ޔުކްރޭންގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ހުޅަނގާއި ރަޝިޔާ އެއްބަސްވެއްޖެ

ޖެނީވާ (އެޕްރީލް 18): ޔުކްރޭންގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ޔުކްރޭނާއި ރަޝިޔާއާއި ހުޅަނގުގެ ބާރުތައް އެއްބަސްވެއްޖެއެވެ.

ޔުކްރޭންގެ މައްސަލަ ހައްލުކުރުމާބެހޭގޮތުން މަޝްވަރާކުރުމަށް ޖެނީވާގައި އިއްޔެ ބޭއްވި ބައްދަލުވުމުން ނިންމާފައި ވަނީ އެމައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރުމަށެވެ.

އެމެރިކާ، ރަޝިޔާ އަދި ޔުކްރޭން ގެ ޚާރިޖީ ވަޒީރުންނާއި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ކެޓްރިން އެޝްޓަން ބައިވެރިވެ ވަޑައިގަތް މިބައްދަލުވުން ކާމިޔާބު ކަމަށް މިހަތަރު ފަރާތުންވެސް ވަނީ ބުނެފައެވެ.

މިބައްދަލުވުމުގައި އެމެރިކާ، ރަޝިޔާ އަދި ޔުކްރޭން ގެ ޚާރިޖީ ވަޒީރުންނާއި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ކެޓްރިން އެޝްޓަން، އެއްބަސްވެ ވަޑައިގެންފައިވަނީ ޔުކްރޭންގެ މައްސަލަ އިތުރަށް ހޫނުކުރުމުގެ ބަދަލުގައި އެމައްސަލަ ފިނިކުރުމަށެވެ. މިގޮތުން ޔުކްރޭންގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ ގޮތުން ތަންފީޒުކުރުމަށް އެބައްދަލުވުމުން ނިންމި ކަންތައްތަކުގެ ތެރޭގައި ޔުކްރޭންގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޣައިރު ގާނޫނީ ޖަމާއަތްތައް ރޫޅާލުމާއި ޔުކްރޭންގެ މިހާރުގެ ސަރުކާރާ އިދިކޮޅު ހުރިހާ ފަރާތްތަކަކަށް މަޢާފްދިނުމާއި ޔުކްރޭންގެ އެކި ނަސްލުތަކަށް ނިސްބަތްވާ މީހުންގެ މެދުގައި ތަފާތުކުރުން ހުއްޓާލައި ހަމަހަމަކަމާއި އިންސާފުވެރި ގޮތުގައި ޔުކްރޭންގެ ސަރުކާރުން އެމީހުންނާމެދު މުއާމަލާތް ކުރަމުން ގެންދިޔުމެވެ.

ޔުކްރޭންގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ އެއްބަސްވުމުގައި ހިމެނޭ މިފިޔަވަޅުތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރާނީ ޔުރަޕްގެ އަމަނާއި އެއްބާރުލުމާބެހޭ ޖަމްއިއްޔާ ކަމަށްވެސް ޖެނީވާގެ ބައްދަލުވުމުން ނިންމާފައިވެއެވެ.

ޔުކްރޭންގެ މައްސަލައަކީ ފިނި ހަނގުރާމައަށްފަހު ޔޫރަޕްގައި އުފެދުނު އަމަނާބެހޭ އެންމެ ނުރައްކާތެރި މައްސަލައެވެ. މިމައްސަލަ ފެށުނީ ހުޅަނގަށް ތާއީދުކުރާ ޔުކްރޭންގެ ހަރުކަށި ފަރާތްތަކުން މިދިޔަ ފެބްރުއަރީމަހު ޔުކްރޭންގެ އިންތިޚާބީ ސަރުކާރު ވައްޓާލުމަށްފަހު އުފެއްދި ވަގުތީ ސަރުކާރުން އެގައުމުގައި ދިރިއުޅޭ ރަޝިޔާ ދަރިކޮޅުގެ މީހުންނަށް ބިރުދައްކުންފަދަ ހަރުކަށި އަމަލުތައް ހިންގުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މިކަންތައްތަކާ ގުޅިގެން ޔުކްރޭންގެ ބައެއްގެ ގޮތުގައިއޮތް ކްރައިމިޔާވަނީ ޔުކްރޭނުން ވަކިވެ ރަޝިޔާގެ އިއްތިހާދުގެ ބައެއްގެ ގޮތުގައި ހަމަޖެހިގެން ގޮސްފައެވެ. އަދި ޔުކްރޭންގެ އެހެން ބައެއް ސަރަހައްދުތަކުންވެސް ވަނީ ޔުކްރޭންގެ ބައެއްގެ ގޮތުގައި އެސަރަހައްދުތައް އޮތުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓުތައް ނެގުމަށް ނިންމާފައެވެ.

މީގެއިތުރުން ޔުކްރޭންގެ އިރުމަތީ ތިން ރަށެއްކަމަށްވާ ސްލަވިޔަންސިކް އާއި ކަރަމަތޯރު އަދި ދޮނިތްސިކްގެ ބޮޑުބައި ރަޝިޔާއަށް ތާއީދުކުރާ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށްދިޔުމުން ޔުކްރޭން ސިފައިންވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ.

ރަޝިޔާގެ ރައީސް ވަލްޑިމޭރު ޕޫޓިން ވަނީ ޔުކްރޭން ސިފައިން ގެ އަސްކަރީ އޮޕަރޭޝަންގައި އެގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފިނަމަ ޔުކްރޭންގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި ޔުކްރޭންގެ މައްސަލައާ ގުޅިގެން އެމެރިކާއާއި ޔުރަޕުން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައްވެސް އަޅާފައެވެ. ނަމަވެސް އިއްޔެގެ އެއްބަސްވުމާއެކު މިފިޔަވަޅުތައް އުވާލާނެކަން އެމެރިކާއާއި ޔޫރަޕުންވަނީ ހާމަކޮށްފައެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު