ލައްކައެއްހާ ޑޮލަރު ގަތުމަށް އެމްއެންބީސީން މީހަކާ ހަވާލު ކުރި ރުފިޔާ ވަނީ ގެއްލިފައި: އޮޑިޓް

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)އަށް 100،000 އެމެރިކާ ޑޮލަރުގަތުމަށް އަމިއްލަ ފަރާތަކާ ހަވާލުކުރި ރުފިޔާ އަނބުރާ ލިބިފައި ނުވާކަން އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ ވެރިކަމުގައި ޓެލެވިޜަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު ހިންގުމަށް 2009 ވަނަ އަހަރު އުފެއްދި ކުންފުނީގެ ހަތަރު މައްސަލައެއް ބަލައި އޮޑިޓް އޮފީހުން އެކުލަވައިލި ހާއްސަ ރިޕޯޓުގައި ބުނެފައި ވަނީ، 100،000 ޑޮލަރު ގަތުމަށް އެމްއެންބީސީއިން އަމިއްލަ މީހަކަށް ދިން 1.5 މިލިޔަން ރުފިޔާއަށް ބޭރުފައިސާ ނުދީ، މަކަރާ ހީލަތުގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ލިބިފައި ނުވާ ފަރާތަކާއެކު އެމްއެންބީސީން ސެޕްޓެމްބަރު 19، 2011ގައި ޑޮލަރު ގަތުމަށް ކުރި އެއްބަސްވުމެއްގެ ދަށުން 100،000 ޔޫއެސް ޑޮލަރު ގަތުމަށް އަމިއްލަ މީހަކަށް 1.5 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި އެ ފައިސާއަށްވާ ޑޮލަރު ވިއްކުމަށް އެ މީހާގެ ޑޮލަރު އެކައުންޓުން އެމްއެންބީސީއަށް ދިން ދެ ޗެކް ބައުންސްވެ އޭނާގެ އަތުން ޑޮލަރުވެސް އަދި ރުފިޔާ ވެސް ލިބިފައި ނުވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ޑޮލަރު ގަތުމަށް އަމިއްލަ ފަރާތަކަށް އެމްއެންބީސީން ދިން ފައިސާއަށް ޑޮލަރު ނުލިބުމާއި އަދި އެ ފައިސާ ވެސް އަނބުރާ ދީފައި ނުވާ މައްސަލަ ބަލައި ތަހުގީގުކުރުމަށް އެމްއެންބީސީއިން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށަހަޅާފައި ވަނީ، އެއްބަސްވުމުގެ މުއްދަތު ފާއިތުވިތާ ފަސް މަސްދުވަސް ފަހުން ކަމަށްވާތީ، އޭރު އެމްބީސީހިންގެވުމާ ހަވަލުވެތިއްބެވި ފަރާތްތަކާއި ކުންފުނީގެ ބޯޑުން އެ ފައިސާ ހޯދުމުގައި އިހްމާލުވެފައިވާ ކަމަށްވެސް އޮޑިޓާ ޖެނެރަލް ސޮއިކުރައްވާފައިވާ ރިޕޯޓުގައި ވެއެވެ.

ޑޮލަރު ގަތުމަށް ކަމަށްބުނެ އެމްއެންބީސީއިން އަމިއްލަފަރާތަކަށް ދިން 1.5 މިލިޔަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި އޮޑިޓާ ޖެނެރަލް ލަފާދެއްވާފައި ވަނީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމަށް ފަހުވެސް އެ ފައިސާ ނުލިބޭނަމަ، މައްސަލަ ޝަރީއަތަށް ހުށަހެޅުމަށެވެ. އަދި އެ މައްސަލަ ދައުލަތުގެ ކަމާބެހޭ ތަހުގީގީ އިދާރާއަކަށް ހުށަނާޅައި ލަސްކޮށްފައިވާތީ އެކަމުގައި އިހްމާލުވި ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އެންޓި-ކަރަޕްޝަން ކޮމިޝަނަށް (އޭސީސީ)އަށް ހުށަހެޅުމަށް ވެސް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ.

އެމްއެންބީސީގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ވާގޮތުން އެ ކުންފުންޏަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ވެސް މަސައްކަތް ކޮށްފައި ނުވާކަމަށް އެ ރިޕޯޓުގައި ވެއެވެ. އެގޮތުން އެމްއެންބީސީގެ ދަށުން ހިނގަމުންއައި ޓީވީއާއި ރޭޑިއޯ ޗެނަލްތަކުން އެކިފަރާތްތަކަށް ދީފައިވާ ހިދުމަތްތަކާއި ވިއްކާފައިވާ ތަކެތީގެ އަގަށް މާޗް 12، 2013ގެ ނިޔަލަށް އެމްއެންބީސީއަށް ލިބެންޖެހޭ 10 މިލިއަން ރުފިޔާ މިހާތަނަށް ލިބިފައި ނުވާ ކަމަށް ކުންފުނީގެ ލިޔެކިޔުންތަކުން އެނގޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު