މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އިންތިޚާބުކުރުމުގެ ގަވާއިދަށް ބަދަލުތަކެއް ގެންނަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބް ރައީސް އިންތިޚާބު ކުރުމަށް ވޯޓުލާއިރު، ވޯޓު ކަރުދާހުގައި ފާހަގަޖެހުން ފިޔައި އިތުރު ނިޝާނެއް ޖަހައިފިނަމަ އެ ވޯޓު ބާތިލްވާގޮތަށް ގަވާއިދަށް ބަދަލުގެނައުމަށް ކޮމެޓީން ފާސް އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އާންމު ކޮމެޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒު ވިދާޅުވީ، އެގޮތަށް ގަވާއިދު ބަދަލުކޮށްފައި ވަނީ ފާއިތުވި އިންތިޚާބުތަކުގެ ތަރުޖިބާ އަށް ބެލުމަށްފަހު ކަމަށެވެ.

ޝިފާޒު ވިދާޅުވީ، ގަވާއިދަށް ގެނައި ބަދަލުގައިވާގޮތުން ވޯޓު ކަރުދާހުގައި ހެޔޮފާހަގަ އަދި ނުބައިފާހަގަ ފިޔަވައި އިތުރު ނިޝާނެއް ކުރަހައިފިނަމަ އެ ވޯޓު ކަރުދާސް ބާތިލްވާނެ ކަމަށެވެ. އަދި ވޯޓުލާން ޖެހޭނީ މަޖިލީހުގެ ސެކްރެޓޭރިއޭޓުން ދޫކުރާ ޚާއްސަ ގަލަމަކުން އެކަނި ކަމަށް ގަވާއިދުގައި ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަވާއިދަށް ގެނައި އިސްލާހުގައި ސިއްރު ވޯޓަކީ ކޮބައިކަން ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެއްބޭފުޅަކަށް ދެ މަގާމަށް ކުރިމަތި ނުލެވޭނެ ކަމަށާއި ރައީސް ކަމުގެ މަގާމަށް ނުހޮވިއްޖެނަމަ ދެން ނާއިބް ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު އެބޭފުޅަކަށް ނުދޭގޮތަށް ގަވާއިދުގައި ހިމަނާފައިވާނެ ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަވާއިދަށް ގެނައި އިސްލާހުތަކާ އެކު ކޮމެޓީގެ ރިޕޯޓު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް މިހާރު ފޮނުވާފައިވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު