ހެރިޓޭކް ޓެންޓޭޓިވް ލިސްޓް (ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓް) ގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް މިހާރު ވަނީ ހިމަނާފަ އެވެ.

އެމިސްކިތްތައް ލިސްޓްގައި ހިމެނުމަށް ހެރިޓޭޖް ޑިޕާޓްމެންޓުން ޔުނެސްކޯ އަށް ހުށަހެޅީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ. "ކޮރަލް ސްޓޯން މޮސްކުސް އޮފް މޯލްޑިވްސް"ގެ ނަމުގައި ހިމަނާފައިވާ އެ ލިސްޓްގައި ހަ މިސްކިތެއް ވެ އެވެ. އެއީ ހއ. އިހަވަންދޫ ހުކުރު މިސްކިތާއި ރ. މީދޫ ހުކުރު މިސްކިތާއި މާލޭ ހުކުރު މިސްކިތާއި މާލޭ އީދު މިސްކިތާއި އދ. ފެންފުށީ ހުކުރު މިސްކިތާއި ލ. އިސްދޫ މުސްކުޅި މިސްކިތެވެ. މި ހަމިސްކިތުގެ ތެރެއިން މާލޭ ހުކުރު މިސްކިތް އެލިސްޓްގައި ހިމެނީ 2008 ވަނަ އަހަރު އެވެ.

އިހަވަންދޫ ހުކުރު މިސްކިތް ބިނާކޮށް ނިމުނީ އައްސުލްތާން އިބުރާހީމް މުޒުހިރުއްދީންގެ ރަސްކަމުގައި މީލާދީން 1701 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. މީހުން ނަމާދު ކުރުމަށް އެމިސްކިތް އަދި ވެސް އަންނަނީ ބޭނުންކުރަމުންނެވެ. އެ މިސްކިތުގެ ގޯތިތެރޭގައި ކުރު މުންނާރަކާއި އަށް ކަނަށް ހުންނަ ހިރިގަލުގެ ވަޅެއްވެ އެވެ.

ރ. މީދޫ ހުކުރު މިސްކިތް

މީދޫ ހުކުރު މިސްކިތަށް މިހާރު 300 އަހަރު ވެދާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން އެ މިސްކިތް ބިނާކޮށްފައިވާނެ ކަމަށް ލަފާކުރެވެނީ ދިޔަމިނގިލި ދަރިކޮޅުގެ ފުރަތަމަ ރަސްގެފާނު އައް ސުލްތާން މުޒައްފަރު މުހައްމަދު އިމާދުއްދީން ދެވަނައިގެ ރަސްކަމުގައި މީލާދީން 1705 ވަނަ އަހަރު ކަމަށެވެ.
މީހުން ނަމާދުކުރުމަށް މިހާރުވެސް ބޭނުން ކުރަމުން އަންނަ އެމިސްކިތުގައި ހިރިގަލުގެ ވަރަށް ރީތި މަސައްކަތްތަކެއް ފެންނަން އެބަހުއްޓެވެ. އެމިސްކިތުގައި ދާލައަކާއި މިހުރާބުގެއެއް ވެއެވެ.

މާލޭ ހުކުރު މިސްކިތް

މާލޭ ހުކުރު މިސްކިތަކީ އެމިސްކިތް ބިނާކުރީއްސުގެ މިއަދާ ހަމައަށް ބޭނުންކުރަމުން އަންނަ މިސްކިތެކެވެ. އެ މިސްކިތަކީ މުޅިދުނިޔޭގައި ވެސް ހުރި ހިގަލުގެ އެންމެ ބޮޑު މިސްކިތެވެ. ޔުނެސްކޯއިން ވަނީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައި އެމިސްކިތް 2008 ވަނަ އަހަރު ހިމަނާފަ އެވެ.

އެ މިސްކިތް ބިނާކޮށްފައި ވަނީ އައް ސުލްތާން އިބުރާހީމް އިސްކަންދަރުގެ ވެރިކަމުގައި މީލާދީން 1685 ވަނަ އަހަރު އެވެ. މިހާރު ފެންނަން ހުރި ހުކުރު މިސްކިތް ބިނާކުރީ ރާއްޖެ އިސްލާމްވީ އިރު ހުންނެވި ރަސްގެފާނު އެތަނުގައި ބިނާކުރެއްވި މިސްކިތުގެ ބަދަލުގަ އެވެ.

މާލޭ އީދު މިސްކިތް

އީދު މިސްކިތް ބިނާކޮށް ނިމިފައި ވަނީ އައްސުލްތާން މުހައްމަދު މުއީނުއްދީންގެ ރަސްކަމުގައި މީލާދީން 1815 ވަނަ އަހަރު އެވެ. އީދު މިސްކިތުގެ ގޮތުގައި މިހާރު ހުރި މިސްކިތް ބިނާކޮށްފައި ވަނީ އައް ސުލްތާން އިމާދުއްދީންގެ ރަސްކަމުގައި 1648 ވަނަ އަހަރު ބިނާކުރި މިސްކިތެއްގެ ބަދަލުގަ އެވެ.

ފެންފުށީ ހުކުރުމިސްކިތް

ފެންފުށީ ހުކުރުމިސްކިތް ބިނާކޮށް ނިމުނީ ދެއްވަދޫ އައްސުލްތާން މުހައްމަދުގެ ރަސްކަމުގައި މީލާދީން 1701 ވަނަ އަހަރު އެވެ. މިހާރު ވެސް ބޭނުންކުރަމުން އަންނަ އެމިސްކިތަކީ ހިރިގަލުގެ މަސައްކަތުގެ ލާމަސީލު މިސާލެކެވެ. އަދި އެމިސްކިތުގެ ބައިތައް ހުރީ ވަރަށް ފުރިހަމައަށް ރައްކާތެރި ކުރެވިފަ އެވެ.

އިސްދޫ މުސްކުޅި މިސްކިތް

އިސްދޫ މުސްކުޅި މިސްކިތް ބިނާކޮށްފައި ވަނީ އައްސުލްތާން އަލީ ހަތް ވަނައިގެ ރަސްކަމުގައި މީލާދީން 1701 ވަނަ އަހަރު އެވެ. މިހާރު ވެސް ބޭނުންކުރަމުން އަންނަ އެމިސްކިތަކީ ފެންނަން ހުރި ރާއްޖޭގެ އެންމެ ގަދީމީ ލިއުންތައް ކަމަށްވާ އިސްދޫ ލޯމާފާނު ފެނުނީ މިމިސްކިތުންނެވެ.

މި ހަ މިސްކިތް ދުނިޔޭގެ ތަރިކައިގެ އަސްލު ލިސްޓްގައި ހިމެނުމަށް ހެރިޓޭޖް ޑިޕާޓްމެންޓުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް