ރާއްޖެ ތަރައްގީވާން ޖެހޭނީ އިސްލާމީ އުސޫލުގެ ތެރެއިން: ނާއިބް ރައީސް

ރާއްޖެއަށް ތަރައްގީ އާއި ކުރިއެރުން އަންނަޖެހޭނީ ރާއްޖޭގައި ގާއިމްވެފައިވާ އިސްލާމީ މަތިވެރި އުސޫލުގެ ތެރެއިން ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގެ ފާއިތުވި އަހަރުގެ ދަސްވެނިވުމުގެ ރަސްމިޔާތު ރޭ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ އެކިއެކި ދާއިރާތަކުން ތައުލީމް އުނގެނޭ ދަރިވަރުންނަށް އިސްލާމީ ހަމަތަކުގެ ތެރެއިން ތައުލީމް އުނގަންނައިދިނުމަށް ހާއްސަ ވިސްނުންތަކެއް މި ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަން މި ސަރުކާރުން ފައްޓަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނާއިބް ރައީސް ވިދާޅުވީ ލަސްތަކެއް ނުވެ ކުއްލިއްޔާ އިސްލާމިކް ޔުނިވާސިޓީއަކަށް ބަދަލުވެގެންދާނެ ކަމަށާއި އެކަމާ ބެހޭ މަޝްވަރާތައް ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކާ އެކު ކުރެވެމުން އަންނަ ކަމަށެވެ.

"މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އާއި އަދި މިފަދަ އެހެން ޔުނިވާސިޓީ ތަކާއި ގަތަރާއި ކުވޭތާއި އަދި މިނޫން ވެސް މިފަދަ ގައުމުތަކުގެ އެހީގައި ކުރެވެމުންދާ މަޝްވަރާ އާއި މަސައްކަތުގެ ތެރެއިން ލަސްތަކެއް ނުވެ މިއަދު ފެންނަމުންމިދާ ކުއްލިއްޔާ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަކަށް ބަދަލުވެގެންދާނެ،" ނައިބް ރައީސް ވިދާޅުވި އެވެ.

މިހާރުގެ ސަރުކާރު ވެރިކަމަށް އައުމުގެ ކުރީން ވެސް ރާއްޖޭގެ ތައުލީމީ ނިޒާމް އޮތް ގޮތް ވަރަށް ރަނގަޅަށް ވަޒަން ކޮށްފައިވާނެ ކަމަށާއި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި އެފަދަ ކަންތައްތައް ވަޒަންކޮށް ތައުލީމީ ދާއިރާއަށް ގިނަ ގުނަ ކަންތައްތަކެއް ތައާރަފްކޮށްފައިވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މުދައްރިސުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ޓަކައި މިއަދުގެ ސަރުކާރުން އިހްތިޔާރު ކޮށްފައިވަނީ "ކަޅާއި ހުދުގެ ފޭރާމެއް" ނޫން ކަމަށެވެ. ކުރިއަށް އޮތްތާގައި ތައުލީމީ ނިޒާމު އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކުރާނީ އިހްލާސްތެރިކަމާއި އެކީގައި ކަމަށް ވެސް ނާއިބް ރައީސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު