ހައްޔަރުކުރި ބައެއް ކުދިން މުންޑު ލެއްވީ ގަވާއިދަށް ފެއްތުމަށް: ޕޮލިސް

ވ. އަންބަރާގައި ޕާޓީ ކުރަމުންދަނިކޮށް ފުލުހުން ހައްޔަރުކުރި ޒުވާނުންގެ ތެރޭގައި ހިމެނޭ ބައެއް އަންހެން ކުދިން މުންޑު ލައްވައިގެން ކޯޓަށް ހާޒިރުކުރީ ޝަރީއަތަށް ހާޒިރުވާން ޖެހޭ ގަވާއިދަށް ފެއްތުމަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އަންބަރާއިން ހައްޔަރުކުރި ބައެއް ޒުވާން ކުދިންނަށް މުންޑު ފޯރުކޮށްދީފައި ވަނީ އެ ކުދިން ލާނެ އެކަށީގެންވާ ހެދުމެއް ނެތުމުން ފުލުހުން ކަމަށެވެ. އަދި އެެއީ މީގެކުރިން ވެސް ފުލުހުންގެ ބެލުމުގެ ދަށުން ބަންދުގެ މުއްދަތު ޖެހުމަށާއި އެކިއެކި ބޭނުންތަކުގައި ކޯޓަށް ހާޒިރުކުރަމުން ގެންދާ އުސޫލު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކުދިން މުންޑު ލައްވާފައި އެ ވަނީ އެކުދިން ލާނެ ހެދުން ނެތިގެން ޝަރީއަތަށް ހާޒިރުކުރާއިރު ކޯޓުގެ ގަވާއިދަށް ފެއްތުމުގެ ގޮތުން. ކުރިން ވެސް އެގޮތަށް މީހުން ހާޒިރުކޮށްފައިވާނެ." ފުލުހުން އޮފިޝަލް ވިދާޅުވި އެވެ.

ކޯޓަށް ހާޒިރުވާން ޖެހޭ ފަރާތްތަކުން ހެދުން އެޅުމާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކޯޓަށް ހާޒިރުވާއިރު ވަކި ބާވަތެއްގެ ހެދުން އަޅައިގެން ތިބެ ނޫން ގޮތަކަށް ކޯޓަށް ނުވަދެވޭނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ކުރު ހެދުމާއި ސޯޓު ފަދަ އެއްޗެހި ލައިގެން ކޯޓަކަށް ނުވަދެވޭނެ އެވެ.

ކޯޓަށް ހާޒިރުވާ އިރު ހެދުން އަޅަންޖެހޭ ގޮތް އަންގައިދޭ ފޮޓޯ ޖެހި ބޯޑުތަކެއް ވެސް ކޯޓުތަކުގެ ބޭރުގައި ވެސް ހަރުކޮށްފައި ހުރެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ޒުވާނުންތަކެއް އިސްނަގައިގެން އަންބަރާގައި ޕާޓީ ކުރަމުން ގެންދަނިކޮށް މަސްތުވާތަކެއްޗާ އެކު ފުލުހުން އަތުލައިގެން 79 މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ހިމެނޭ އިރު އެމީހުންގެ ތެރޭގައި 19 އަންހެން ކުދިން ހިމެނެ އެވެ. އަދި އެމީހުންގެ ބަންދަށް ކޯޓޫން ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު