ދިއްދޫ އިން ގިރާފައިވާ ސަރަހައްދު ހިމާޔަތްކުރަން ފަށައިފި

ހއ. ދިއްދޫގެ ގިރާފައިވާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން ޖަންބޯ ބޭގް ޖަހަން ފަށައިފިއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝިނާން ސަން އަށް ވިދާޅުވީ އިއްޔެ އިން ފެށިގެން ކުރަމުންދާ އެ މަސައްކަތުން 100 ޖަންބޯ ބޭގް ޖެހުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެމަސައްކަތް ކުރަމުންދަނީ ދިއްދޫގައި އެންމެ ބޮޑަށް ގިރާލާފައިވާ ސަރަހައްދު ކަމަށްވާ ހުޅަނގު ދެކުނު ފަރާތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ކައުންސިލްގެ އިސްނެގުމުގެ މަތިން ކުރަމުންދާ މަސައްކަތެއް، މި މަސައްކަތުގައި ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ބޭފުޅުންނާއި ރަށުގެ ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުން،" ޝިނާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދުގައި ޖަންބޯ ބޭގް ޖެހުމުގެ މަސައްކަތް މިއަދު ނިންމާލެވޭނެ ކަމަށެވެ.

ހއ. ދިއްދޫގެ ބޮޑު ބައެއް ވަނީ ގިރާލައިފަ އެވެ. ރަށް ގިރުމުގެ މައްސަލައަކީ އެ ރަށަށް ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެކެވެ. އެ ރަށު ކައުންސިލުން ބުނާ ގޮތުން ނަމަ 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް 300 ވަރަކަށް ފޫޓް އެރަށުން ވަނީ ގިރާލާފަ އެވެ.

ސަންގެ ނޫސްވެރިން ދިއްދޫ އަށް ގޮސް ބެލި އިރު އެ ރަށުގެ ހުޅަނގުފަރާތުން ބޮޑު ބައެއް ގިރާފައިވާތަން ވަނީ ފެނިފަ އެވެ. އަދި އެރަށް ގިރުމުގެ ސަބަބުން ގިނަ އަދަދެއްގެ ރުއްގަސް މޫދަށް ވެއްޓިފައިވެެ އެވެ. މީހުން އުޅޭ ސަރަހައްދާ ގާތް ވާވަރަށް މިހާރު އެރަށް ދަނީ ގިރަމުންނެވެ. އެހެލާފައި ހުރި ބައެއް ދޯނި ފަހަރު މޫދަށް ފައިބާވަރަށް އެރަށް ދަނީ ގިރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު