މިލިޓަރީ ވެޓަރަންސްގެ ކޮމާންޑަރަކަށް މުހައްމަދު ޒާހިރު، ޑެޕިއުޓީއަކަށް އަހުމަދު ޒާހިރު

ދިވެހި އަސްކަރުގެ އިސް ހިދުމަތްތެރިންގެ ޖަމްއިއްޔާ، މޯލްޑިވްސް މިލިޓަރީ ވެޓެރަންސް (މޯލްވެޓްސް)ގެ ކޮމާންޑަރުގެ މަގާމަށް، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) މުހައްމަދު ޒާހިރު އަދި ޑެޕިއުޓީ ކޮންމާންޑަރަކަށް ކާނަލް (ރިޓަޔާޑް) އަހުމަދު ޒާހިރު އިންތިހާބުކޮށްފި އެވެ.

ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގެންފައިވާ ސިފައިންނަށް ހާއްސަކޮށްގެން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ބައްދަލުވުމުގައި މޯލްވެޓްސްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި މަގާމުތަކަށް ކުރިމަތި ލެއްވެވި ފަރާތްތަކުގެ މެދުގައި ވަނީ ވޯޓެއް ނަގައި މެމްބަރުން އަންޔަން ކޮށްފަ އެވެ.

އެގޮތުން ފައިނޭންޝިއަލް އޮފިސަރަކަށް އައްޔަންކުރީ ލެފްޓިނެންޓް ކާނަލް (ރިޓަޔާޑް) އިބްރާހިމް ރަޝީދެވެ. މީގެއިތުރުން އެކްޒެގެޓިވް 5 މެންބަރުންގެ ގޮތުގައި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަހުމަދު ނައީމް މުހައްމަދާއި ކާނަލް (ރިޓަޔާޑް) ޝައުކަތު އިބްރާހިމާއި ކާނަލް (ރިޓަޔާޑް) އާދަމް އިބްރާހިމް މަނިކާއި ލެފްޓިނެންޓް ކާނަލް (ރިޓަޔާޑް) އަބްދުއްޝަކޫރު އަބަދުއްﷲ އަދި ލެފްޓިނެންޓް ކާނަލް (ރިޓަޔާޑް) ޑޮކްޓަރު ހުސެއިން ހަލީމް ވަނީ ހަމަޖައްސާފަ އެވެ.

މީގެއިތުރުން މޯލްވެޓްސް ގެ އޮޕަރޭޝަން އޮފިސަރަކަށް މޭޖާ (ރިޓަޔަރޑް) އާދިލް ރަޝީދު ވަނީ ހަމަޖައްސާފަ އެވެ. އެ މަގާމަކީ މޯލްވެޓްސް ގެ ފުރިހަމަ މެންބަރުންގެ ތެރެއިން މޯލްވެޓްސްގެ ކޮމާންޑަރު އައްޔަނު ކުރައްވާ މަގާމެކެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހްމަދު ޝިޔާމް ޝަރަފުވެރިކޮދެއްވި އެ ބައްދަލުވުމަށް ވަޑައިގެންނެވި ސިފައިންގެ ހިދުމަތުން ވަކިވެފައިވާ ހިދުމަތްތެރިން ވަނީ ޖަމިއްޔާގައި ރަޖިސްޓްރީކޮށްފަ އެވެ. އަދި އެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަހްމަދު މުހައްމަދާއި ޖެނަރަލް އޮފިސަރުންނާއި ހިދުމަތުން ވަކިވެފައިވާ ގިނަ އަދަދެއްގެ ބޭކަލުން ބައިވެރިވެލެއްވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު