ފެތުނު ފެރީގެ ކެޕްޓަނާއި ފަޅުވެރިން ހައްޔަރުކޮށްފި

ބުދަދުވަހު ފެތުނު ސައުތު ކޮރެއާގެ ފެރީގެ ކެޕްޓަނާއި ފަޅުވެރިން ހައްޔަރުކޮށްފި އެވެ.

ދެކުނުކޮރެއާ ފުލުހުން މިއަދު އެމީހުން ހައްޔަރުކުރީ ފެރީ ފެތުމުން އޭގައި ތިބި މީހުންނަށް އަޅައި ނުލައި، އިހުމާލުވި ކަމުގެ ތުހުމަތުގައި ކަމަށް އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުންޏެވެ.

ފެރީ ބޯޓްގެ ކެޕްޓަނާއި ފަޅުވެރިން ހައްޔަރުކޮށްފައި ވާއިރު އެބޯޓުގެ ތެރޭގައި ތާށިވެފައިވާ މީހުން ހޯދުމަށް ސައުތުކޮރެއާ ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބޯޓްގެ ތެރޭގައި 270 މީހުން ތާށިވެފައިވާ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން ތިން މީހެއްގެ މަރުވެފައިވާ ހަށިގަނޑު މިއަދު ވަނީ ފެނިފައެވެ. މަރުވެފައިވާ 29 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާ ކަމަށް ވެސް ސައުތުކޮރެއާގެ އޮފިޝަލުންނާ ހަވާލާދީ އޭޕީ ބުންޏެވެ.

ދެކުނުކޮރެއާގެ 6800 ޓަނުގެ ބޯޓް އަޑިއަށް ދިޔައިރު އެބޯޓްގައި 474 މީހުން ތިއްބެވެ. އޭގެ ތެރެެއިން މިހާތަނަށް ސަލާމަތް ވެފައި ވަނީ 174 މީހުންނެވެ.

ބޯޓުން އިތުރު ބަޔަކު ދިރިތިއްބައި ސަލާމަތް ވުމުގެ އުއްމީދު މިހާރު ވަނީ ކުޑަވެފައެވެ. މޫސުން ގޯސް ވުމުގެ ސަބަބުން މީހުން ހޯދައި ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ.

ބޯޓް ފެތެން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު