ދިޔާ ފެން ހުރި ކަމަށް ބެލެވޭ އެހެން ދުނިޔެ އެއް ފެނިއްޖެ

ދުނިޔޭގެ ބިން ފަދައިން ދިރިއުޅެވިދާނެ ބިމެއް ހޯދުމަށް ފަލަކީން ކުރަމުން ދާ މަސައްކަތުގައި މާ ބޮޑު ކާމިޔާބެއް ނުލިބި ދަހަތަކެއް ވަނީ ފާއިތު ވެ ގޮސްފައެވެ. އެހެންނަމަވެސް މި މަސައްކަތް ކާމިޔާބު ވެދާނެ ކަމުގެ އުންމީދުތައް މިހާރު ވަނީ އާވާން ފަށައިފައެވެ.

ބިމާ ގާތްގަނޑަކަށް އެއް ވަރެއްގެ ގުރަހައެއް ނުވަތަ ޕްލެނެޓެއް މިހާރު މި ވަނީ ފަލަކީންނަށް ފެނިފައެވެ. މި ކަމާ ގުޅޭ ގޮތުން މިހައި ތަނަށް ފަލަކީން ދައްކައިފައި ވާ ވާހަކަތަކަށް ނަޒަރު ހިންގައި ލާ އިރު، ތަރިރެއްގެ ވާސަޔަށް ފަހި ހިސާބުގައި ދައުރާނަ ކުރަމުން ދާ، މި ބިން ފަދަ ދުނިޔެއެއް ފެނިއްޖެ ކަމަށް ހާމަ ކޮށްފައިވެއެވެ. ކެޕްލަރ-186 އެފްގެ ނަން ދެވިފައި ވާ މި ގުރަހައިގެ ބޮޑުމިނަކީ ދުނިޔޭގެ ބިމުގެ 1.1 ގުނަ ކަމަށާއި، މި ގުރަހަ އޭގެ ތަރިރުގެ ވަށައިގެން ދައުރާނަ ކުރަނީ 130 ދުވަހުގެ ބުރެއްގައި ކަމަށް ވެސް ހާމަ ކޮށްފައިވެއެވެ. މި ހޯދުން ދަރިޔާފަތު (ޑިސްކަވަރ) ކޮށްފައި ވަނީ ކެޕްލަރުގެ ނަން ދެވިފައި ވާ ދުރުމިއުޅަނދު ބޭނުން ކޮށްގެންނެވެ.

ފަލަކީން ބުނާ ގޮތުގައި މިއީ އަހަރެމެންގެ ޝަމްސީ ނިޒާމުގެ (ސޯލާ ސިސްޓަމުގެ) ބޭރުން މިހައި ތަނަށް ފެނުނު ގުރަހަތަކުގެ ތެރެއިން ދިޔާ ފެން ހުރި ކަމަށް ބެލެވޭ ހަމަ އެކަނި ގުރަހައެވެ. އަދި މިއީ ދުނިޔޭގެ ބިން ނޫން ތަނެއްގައި ދިރި އުޅޭ ކަމަށް ބެލެވޭ އުފަރާއިން (އޭލިޔަނުން)ގެ ވަޒަނަކަށް ވުމުގެ ފުރުސަތު އޮތް ތަނެއް ކަމަށް ބެލެވޭ ފަދަ ގުރަހައަކަށް، މިހައި ތަނަށް ފެނުނު ގުރަހަ (ޕްލެނެޓް) ވެސް މެއެވެ.

http://www.sun.mv/albums/l_24175.jpg

ޝަމްސީ ނިޒާމުން ބޭރުގައި އުފަރާއިންގެ ދިރިއުޅުމުގެ މަކާނަކަށް ވުމުގެ ފުރުސަތު އޮތް، އަދި އަހަރެމެންގެ މި ދުނިޔެ ފަދަ ތަނެއް ފެނޭ ތޯ ފަލަކީން ލޯފުނާ އަޅަމުންދާތާ އެތައް ދަހައެއް ވަނީ ފާއިތު ވެފައެވެ. މިހާރު މި ވަނީ ފަލަކީންގެ މި މަސައްކަތަށް ކޮންމެވެސް ދިރުމެއް ލިބި، އެ ފަދަ "ދުނިޔެ"އެއް ފެނިފައެވެ. އެއީ ބިމުގެ ބޮޑުމިނަށް ވުރެ 1.1 ގުނަ ބޮޑު ގުރަހައެކެވެ. މި ގުރަހަ ދައުރާނަ ކުރަމުން ދަނީ ދުނިޔޭގެ ބިމާ 490 އަލި އަހަރުގެ ދުރުމިނުގައި ވާ ތަރިރެއްގެ ވަށައިގެންނެވެ. ކެޕްލަރ-186 އެފްގެ ނަން މިހާރު ދެވިފައި ވާ މި ގުރަހައަކީ އެ ތަނުގެ ސަތަހައިގައި ދިޔާ ފެން ހުރުމަށް އެކަށޭނަ ހާލަތްތަކެއް ހުރި އަދި ދުނިޔޭގެ ބިމާ އެއް ވަރުގެ ގުރަހައަކަށް މިހައި ތަނަށް ފެނުނު ފުރަތަމަ ގުރަހައެވެ. އަދި ޝަމްސީ ނިޒާމުން ބޭރުން ފެނުނު މިފަދަ ފުރަތަމަ ގުރަހަ ވެސް މެއެވެ. މިއީ ތަރިރެއްގެ ވަށައިގެން ވާސަޔަށް ފަހި ހިސާބުގައި ދައުރާނަ ވާ ގުރަހައެއް ކަމުން މި ގުރަހައިގެ ސަތަހަ މަތީގައި ފެނާއި ދިރުން ހުރުން އެކަށީގެން ވާ ކަމަށް ސައެންސްވެރީން ގަބޫލު ކުރެއެވެ. މީގެ މާނައަކީ މި ތަނުގައި އުފަރާއިންގެ ހަޔާތެއް ގާއިމު ވެފައި އޮތުމުގެ ފުރުސަތު ވެސް އޮތުން ކަމަށް ފަލަކީން ބުނެއެވެ.

މި ހޯދުން ހޯދިފައި ވަނީ ނާސާ އޭމްސް ރިސާޗް ސެންޓަރުގެ ސެޓީ އިންސްޓިޓިއުޓުގެ އެލީސާ ކުއިންޓާނާގެ ގިޔާދަތުގައި ނާސާގެ ކެޕްލަރ ޖައްވީ ދުރުމީގެ ގުރަހަވީ ދާނަ (ޕްލެނެޓަރީ ޑޭޓާ)ތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ފަލަކީންގެ ޖަމާއަތަކަށެވެ.

މިއަދާ ހަމަޔަށް މި ދުރުމީން ވަނީ އެތައް ސަތޭކަ ގުރަހަތަކެއް ހޯދައިފައެވެ. އެހެންނަމަވެސް މިއީ ދިރުމަކަށް ފުރުސަތު ލިބޭ ވަރަށް ވުރެން ބޮޑު ނުވަތަ އެ ގުރަހައިގެ ތަރިރާ މާ ގާތުން ނުވަތަ މާ ދުރުން ދައުރާނަ ވަމުން ދާ ގުރަހަތަކެވެ. އެހެންކަމުން ކެޕްލަރ-186 އެފް، ދަރިޔާފަތު ކުރެވުމަކީ ގުރަހަތައް ހޯދުމުގެ މަސައްކަތުގައި ކަޑައްތު ކުރެވުނު ވަރަށް ވެސް ބޮޑު މޭލުގަލެކެވެ. މިއީ ރަތް ގަޒުމު ތަރިރެއް ކަމުގައި ވާ ކެޕްލަރ-186ގެ ވަށައިގެން ވާ ގުރަހަވީ ނިޒާމުގެ އެންމެ ބޭރު އަދި ފަސްވަނަ ދުނިޔެއެވެ. ގާތްގަނޑަކަށް ޔަގީން ކުރެވޭ ގޮތުގައި މިއީ ހިލަބިމުގެ ގުރަހައެކެވެ.

http://www.sun.mv/albums/l_24176.jpg

ކެޕްލަރ-186-އެފް ހޯދުމާ އެކު، މި ހޯދުން މުހިންމު ވެފައި ވަނީ، މިއީ ތަރިރެއްގެ ވާސަޔަށް ފަހި ހިސާބުން މިހައި ތަނަށް ފެނުނު، ދުނިޔޭގެ ބިމާ އެއްވަރުގެ ފުރަތަމަ ދުނިޔެ ކަމަށް ވާތީއެވެ. ވާސަޔަށް ފަހި ހިސާބުތައް ނުވަތަ "ގޯލްޑިލޮކްސް ޒޯންސް" ތަކަކީ ތަރިރެއްގެ ވަށައިގެން އޮންނަ އަދި އެތަނުގައި ފެން އުފެދުމަށް އެކަށޭނަ ހަރާރަތެއް ލިބިގެން ވާ ސަރަހައްދުތަކެވެ. މިސާލަކަށް މި ދުނިޔޭގެ ބިމަށް ބަލާ އިރު، މި ބިން މި އޮތީ އަހަރެމެންގެ ތަރިރު ކަމުގައި ވާ އިރުގެ ވާސަޔަށް ފަހި ނުވަތަ ދިރުންތަކަށް ފަހި ހިސާބުގެ މެދުގައެވެ.

މީގެ ކުރީން ޝަމްސީ ނިޒާމުން ބޭރު ތަރިރުތަކުގެ ވާސަޔަށް ފަހި ހިސާބުން ގުރަހަތަކެއް ފެނުނު ނަމަވެސް އެ ގުރަހަތަކުގެ ބޮޑުމިން ބިމާ އެއް ވަރެއް ނޫނެވެ. ސައެންސްވެރީން ގަބޫލު ކުރާ ގޮތުގައި މި ދުނިޔޭގެ ބިމަކީ ދިރުންތަކަށް އުޅެވޭ ފަދަ މާހައުލަކަށް ވާ ފަދައިން މި ބިމާ އެއް ކަހަލަ ސިފަތަކެއް ހިއްސާ ކުރާ އެހެން ދުނިޔެއެއްގައި ވެސް ދިރުން ހުރުމަކީ އެކަށީގެން ވާ ކަމެއް ކަމަށް ބެލޭ ފަދަ އަގްލީ ސަބަބުތަކެއް އެބަ ހުށްޓެވެ. އެހެންކަމުން ދިރޭ ތަކެއްޗަށް އުޅެވޭ ފަދަ މާހައުލެއް އޮތް ދުނިޔެތަކުގެ ތެރެއިން މިހައި ތަނަށް ފެނުނު ފުރަތަމަ ދުނިޔެ ކަމަށް ކެޕްލަރ-186 އެފް ވުމުގެ ފުރުސަތު އެބަ އޮތެވެ.

"ގޯލްޑިލޮކްސް ޒޯން" ނުވަތަ "ހެބިޓެބްލް ޒޯން" ނުވަތަ ވާސަޔަށް ފަހި ހިސާބަކީ ގުރަހައިގެ ސަތަހައިގައި ދިޔާ ފެން ޖަމާ ވުމަށް އެކަށޭނަ ހަރާރަތެއް ނުވަތަ ހޫނުފިނިމިނެއް އެކުލެވޭ ސަރަހައްދުގައި، ތަރިރެއްގެ ވަށައިގެން އޮންނަ ކަމަރެވެ. ތަރިރެއްގެ ވަށައިގެން އޮންނަ ވާސަޔަށް ފަހި ހިސާބު ކަނޑައެޅުމަށް ސައެންސްވެރީން އެންމެ ފުރަތަމަ ދެނެގަންނާން ޖެހެނީ އެ ތަރިރަކުން ބޭރު ކުރާ ހޫނާއި އެ ހޫނު ފެތުރިގެންދާ މިންވަރެވެ. މި މިންވަރު ވިޔަ ކުރަނީ ތަރިރުގެ ބޮޑުމިނާއި ވައްތަރަށް ރިއާޔަތް ކޮށްގެންނެވެ. ދެން، ފެން އުފެދުމަށް އެކަށޭނަ، މާ ހޫނު ނޫން ނުވަތަ މާ ފިނި ނޫން ސަރަހައްދެއް އެމީހުންނަށް އަންދާޒާ ކުރެވިދާނެއެވެ.

"އަހަރެމެންގެ މި ދުނިޔެ ނަމޫނާއަކަށް ބަލާ ނަމަ، ފެނަކީ ދިރުމަކަށް ވަރަށް މުހިންމު އެއްޗެއް،" ކަމަށް، ކެޕްލަރ-186 އެފް ހޯދުނު ދިރާސާގައި ބައިވެރިވާ އިސް މުސަންނިފެއް އަދި ކެޕްލަރ ހަރަކާތުގެ ސައެންސުވެރިއެއް ކަމަށް ވާ ޑރ. ސްޓީވް ހޮވެލް މެއިލްއޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. ފެން ހުންނާނެ ފަދަ ގުރަހައެއް ދަރިޔާފަތު ކުރުން މުހިންމު ވީ މި ސަބަބަށް ޓަކައެވެ.

ޝަމްސީ ނިޒާމުން ބޭރުގައި ނަމަވެސް އުފަރާއިންގެ ހަޔާތެއް (އޭލިޔަން ލައިފްއެއް) ވާ ނަމަ، އެފަދަ ހަޔާތެއް އޮތުމުގެ ފުރުސަތު އޮތުމުގެ ސަބަބުން އުފަރާއިންނާ ބެހޭ މައުލޫމާތު އެންމެ ފުރަތަމައަށް ލިބުމުގެ ފުރުސަތު މި ވަގުތަށް ބަލާ އިރު، އޮތީ ކެޕްލަރ-186 އެފް ދިރާސާ ކޮށްގެންނެވެ. މި ގުރަހަ ދައުރާނަ ވަނީ އެމް-ގިންތީގެ ގަޒުމު ތަރިރެއްގެ ވަށައިގެންނެވެ. މި ދުނިޔޭގެ އިރަށް ވުރެ ކުޑަކޮށް އަލި ފަނޑުވުމުގެ ސަބަބުން މި ތަރިރުގެ ވާސަޔަށް ފަހި ހިސާބު އޮންނާނީ ދުނިޔެ އާއި ދުނިޔޭގެ އިރުގެ ނިސްބަތުން ބަލާ އިރު، މި ތަރިރާ ތަންކޮޅެއް ކައިރީގައެވެ. މިކަމާ ވެސް އެކު ކެޕްލަރ-186 އެފް ދައުރާނަ ވަނީ ދުނިޔޭގެ ބިމާ ތަފާތު ބުރެއްގައެވެ. އަދި މީގެ ސަބަބުން މި ގުރަހަ ތަރިރުގެ ވަށައިގެން ބުރެއް ފުރިހަމަ ކުރަނީ 130 ދުވަހުންނެވެ. ދުނިޔޭގެ ބިން މިފަދަ ބުރެއް ފުރިހަމަ ކުރަނީ 365.25 ދުވަހުންނެވެ.

http://www.sun.mv/albums/l_24177.jpg

ކެޕްލަރ-186 އެފް އޮންނަނީ ކެޕްލަރ-186 ތަރިރުގެ ވާސަޔަށް ފަހި ހިސާބުގެ ކޮޅުގައެވެ. މި ނިޒާމުގައި ހިމެނޭ އަނެއް ހަތަރު ގުރަހައަށް ބަލާ އިރު، މި ގުރަހަތައް 3 ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެއްގައި ތަރިރުގެ ވަށައިގެން ދައުރާނަ ބުރެއް ފުރިހަމަ ކުރެއެވެ. މީގެ ސަބަބުން މި ގުރަހަތަކުގެ ހަރާރަތު މަތިކަމުން މި ގުރަހަތަކުގައި ދިރުމެއް ގާއިމު ވުމަކީ މުސްތަހީލު ކަމެއް ކަމަށް ފަލަކީން ބުނެއެވެ.

ތަރިރެއްގެ ވާސަޔަށް ފަހި ހިސާބުގައި ގުރަހައެއް ދައުރާނަ ވުމަކީ އެ ގުރަހައެއްގައި ފެން ހުންނާނެ ކަން ސައްތައިންސައްތައަށް ޔަގީން ކޮށް ދޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް މި ދުނިޔޭގެ ބިން ފަދައިން ކަނޑުތަކާއި ކޯރުތައް ހުރެދާނެ ކަމުގެ ފުރުސަތު އެންމެ ބޮޑު ގުރަހައަކަށް މި ވަގުތު އޮތީ ކެޕްލަރ-186 އެފްއެވެ. އަދި ދުނިޔޭގެ ޖައްވު ފަދަ ޖައްވެއް އޮތުން ވެސް އެއީ ފެން ހުރުމަށް މެދުވެރިވާ ސަބަބެއް ކަމުން ކެޕްލަރ-186 އެފްގައި މިފަދަ ހުރިހައި ހާލަތެއް ފުރިހަމަ ވޭތޯ މިއީ ވެސް އަދި ޖަވާބު ނުލިބޭ ސުވާލުތަކެވެ. އަދި ދުރުމީން މިހާރު ފެންނަ ގޮތަށް ބަލާއިރު، މި ގުރަހައިގައި ގަސް ހުރި ކަމަށް ވާ ނަމަ، އެ ގަސްތައް ފެހި ކުލައިގެ ބަދަލުގައި ރީނދޫކޮށް ހުރި ކަމުގެ ނިޝާންތަކެއް ފެންނާތީ، މިއީ ދުނިޔޭގެ ބިމުގެ އެއްމާބަނޑު ނިބުލަކަށް ވުމަށް ވުރެ ކައިރީ ދެބެންގެދެދަރި "ކަޒިން"އަކަށް ވުމާ ކަމަށް ފަލަކީން ވިދާޅުވެއެވެ.

ކޮންމެއަކަސް މި ވަގުތު ދުނިޔޭގައި ތިބި އިންސާނުންނަށް ކެޕްލަރ-186 އެފްއާ ހަމަޔަށް ދިއުމަކީ އަދި ޖައްވީ ދަތުރު ފަތުރު ހުރި ގޮތުން މުސްތަހީލު ކަމެކެވެ. އެހެންކަމުން މި ވަގުތު ކެޕްލަރ-186 އެފްއަށް ހިޖުރަކުރާން އެދޭ ނަމަ، އެ އެދުން ބާއްވާން ޖެހޭނީ ހަގީގަތަކަށް ނުވާނެ ހުވަފެނެއްގެ ގޮތުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް