ފެނަށް ޖެހިފައިވާ ބައެއް ރަށްތަކަށް އަދި ވެސް ފެން ފޯރުނުކޮށްދެވޭ: ޑިޒާސްޓާ

މިދިޔަ އަހަރުން ފެށިގެން ފެނުގެ ދަތިކަން ކުރިމަތިވެފައިވާ ރަށްތަކުގެ ތެރެއިން މިހާތަނަށް 59 ރަށަކަށް ފެން ފޯރުކޮށްދީފައިވާ 10 ވަރަކަށް ރަށަށް އަދިވެސް ފެން ފޯރުކޮށްދެވިފައިނުވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓްގެ ޕްރޮޖެކްޓް ޑިރެކްޓަރު ހިސާން ހަސަން މިއަދު "ސަން" އަށް ވިދާޅުވީ ފެނުގެ ދަތިކަން ރަށްރަކަށް ކުރިމަތިވަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރުން ފެށިގެން ކަމަށްވާ އިރު މިހާތަނަށް 76 ރަށަކުން ފެނަށް ޖެހިގެން ރިޕޯޓްކުރި ކަމަށެވެ. އަދި އޭގެތެރެއިން ފެން ފޯރުނުކޮށްދެވިނުވާ ރަށްތަކަށް ފެންފޯރުކޮށް ދިނުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެން ފޯރުކޮށްދިނުުގެ މަސައްކަތް ކުރަމުން ގެންދަނީ ބިޑްކޮށްގެން އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ކަމަށްވާތީ އެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށްތަކެއް ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ.

"ފެނަށް ރިއުކެސްްޓް މިކުރަނީ އެރަށަކުން މުޅިންހެން ފެން ހުސްވެގެން. އެބަހުރި ވަރަށް އަވަހަށް ފެން ފޯރުކޮށްދޭން ޖެހޭ ބައެއް ރަށްތައް ވެސް. އޭގެތެރޭގައި ކުރިއަށް އޮތް ތިން ދުވަހަށްވާ ވަރަކަށް ފެން ހުރި ރަށްރަށް އެބަހުރި. އެހެންވެ ފެނަށް ރިކުއެސްޓް ކުރީމާ އެންމެ އަވަހަށް ފެނަށް ބޭނުންވެފައި ތިބީ ކޮން ރަށަކަށްތޯ ބަލައިފައި އެ ތަރުތީބުން ފެން މި ފޮނުވަމުން ގެންދަނީ،" ހިސާން ވިދާޅުވި އެވެ.

ފެނަށް އެދި ހުށަހެޅި ބައެއް ބައެއް ރަށްތަކަށް ވިއްސާރަވެގެން ފެން ހޯދަން ކުރި ރިކުއެސްޓް ވަނީ ކެންސަލްކޮށްފަ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓުން ބައެއް ރަށްރަށަށް ދެފަހަރެއްގެ މަތިން ފެން ފޯރުކޮށްދެވިފައިވާ އިރު މިހާތަނަށް ޖުމްލަ 2286 ޓަނު ފެން ފެނަށް އެދުނު ރަށްރަށަށް ފޯރުކޮށްދެވިފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.

ޑިޒާސްޓާ މެނޭޖްމަންޓުން އެންމެ ފަހުން ފެން ފޯރުކޮށްދީފައިވާ ރަށްތަކަކީ މ. ވޭވަށާއި ބ.ކެންދުއާއި ބ.ކުޑަރިކިލާއި ބ. ފުޅަދުއާއި އދ.ކުނބުރުދުއާއި ރ.ރަސްގެތީމާއި ރ.އުނގޫފާރާއި ރ. މާކުރަތު އަދި މ.ނާލާފުށްޓެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު