އިތުރު ފަސް ދަނޑު ތަރައްގީ ކުރުމަށް ބިޑަށް ހުޅުވައިލެވިފަ ވާނެ: މަލީހު

ސަރުކާރުން ހިންގާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 18 ރަށެއްގައި އެޅުމަށް ނިންމާފައިވާ 19 ފުޓްސަލް ދަނޑުގެ އިތުރުން، އިތުރު ފަސް ދަނޑު ތަރައްގީ ކުރުމަށް ބިޑަށް ހުޅުވައިލެވިފައިވާ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަލީހު މިކަން ހާމަ ކުރެއްވީ 19 ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

"މިއަދު ސޮއިކުރެވިގެން މިދިޔަ 19 ދަނޑުގެ އިތުރުން، އިތުރު ފަސް ދަނޑެއް ބިޑަށް މިވަނީ ހުޅުވައިލެވިފަ. އަދި ބިޑް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" މަލީހު ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހު އެމްޓީސީއާ 11 ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވާ އިރު، އެމްއާރުޑީސީއާ ހަވާލުކޮށްފައި ވަނީ އަށް ދަނޑުގެ މަސައްކަތެވެ. އެމްޓީސީއާ ހަވާލުކޮށްފައި ވަނީ ހއ. ދިއްދޫ އާއި ނ. ވެލިދޫ އާއި ނ. ހޮޅުދޫ އާއި ހދ. ނޮޅިވަރަން އާއި ރ. ދުވާފަރާއި ޅ. ހިންނަވަރާއި ޅ. ނައިފަރާއި އދ. މަހިބަދޫ އާއި ތ. ތިމަރަފުށި އާއި ބ. ތުޅާދޫ އަދި ގދ. ތިނަދޫގައި އަޅާ ދަނޑުގެ މަސައްކަތްތަކެވެ. އަދި އެމްއާރްޑީސީއާ ހަވާލުކޮށްފައިވަނީ ތ. ވިލިފުއްޓާއި ސ. ހިތަދޫ އާއި ސ. މީދޫ އާއި ސ. ހުޅުދޫ އާއި ސ. މަރަދޫ އާއި ޏ. ފުވައްމުލަކުގައި އަޅާ ދެ ދަނޑު އަދި ގއ. ވިލިނގިލީގައި އަޅާ ދަނޑުގެ މަސައްކަތެވެ.

"އަޅުގަނޑުމެން މިއަދު މި ހަވާލުކުރީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވޭ ސްޕޯޓްސް އެރީނާގެ ތެރެއިން 18 ސަރަހައްދެއްގަ 19 ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް މި ހަވާލުކުރެވުނީ އެމްޓީސީސީ އަށް އެގާރަ ދަނޑު އެޅުމުގެ މަސައްކަތް. އަދި ހަމަ އެހެންމެ އެމްއާރުޑީސީ އަށް ދަނޑެއް އެޅުމުގެ މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، 19 ދަނޑު އެޅުމަށް ސަރުކާރުން ޖުމްލަ 16.8 މިލިއަން ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށާއި އެ ދަނޑުތަކުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ޖުމްލަ 16.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓް ނިމޭނެ ކަމުގެ އުންމީދު އަޅުގަނޑަށް އެބައޮތް. އަޅުގަނޑުމެން ރާއްޖޭގައި ސްޕޯޓްސް އެރީނާތައް ގާއިމްކުރުމުގެ މަޝްރޫއު ވަރަށް ބާރަށް ކުރިއަށް އެބަ ގެންދަން،" އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު