ކަސްޓަމްސް ބަލިކޮށް އެފްއެސްއެމް ކުއާޓާގެ ޖާގައެއް ހޯދައިފި

މިހާރު ކުރިއަށްދާ ކަލްބު މޯލްޑިވްސް ކަޕުގެ ގަދަ ސޯޅައިގައި ކަސްޓަމްސް ބަލިކޮށް އެފްއެސްއެމް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ގަދަ ސޯޅައިގެ މެޗުތަކުގެ ތެރެއިން އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްއެސްއެމް އާއި ކަސްޓަމްސް އެވެ. 5-2 ލަނޑުން އެފްއެސްއެމް މޮޅުވި މި މެޗުގައި އެ ޓީމަށް އަބްދުﷲ ޝަފީއު ހާޝިމް (ކޭޑީ) ތިން ލަނޑު ޖަހައި ހެޓްރިކެއް ކާމިޔާބުކުރި އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ލަރީފް (ރޮނާ) އެވެ.

ކަސްޓަމްސްގެ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މުމްތާޒް އަބްދުލް ރަޝީދު ކާމިޔާބުކޮށްދިން އިރު، ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގައުމީ ޓީމް ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އެފްއެސްއެމްއަށް ތިން ލަނޑު ކާމިޔާބުކޮށްދިން ކޭޑީ އަށެވެ.

ސްޓެލްކޯއާ ދެކޮޅަށް ކުޅުނު މެޗުން 4-2 ލަނޑުން މޮޅުވެ ޕޮލިސް ކްލަބު ވެސް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މެޗުގައި ޕޮލިސް ކްލަބަށް އަހްމަދު ޝާން ތިން ލަނޑު ޖަހައި ހެޓްރިކެއް ކާމިޔާބުކުރި އިރު، އަނެއް ލަނޑު ކާމިޔާބުކުރީ އަހްމަދު ރިފްޝާން އެވެ. ސްޓެލްކޯގެ ދެލަނޑު ކާމިޔާބުކުރީ އަބްދުﷲ މުހައްމަދު (އައްޑޯ) އާއި ހާރޫން އިބްރާހީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހެޓްރިކެއް ކާމިޔާބުކުރި ޕޮލިސް ކްލަބުގެ ޝާން އެވެ.

ޔުނައިޓެޑް ބީއެމްއެލް އަތުން 1-0 ލަނޑުން މޮޅުވެ ކްލަބު އެމްޓީސީސީ ވަނީ ކުއާޓާގެ ޖާގައެއް ހޯދައިފަ އެވެ. މެޗުގައި އެމްޓީސީސީގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ގިތުރީޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ވެސް ހޮވުނީ އޭނާ އެވެ.

އެއާޕޯޓްސް އިން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ މާލޭ ސިޓީ ކައުންސިލް އަތުން 3-1 ލަނޑުން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެއާޕޯޓްސް ކޮމްޕެނީގެ އަލީ ހައިޝަމް (ޗިމްޕު) އެވެ.

މުބާރާތުގެ ގަދަ ސޯޅައިގެ ހަތަރު މެޗެއް މިއަދު ވެސް ކުރިއަށް ދާނެ އެވެ. ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ހައުސިންގް މިނިސްޓްރީއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ނުކުންނަ އިރު، ދެވަނަ މެޗުގައި އެލައިޑް ނުކުންނާނީ އެމްއާރުޑީސީއާ ދެކޮޅަށެވެ. ރޭގަނޑު ކުޅޭ ފުރަތަމަ މެޗުގައި ސިވިލް ކޯޓާއި ދެކޮޅަށް އެސްޓީއޯ ނުކުންނަ އިރު، ފަހު މެޗުގައި އިމިގްރޭޝަނާއި ދެކޮޅަށް ނުކުންނާނީ ރައީސް އޮފީސް ސޯޝަލް ކްލަބެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު