ދަގަނޑޭގެ ލަނޑުން ޕީޑީއާރުއެމްއަށް ބޮޑު ލީޑެއް ލިބިއްޖެ

ޕުލާއޫ ޕިނާންގްއާ ދެކޮޅަށް ކުޅުނު މެޗު ނިމެނިކޮށް ރާއްޖޭގެ ގައުމީ ޓީމް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބުކުރި ލަނޑުން ޕޮލިސް ޑި ރާޖާ (ޕީޑީއާރުއެމް) މެލޭޝިއާ ޕްރިމިއާ ލީގު ތާވަލްގެ ކުރީގައި ބޮޑު ލީޑެއް ނަގައިފި އެވެ.


ޕީޑީއާރުއެމް ހަތް ޕޮއިންޓްގެ ލީޑެއް ހޯދީ މެލޭޝިއާ ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި އިއްޔެ ޕުލާއޫ ޕިނާންގްގެެ އަތުން 2-1 ލަނޑުން މޮޅުވެގެންނެވެ.

މެޗުގެ 53 ވަނަ މިނިޓުގައި ޕީޑީއާރުއެމް އަށް ކުރި ހޯދައިދިނީ ބްރެޒިލްގެ ފޯވާޑް ޗާލްސް ސޫޒާ ޗާޑް އެވެ. އޭގެ ފަހުން މެޗުގެ 68 ވަނަ މިނިޓުގައި ޕިނާންގެ ޕުލާއޫ ޕިނާންގް އަށް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދިނީ ލީ ގިލް ހުން އެވެ. އަދި ދަގަނޑޭގެ ލަނޑު ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ.

ރޭ ޕީޑީއާރުއެމް އަތުން ބަލިވެ، ޕުލާއޫ ޕިނާންގް ތާވަލްގެ ތިންވަނަ އަށް ވެއްޓުނު އިރު، މި މޮޅާއެކު ޕީޑީއާރުއެމް އަށް ލިބިފައި ވަނީ 38 ޕޮއިންޓެވެ. މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ޕީޑީއާރުއެމް ބަލިވެފައެއް ނުވެ އެވެ.


އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވަމުންދާ ރާއްޖޭގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ދަގަނޑޭ ދޫކުރުމަށް ޕީޑީއާރުއެމް އިން ނިންމާފައިވުމާއި ގުޅިގެން، ކުރިއަށް އޮތް ތިން މެޗަށް އެ ޓީމު ނުކުންނަން ޖެހޭނީ އޭނާ ނުލަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު