ސީ ޕްލޭން ހިދުމަތް އަންނަ މަހު ފެށިގެންދާނެ: މޯލްޑިވިއަން

މޯލްޑިވިއަން އިން ސީ ޕުލޭން ދަތުރުތައް އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ ސީޕްލޭން ހިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތަކީ ސީޕްލޭންގެ ހިދުމަތް ދިނުމަށް މޯލްޑިވިއަން އިން އެއާޕޯޓްގައި ފްލޯޓިން ޖެޓީ ތައްޔާރުކުރުމުގެ މަސައްކަތްތައް ކަމަށް ނަޝާތު ވިދާޅުވި އެވެ.

"އަންނަ މަހު ސީ ޕްލޭންގެ ހިދުމަތް ދޭން ފެށޭނެ. ވަރަށް އަވަހަށް ތާރީހެއް އިއުލާން ކުރާނަން" ނަޝާތު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ފުރަތަމަ ސީޕްލޭން "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް" ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖެ ގެނެސްފަ އެވެ.

ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ދުނިޔޭގެ މަޝްހޫރު ޕްރައިވެޓް އިކުއިޓީ ކުންފުންޏެއް ކަމަށްވާ ނިއުޔޯކުގެ "ބްލެކްސްޓޯން ގުރޫޕް"އިން ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރަމުން ގެންދިޔަ ދެ ކުންފުނި މޯލްޑިވިއަން އެއާ ޓެކްސީ (އެމްއޭޓީ) އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މެޖޯރިޓީ ހިއްސާ ގަތުމަށް ފަހު އެ ދެކުންފުނި ވަނީ މިހާރު އެއްކޮށްލައިފަ އެވެ. އެހެން ކަމުން މޯލްޑިވިއަންގެ ދަތުރުތަކާ އެކު ސީޕްލޭންގެ ވާދަވެރިކަން އަނެއްކާ ވެސް އިތުރު ވާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު