އެމީހަކާ އެމީހެއް ނުވަތަ އެބަޔަކާ އެބައެއްވެ މިއޮއްއަވަދިވަނީ އެވެ. ކިއާނެ ގޮތަކަށް ކިޔާ ލިޔާނެ ގޮތަކަށް ލިއެ މިއޮއް ލާހޫރެނީ އެވެ. ކޯންޗެއް ކަމަށްތޯ އެވެ. ބަހެވެ. އަހަރެމެންގެ ދިވެހިބަހެވެ. އަސަރު ގަދަ، ފޮނި ރީތި ދިވެހި ބަހެވެ.

އަޅާލާނެ ފަރާތެއް ނެތީމައޭ ބުނަންވީބާވައެވެ. އެހެނެއް ނުވާނެއެވެ. ބަސްވެސް އެއީ ހިމާޔަތް ލިބެންޖެހޭ އެއްޗެކެވެ. ވީއިރު ހިމާޔަތް ނުދީއެއް ނުއޮންނާނެއެވެ. އޮންނާނީ ހިމާޔަތް ކޮށްފައެވެ. ކުޑަމިނުން ބަޔަކާ ހަވާލުކުރެވިފައެވެ. އެބަޔަކުގެ ކަންކަން ހުރި ނެތް ގޮތަކުން ހިމާޔަތްނުވެ ލާހޫރެން ދޫވެފައި އޮތުން އެއީ އަދި މުޅިން އެހެންކަމެކޭ ބުނެވޭނެއެވެ. ލާހޫރުމޭ މިބުނެވެނީ ކޮންމާނައެއްގައިތޯ ކުރެވިދާނެ ސުވާލުގެ ޖަވާބަކާއި ދިމާއަށް ދަމާ ހިނގާށެވެ.

އިހަކަށްރޭ ޓީވީހުޅުވާލީމެވެ. ތަމްސީލެއްދައްކާތީ ބަލައިލަން މަޑުކޮށްލެވުނެވެ. އެކަމަކު އިރުކޮޅެއް ވީއިރު ބޮލުގައި އެއްޗަކުންތަޅާހެން ހީވާވަރުން އެހެން ތާކަށް ބަދަލުކުރީއެވެ. އެވީގޮތަކީ ތަމްސީލުގައި ބޭނުން ކުރަމުންގެންދިޔަ ދިވެހިބަހުގެ ފޭރާން ދެރައީއެވެ. އެއްކުއްޖަކު ކަމަކާ ދެރަވެގެން ﷲ އަށް ދުޢާކުރިއިރު ބޭނުން ކުރީ " އަޅުގަނޑު.... މިދަންނަވަނީ..... ކޮށްދެއްވުމަށެވެ. " ފަދަ މޭރުމަކުންނެވެ. ދިވެހިބަހުގައި ގެންގުޅޭ ދަރަޖަ ތަކުގެ ބޭނުމެއް ނުހިފައެވެ. އަހަރެން، އަޅުގަނޑު، މިއަޅާ އާއި ބުނުން، ދެންނެވުން، ދުޢާދެންނެވުން ފަދަ ބަދަލުތަކުގެ އަސަރެއް ނެތެވެ. މުޅިންވެސް މެދު ބަހުރުވަ އެވެ. ނުވަތަ ދަރަޖަ އެވެ. ދިވެހިބަހުގައި އޮންނަ ރީތި މާތްގޮތްތަކުގެ އަސަރެއްވެސް ނެތީއެވެ. އެއީ ކުޑަ ކުޑަ ކުދިން ލައްވާ ކުޅުވި ތަމްސީލެކެވެ. ދެން އެކުދިންނަށް ދަސްވާނީ އެގޮތެވެ. ބޭނުންކުރާނީ އެބީދައިންނެވެ. މިއީ ނުވެނުދާނެ ގޮތެއްކަމުގައި އެކަކުވެސް ދެބަހެއް ނުވާނެ ކަންކަށަވަރެވެ.

ސައިޓެއްގައި އޮތް ޚަބަރެއްކިޔާލީމެވެ. ލިއުމުގެ ކުށާއި އިބާރާތުގެ ކުށް ބައިވަރެވެ. އެއްވެސް ފަރުވާލެއް ނެތްކަހަލައެވެ. ލިއެވުނީމާ ނިމިފައެވެ. ރަނގަޅެއް ނުރަނގަޅެއް ބަލައިލާފައެއް ނެތެވެ. ތިކިތެޅިތާނަ އަކީ ތާނަ ލިއުމުގައި މިހާރު އެއްމެ ކުށްކުރުވާ ފަޅިއެވެ. ހ އާއި ޙ އެއީ އަދިވެސް ނޭނގޭ ނުވަތަ ދަސް ކުރަން ބޭނުންނުވާތީ އޮޅޭ ދެއަކުރެވެ. ސ އާއި ޞ ފަދަ އަކުރުތަކަކީ ރަނގަޅަށްވުރެ ނުބައިކޮށް ލިއަން ފަސޭހަ އަކުރުތަކަކަށް ވަނީ ވެފައެވެ. ސުކުންތައް ވެސް މިހާރަކަށް އައިސް މިވަނީ މާބޮޑަށް މިނިވަންވާން ފަށައިފައެވެ. ފުށާއި ފުކާ އޮޅި ނިމިއްޖެ ކަހަލައެވެ. ފުއް، ފުށް، މިއީ އެއްމާނައެއް ކުރެވޭ ދެބަހަކަށް ހަދައި ނުވަތަ ހެދި ނިމިދަނީއެވެ. ތ ސުކުނާއި އ ސުކުންވެސް އޮޅިފައެވެ. ކިޔާލަން ލިބޭ ދާދިމަދު ލިއުމަކުން ނޫނީ މިފަދަ ކުށްތައް މިހާރު ވެފައިމިވަނީ ހަމަ އާއްމު އެއްޗަކަށެވެ.

ވާހަކަ ދެއްކުމުގައިވެސް އަޅައިގަނެވޭ ވަރު ވެއެވެ. އަޅުގަނޑު ވިދާޅުވުމަކީ ނުބައެއްނޫންކަމަށް ހީވެ ގަބޫލުކުރެވި އެއީ މާތްކޮށްލެވޭ ގޮތެއްކަމުގައި މިހިރަވަނީ އެވެ. ތިޔަ ދަންނަވަނީ އެވާހަކަ ތޯ އޭ އެބަ ވިދާޅުވެއެވެ. ކޮންމެއަކަސް މިހިރަމިހިރަ ކަންކަން މިގޮތަށް ހުރީ ވަކި މިވެނިހިސާބެއްގައޭ ވެސް ބުނެ އިނގިލި ދިއްކުރެވޭކަށްވެސް ނެތެވެ. ޓީވީ ތަކާއި ރޭޑިއޯތަކުގައި ވެސް މަޑުމަޑުން މިކަންކަން މިދަނީ އާއްމު ވަމުންނެވެ. ޚުތުބާތަކާއި ދަރުސް ތަގުރީރު ތަކާއި ވެސް އެކުގައެވެ. އާއްމު ވާހަކަފޮތްތަކާއި މަޖައްލާ ނޫސް ތަކާއި އެކު އެއްމެ މުހިންމު އިދާރާ ތަކުން ނެރޭ މަޝްހޫރު ލިއުންތަކާއި ފޮތްފޮތުގައި ވެހެވެ.

ސުވާލަކީ މިއީ ހަމަ ކަން ވެގެންވާންވީ ގޮތެކޭ ބުނެވިދާނެ ހެއްޔެވެ؟ ޒިންމާ އެޅިފައިވާ ޒިންމާ އުފުލަންޖެހޭ ބަޔަކު ސަރުކާރުން ހަމަޖައްސަވާފައި ނުވަނީ ބާވައޭ ހީކުރަން ވީހެއްޔެވެ؟ އެމްއެންޑީއެފާއި ފުލުސް ނުވަތަ ޖުޑިޝަލް ދާއިރާތަކާއި މިކަން ބެހޭބާވައެވެ؟ ރައްޔިތުންގެ މަޖިލީހުން މިކަމާ އަޅާނުލަނީ ހެއްޔެވެ؟ ނުވަތަ ޒިންމާދާރުންގެ ތެރޭގައި ކައުންސިލްތަކާއި ތަފާތު މުއައްސަސާތައް ހިމެނިފައި ނުވަނީ ހެއްޔެވެ؟ ޖަވާބަކީ ހިމެނިފައި ހަމަޖެހިފައިވާނަމަ (މުސާރަ ބޭނުންކޮށްގެން ތިބެ ) މިކަމާ ނުއުޅެނީ ކޮންފަދަ އުޒުރެއް އޮތީތީކަން ނޭނގޭކަމެވެ؟ އެއާއި އެކު މިކަމާ ބެހެނީ ކޮންފަރާތަކާ ކަން ކަނޑައެޅިގެން ނޭނގޭ ކަމެވެ. ***
ގުޅޭ ޓެގު
comment ކޮމެންޓް