އެހެން ގައުމުތަކުގައި ބިދޭސީންގެ އަތްމައްޗަށް ކަންތައް ދޫނުކުރާ މިންވަރަށް ރާއްޖޭގައި ވަނީ ދޫކޮށްފައި: ނާއިބް ރައީސް

އެހެން ގައުމުތަކުގައި ބިދޭސީންގެ އަތް މައްޗަށް ކަންތައްތައް ދޫނުކުރާ މިންވަރަށް ރާއްޖޭގައި ބިދޭސީންގެ އަތްމައްޗަށް ކަންކަން ދޫކޮށްފައިވާ ކަމަށް ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގެ މިއަހަރުގެ ދަސްވެނިވުން ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ، އެހެން ގައުމުތަކުގައި ބިދޭސީންނަށް ކަންތައް ދޫނުކުރާ މިންވަރަށް ރާއްޖޭގައި ކޮށްފައި ހުރުމުން، ރާއްޖޭގެ އިޖްތިމާއީ ފޭރާމަށްވެސް އެކަމުގެ ނުރަނގަޅު އަސަރު ތަކެއް ކުރަމުންދާ ކަމަށެވެ.

"ތަރައްގީ ވެފައިވާ ގައުމުތަކުންވެސް ބޭރު މީހުންގެ އަތް މައްޗަށް ކަންކަން ދޫނުކުރާ މިންވަރަށް މިއަދު ދިވެހި މުޖުތަމައުގައި އަޅުނގަޑުމެން ވަނީ އަޅުނގަޑުމެންގެ ކަންތައްތައް ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށްފަ. ބޭރު މީހުންނަށް ބަރޯސާވެފައިވާ މިންވަރުން ރާއްޖޭގެ އިޖްތިމާއި ފޭރާމަށްވެސް އަސަރު ކުރަމުންދާ ކަމާއި މެދު ވިސްނަންޖެހޭ،" ނާއިބް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި މަތީ ތައުލީމް ހާސިލް ކުރާ ކުދިން ގިނަވެ، މަތީ ތައުލީމު އުނގަންނައިދޭ މަރުކަޒުތައް އިތުރުވަމުންދިޔަ ނަމަވެސް ބައެއް ދާއިރާތަކުގައި މުޅިންހެން ބިދޭސީން ހަރަކާތްތެރިވުމަކީ އެކަންތައްތަކަށް އެޅިގެންދާނެ ހުރަހެއް ކަމަށެވެ.

"ބައެއް ދާއިރާތަކުގައި މުޅިންހެން ބޭރު މީހުންނަށް ބަރޯސާ ކުރުމަކީ ރާއްޖެ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ކުރިއެރުމަށާއި ރައްކާތެރިކަން ހޯދުމަށް ކުރާ ދަތުރަށް ގިނަގުނަ ދަތިތަކާއި ކުރިމަތިވާނެ ކަމެއް،" ނާއިބް ރައީސް ވިދާޅުވި އެވެ.

އެގޮތުން މަސްވެރިންނާއި ދަނޑުވެރިންގެ އިތުރުން ޒުވާނުންނަށް މި ސަރުކާރުން ބޮޑެތި ކަންތައްތަކެއް ކޮށްދިނުމަށް ނިންމާފައިވާއިރު، ފެނިގެންދަނީ ދަނޑުތަކާއި މަސްއޮޑިތައް ބިދޭސީންނަށް ދޫކޮށްލައި ގޭގައި ތިބޭ ތަން ކަމަށްވެސް ނާއިބް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވުން އެއީ މާތް ﷲގެ ވަރަށް ބޮޑު ރަހުމަތެއް ކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދިވެހިންގެ ތަރައްގީ އަށްޓަކައި ދިވެހިންގެ އިސްލާމްދީން ދޫކޮށްލުމަކީ ލިބޭނެ ކުރިއެރުމެއް ނޫން ކަމަށެވެ.

"ރާއްޖެއަށް ތަރައްގީ އައުމަކީ، ދިވެހިންގެ އިސްލާމީ ޝަހްޝިއްޔަތު ހަދިޔާއެއްގެ ގޮތުގައި ބޭރު މީހުންނަށް ދޫކޮށްލުމަށްފަހުގައި އަޅުނގަޑުމެން ހޯދާ ތަރައްގީއެއްގެ ގޮތުގައި ވެއްޖެ ނަމަ އެއީ ލިބިގެންދާނެ ކުރިއެރުމަކަށް ނުވާނެ. އެކަންވެގެންދާނީ ރާއްޖެއަށް ލިބިގެންދާނެ ހިތާމައަކަށް،" ނައިބް ރައީސް ވިދާޅުވި އެވެ.

ދިވެހިންގެ ތަރައްގީއަކީ އެހެން ވާދަވެރި ސަގާފަތްތަކުގެ އަހުލުވެރިން އެދޭގޮތަށް ތައުލީމީ މަންހަޖު ބަދަލުކުރާ ތަރައްގީއަކަށް ވެގެން ހިނގައްޖެނަމަ އެކަމުންވެސް ދިވެހިންނަށް ލިބިގެންދާނީ ހިތާމަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނާއިބް ރައީސް ވިދާޅުވީ، ދިވެހިން ސާބިތުވެ ތިބި އިސްލާމީ އަގީދާ އާއި ދިވެހިން ގަބޫލުކުރާ ހަމަތަކާއި އިސްލާމީ ތަރިކަ ކިލަނބުކުރަން ރާއްޖޭގެ އެއްވެސް ފަރާތަކުން އަދި ސިޔާސީ އެއްވެސް ވެރިއަކު މަސައްކަތެއް ކުރުމަކީ ގައުމީ ސަލާމަތަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވެގެންދާނެ ބޮޑު ނުރައްކަލެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު