އަލަށް ހަދާ ދަނޑުތައް ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ: ޔޫތު މިނިސްޓަރު

ާސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ތަރައްގީކުރާ ދަނޑުތައް ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، 19 ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށް ދެ ކޮންޓްރެކްޓަރަކާ ހަވާލުކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

"އަޅުގަނޑުމެންގެ ވިސްނުން ހުރީ ދަނޑުތައް އަވަހަށް ހަލާކު ނުވާގޮތަށް ދިގު މުއްދަތަކަށް، ގާތްގަނޑަކަށް އަޅުގަނޑުމެންނަށް މިހާރު ލިބިފައިވާ މައުލޫމާތުގަ އަޅުގަނޑުމެން މި ބޭނުންކުރާ މެޓީރިއަލް އެކަނިވެސް 15 ވަރަކަށް އަހަރުގެ ވޮރެންޓީ ލިބޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ގާއިމްކުރާ ދަނޑުތައް ވެގެންދާނީ ބައިނަލްއަގްވާމީ ދަނޑުތަކަކަށް،" މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، ދަނޑުތަކުގައި ބޭނުންކުރެވޭ މެޓްތަކަކީ ރަނގަޅު ކޮލިޓީއެއްގެ މެޓްތަކެއް ކަމަށާއި އެ ދަނޑުތަކަކީ ރޭގަނޑު ގަޑީގަ ވެސް ކުޅެވޭނެ ގޮތަށް ގާއިމްކުރެވޭ ދަނޑުތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ގާއިމްކުރާ ފުޓްސަލް ދަނޑުތަކަކީ ރޭގަނޑު ގަޑީގަ ވެސް ކުޅެވޭނެ ގޮތަށް އިންޒާމުކުރެވިގެން ގާއިމްކުރެވޭ ދަނޑުތަކެއް. އަޅުގަނޑުމެންގެ ދަނޑުތަކުގެ ފިނިޝިންގް އަށް ނުވަތަ ފިނިޝިންގް މެޓް އެޅުމަށް ބޭނުންކުރަން މި ނިންމާފަ ވަނީ މުޅި ދުނިޔޭގަ ވެސް މި ދެންނެވި ފަދަ ފުޓްސަލް ދަނޑުގައި އަޅާ މެޓްތައް ރަނގަޅު ކޮލިޓީއެއްގަ ހަދާ ކުންފުންޏާ ހަވާލުކުރުމަށް. އެ ކުންފުންޏާ މި މަހު 21 ވަނަ ދުވަހު ރާއްޖޭއަށް ޒިޔާރަތްކޮށް އެބޭފުޅުންނާ އަޅުގަނޑުމެން މަޝްވަރާތަކެއް ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ތަރައްގީކުރަން ހަވާލުކުރި 19 ދަނޑަށް އަލިއަޅުވާލައި މަލީހު ވިދާޅުވީ، އެ ފުޓްސަލް ދަނޑުތައް ވެގެންދާނީ އެންމެ މަތީ ފެންވަރުގެ ދަނޑުތަކަށް ކަމަށެވެ.

"ހަމަ އެހެންމެ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އަނެއް ނުކުތާއަކީ އަޅުގަނޑުމެން ކޮންޓްރެކްޓްގަ މި ސޮއިކުރެވުނު މި އެގްރިމެންޓްގެ ދަށުން ގާއިމްކުރެވޭ ފުޓްސަލް ދަނޑުތައް ވެގެންދާނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ފުޓްސަލް ދަނޑުތަކަށް. އެގޮތުން މި ޕްރޮޖެކްޓްގަ ވެސް ދެ ކޮމްޕޯނަންޓެއް ނުވަތަ ދެ ބައެއް އެބަ ހިމެނޭ. އޭގެ އެއް ބަޔަކީ ދަނޑުގައި ހިމެނޭ ކޮންކްރީޓް އެޅުމުގެ މަސައްކަތާ ފެންސް ޖެހުމާއި އަދި ހަމަ އެހެންމެ ލައިޓް ހަރުކުރުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ތަރައްގީކުރާ 34 ފުޓްސަލް ގާއިމްކުރުމަށްޓަކައި 50 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވެގެންދާނެ ކަމަށް އަންދާޒާކުރައްވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު