މަޖީދިއްޔާ ސްކޫލްގައި "ބީޓެކް" ޕްރޮގްރާމް އިފްތިތާހުކޮށްފި

ސްކޫލްތަކުގެ މަތީ ގްރޭޑް ތަކުގައި ތައުލީމް ހާސިލް ކުރަމުން ގެންދާ ދަރިވަރުން ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުމުގެ ގޮތުން ތައުލީމާބެހޭ ވުޒާރާއިން ފަށާފައިވާ، އެޑެކްސެލް "ބީޓެކް" (ބިޒްނަސް އެންޑް ޓެކްނޮލޮޖީ އެޑިއުކޭޝަން ކައުންސިލް) ޕްރޮގްރާމް މަޖީދިއްޔާ ސްކޫލްގައި އިފްތިތާހުކޮށްފި އެވެ.

ދަރިވަރުން މަސައްކަތުގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން ތިން ދާއިރާއަކަށް ބަހާލައިގެން އިހްތިޔާރީ ކޯސްތަކެއްގެ ގޮތުގައި ފަށާފައިވާ މި ޕްރޮގްރާމް، މަޖީދިއްޔާ ސްކޫލްގައި އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ތައުލީމާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް އެވެ.

ރާއްޖޭގައި ބީޓެކް ކޯހުގެ ތިން ލެވެލްއަކަށް ކިޔަވައިދޭއިރު، ފުރަތަމަ ލެވެލްގެ ކިޔެވުން ފަށަނީ ގްރޭޑް 8 ގަ އެވެ. އަދި ދެވަނަ ލެވެލް ގްރޭޑް 9ގައި ހަދާއިރު ތިންވަނަ ލެވެލްއަށް ކިޔަވައިދެނީ ގްރޭޑް 10ގަ އެވެ.

ސްޕޯޓްސް، އާޓްސް އެންޑް ޑިޒައިން އަދި ބިޔުޓީ ތެރަޕީ، މި ތިން ދާއިރާގެ ތެރެއިން ދަރިވަރުން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭ މި ކޯސްތަކުގައި މިއަހަރު މަޖީދިއްޔާ ސްކޫލްގެ 62 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އަދި ރާއްޖޭގެ އެކި ސްކޫލް މަދަރުސާތަކުގައި މިއަހަރު ބީޓެކް ހަދާ ޖުމްލަ 365 ދަރިވަރުން ތިބި ކަމަށް ތައުލީމާބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

ތައުލީމާބެހޭ ވުޒާރާއިން ބުނީ، ބީޓެކް ކޯހުގެ މައިގަނޑު މަގުސަދަކީ، ސްކޫލް މާހައުލުން ނުކުންނަ ކޮންމެ ދަރިވަރަކީ ވެސް އުފެއްދުންތެރި އަދި ގައުމަށް ފައިދާހުރި ދަރިވަރަކަށް ހެދުމުގެ ދަރިވަރަކަށް ހެދުމަށް ހިންގޭ ޕްރޮގްރާމެއް ކަމަށެވެ. އަދި ރާއްޖޭގެ ވާދަވެރި ވަޒީފާގެ ބާޒާރުގައި ފައިތިލަ ސާބިތުކުރުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ހިންގާ ޕްރޮގްރާމެއް ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މަޖީދިއްޔާ ސްކޫލްގައި ރޭ ބޭއްވި ހާއްސަ ހަފްލާގައި އެ ސްކޫލުން މިއަހަރު ބީޓެކް ހަދާ ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދިނުންވެސް އޮތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު