ޑީއާރުޕީގެ އާ ލޯގޯ ދައްކާލައިފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން އަލަށް ބޭނުންކުރުމަށް ތައްޔާރުވަމުންދާ ލޯގޯ މިއަދު މީޑިއާއަށް ދައްކާލައިފި އެވެ.

ޑީއާރުޕީއާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރުމަށް މިއަދު މެންދުރުފަހު ވެސްޓު ޕާކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ، ޕާޓީގެ ލޯގޯ ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި 80 ފަރާތަކުން ލޯގޯ ހުށަހެޅި ކަމަށެވެ. އަދި އެ ލޯގޯތައް ބެލުމަށްފަހު ޕާޓީން ބަލައި ގަތީ މޮޑަންއާޓް ކުންފުނިން ހުށަހަޅުއްވާފައިވާ ލޯގޯ ކަމަށެވެ.

ކާނަލް ވިދާޅުވީ، ޑިއާރުޕީގެ އާ ލޯގޯ ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްގައި ފާސްކުރުމަށް ނިންމާފައި ވާކަމަށެވެ.

"ކުރިއަށް އޮތް ކޮންގްރެސްގައި އާ ލޯގޯ ފާސްކުރުމަށް ހުށައަޅާނަން. އާ ލޯގޯ އަކީ މޮޑަންއާޓް ކުންފުނިން ހުށަހެޅި ލޯގޯއެއް. ކޮންގްރެސްއަށް ހުށަހަޅައިގެން އެތަނުން ފާސްވާ ޅޯގޯއެއް އަޅުގަނޑުމެން ކަންތައްތަކަށް ބޭނުން ކުރާނީ. ކޮންގްރެސްއަށް ހުށަހަޅާނީ މިހާރު ބޭނުން ކުރާ ލޯގޯ އާއި މޮޑަންއާޓުގެ ލޯގޯ،" ކާނަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި، ޑީއާރުޕީގެ ލޯގޯ ރީބްރޭންޑް ކުރުމަށް މޮޑަންއާޓުން ހުށަހެޅި ލޯގޯއިން ދައްކުވައިދެނީ "އަރައިގެން އަންނަ ތަރިއެއް" ގޮތައް ކަމަށާއި ލޯގޯ މޮޑަންއާޓުން ނަގާފައި ވަނީ އަލްއުސްތާޖް މުހައްމަދު ޖަމީލްގެ ޅެންބައިތަކުން ކަމަށެވެ.

ޕާޓީގެ ކުލަ ބަދަލުކުރުމަށް ވެސް ހިޔާލު ހުށަހެޅުނު ކަމަށާއި އެހެން ނަމަވެސް ލިބުނު ހިޔާލު ތަކުގެ އަލީގައި ޕާޓީގެ ކައުންސިލުން ނިންމީ ޕާޓީގެ އަސްލު ކުލަ (ނޫކުލަ) ދޫނުކުރުމަށް ކަމަށް ކާނަލް ވިދާޅުވިއެވެ. އެހެން ނަމަވެސް އަލަށް ބޭނުން ކުރާ ޕާޓިގެ ނޫކުލަ އަކީ މިހާރު ބޭނުން ކުރާ ނޫކުލައަށް ވުރެ ތަފާތު ނޫ ކުލައެއް ކަމަށް ވެސް ކާނަލް ވިދާޅުވިއެވެ.

"ޕާޓިގެ އާ ނޫކުލަ ދުރަށް ފެންނަލެއް މާރީތިވާނެ،" ކާނަލް ވިދާޅުވިއެވެ.

ކާނަލް ވިދާޅުވީ، އެޕާޓިގެ ކޮންގްރެސް ބާއްވަން މިހާރު ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި ކޮންގްރެސް އަންނަން ވާއިރަށް ޕާޓީގެ މިހާރު އޮތް 4.8 މިލިއަން ރުފިޔާގެ ދަރަނި އަދާ ކޮށް ނިންމައިލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކާނަލް އިތުރަށް ވިދާޅުވީ، ޑީއާރުޕީން "ހަބް" ކުންފުންޏަށް ދައްކަން ޖެހޭ ކަމަށް ބުނާ 718000ރ. ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށެވެ. އަދި މަތީ ކޯޓުތަކުން ކަނޑައަޅާ ގޮތެއްގެ މަތިން އެފައިސާއާ މެދުވެސް ގޮތެއް ނިންމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު