ފްރީޒްކޮށްފައިވާ ފައިސާއިން 450 މިލިޔަން ޑޮލަރު އީރާނަށް ދިނުމަށް އެމެރިކާ ނިންމައިފި

ވޮޝިންޓަން (އެޕްރީލް 18): މީގެ ތިރީސް ފަސް އަހަރު ކުރިން އެމެރިކާގެ ބޭންކްތަކުގައި ފްރީޒް ކޮށްފައިވާ އީރާނުގެ އެތަށް ހާސް މިލިޔަން ޑޮލަރެއްގެ ތެރޭން 450 މިލިޔަން ޑޮލަރު އީރާނަށް އަނބުރައި ދިނުމަށް އެމެރިކާ ނިންމައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ މި 450 މިލިޔަން ޑޮލަރު އީރާނަށް އަނބުރައި ދިނުމަށްޓަކައި އީރާނުގެ މަރުކަޒީ ބޭންކަން އެފައިސާ ޓްރާންސްފަރ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފި ކަމަށާއި ވަރަށް އަވަހަށް މިފައިސާ އީރާން ސަރުކާރަށް ލިބިގެންދާނެ ކަމުގައެވެ. އީރާނުގެ މި 450 މިލިޔަން ޑޮލަރު 35 އަހަރަށްފަހު އެގައުމަށް އަނބުރައި ދިނުމަށް އެމެރިކާ އިއްޔެ ނިންމާފައިވަނީ އީރާނުގައިވާ ފައްކާކޮށްފައިވާ ޔޫރޭނިޔަމްގެ ސްޓޮކްގެ ބޮޑުބައެއް ނައްތާލުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެގައުމުން އަޅަމުން ގެންދާކަން އދ. ން ހާމަކުރުމާ ގުޅިގެންނެވެ.

ނިއުކްލިޔަރ ހަކަތައާބެހޭ އދ. ގެ އެޖެންސީ އައިއޭއީއޭ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އީރާނުގައިވާ ފައްކާކޮށްފައިވާ ޔޫރޭނިޔަމްގެ ސްޓޮކްގެ ގާތްގަނޑަކަށް 75 އިންސައްތަ ރައްކާތެރިކަމާއެކު ނައްތާލުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އީރާނުން މިހާރު އަޅަމުން ގެންދާ ކަމަށާއި މިކަން ކުރަމުންގެންދަނީ ނިއުކްލިޔަރ މައްސަލައިގައި އީރާނާއި ހުޅަނގާ ދެމެދު ވެފައިވާ ވަގުތީ އެއްބަސްވުން ތަންފީޒު ކުރުމުގެ ގޮތުން ކަމުގައެވެ.

މިއެއްބަސްވުމުގެ ދަށުން އެމެރިކާވަނީ 20 ބިލިޔަން އެމެރިކާ ޑޮލަރުގެ ތެޔޮ، ދަތިކުރުމުގެ ފިޔަވަޅުތަކުން ބޭރުގައި ވިއްކުމުގެ ހުއްދަވެސް ދީފައެވެ. އަދި އީރާނުގެ ގައުމީ އެއާލައިން ކަމަށްވާ އީރާން އެއަރގެ ބޮއިންގް މަތިންދާބޯޓުތަކަށް ބޭނުންވާ ސްޕެއަރޕާޓްސް އީރާނަށް ވިއްކުމުގެ ހުއްދަވެސް ބޮއިންގ ކުންފުންޏަށް ވަނީ ދީފައެވެ. އީރާނާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން މިތަކެތި އީރާނަށް ވިއްކުންވެސް އެމެރިކާ ސަރުކާރުން ބޮއިންކުންފުންޏަށް މަނާކޮށްފައިވާތާ ތިރީހަކަށް އަހަރު ވެފައިވެއެވެ.

އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމަށް އެގައުމާއި ހުޅަނގުގެ ބާރުތަކާދެމެދު ސޮއިކޮށްފައިވާ ވަގުތީ އެއްބަސްވުމުގެ ދަށުން ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު، އީރާނަށް މަނާކޮށްފައިނުވި ނަމަވެސް އީރާނަށް ޔޫރޭނިޔަމް ފައްކާކުރެވޭނީ 20 އިންސައްތައަށްވުރެ ދަށް މިންވަރަކަށެވެ. 20 އިންސައްތައަށްވުރެ ދަށް މިންވަރަކަށް ޔޫރޭނިޔަމް ފައްކާކުރި ނަމަވެސް އީރާނުގެ ނިއުކްލިޔަރ އިންޖީނުގެތަކަށް ބޭނުންވާ މިންވަރަށާއި ޑޮކްޓަރީ ބޭނުންތަކާއި ދަނޑުވެރިކަންފަދަ މަދަނީ ބޭނުންތަކަށް ބޭނުންވާ ނިއުކްލިޔަރ އައިސޮޓޮޕްސް މިވަރުން އުފެއްދޭނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ނިއުކްލިޔަރ ބޮމެއް އުފެއްދުމަށް ޓަކައި މަދުވެގެން 85 އާއި 90 އިންސައްތައާ ދެމެދުގެ މިންވަރަކަށް ޔޫރޭނިޔަމް ފައްކާކުރަންޖެހޭ ކަމަށް އެކަމުގެ ތަޖުރިބާކާރުން ދެކެއެވެ.

އެމެރިކާއިން އިއްޔެވަނީ ނިއުކްލިޔަރ އެއްބަސްވުން އީރާނުން ތަންފީޒުކުރާނަމަ އީރާނާ ދެކޮޅަށް އެގައުމުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިތުރު ލުއިތައް ދެމުން ގެންދާނެކަންވެސް ހާމަކޮށްފައެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު