ޒުވާން ޖާދޫގަރެއްގެ ހުނަރު އޮލިމްޕަސްގައި މިއަދާއި މިރޭ!

ޒުވާން ކުދިންތަކެއް ތާސްބައެއް ހިފައިގެން ހުރި ޒުވާން ފިރިހެން ކުއްޖަކާ އެކު އާޓިފިިޝަލް ބީޗްގައި ކޮފީއެއް ބޯން ތިބި ބައެއްގެ ކައިރިއަށް މަޑުކޮށްލުމަށްފަހު އޭނާގެ ކުޑަ ތައާރަފެއް ދިނެވެ. އެ މީހުން ބުނީ އެއީ ވަަރަށް ހުނަރުވެރި ޖާދޫގަރެއް ކަމަށެވެ. އެ މީހުންގެ އެ ވާހަކައަކަށް މާ ޝައުގުވެރިކަމެއް ނުދެވުނެވެ. ނަމަވެސް ކުއްލި ހައިރާން ކަމަކާ އެކު އެއީ ހުނަރުވެރި ގާދޫގަރެއްކަން ގަބޫލްކުރަން މަޖުބޫރުވީ އޭނާގެ އަތުގައި އޮތް ތާސްބައިގެ ހުރިހާ ގަނޑެއް ދެއްކުމަށް ފަހު މުޅި ތާސްބައި އެއްކޮށް "ޗިޅިޔާ ބިބީ"އަށް ބަދަލުކޮށްލިތަން ފެނިފަ އެވެ.

އާޓިފިޝަލް ބީޗްގައި ތިބި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ޝައުގުވެރިކަން އޭނާ ވަނީ ތާސްބައިންނާއި އެއް ރުފިޔާ އަގައިން ބިއްދައިލުމަށްފަހު އަލުން އެ ރުފިޔާ ކުރިން އިން ގޮތަށް ބަދަލުކޮށްލައިގެން ހޯދައިފަ އެވެ.

އެ ޖާދޫގަރަކީ ލަންކާގެ ޒުވާން ޖާދޫގަރެއް ކަމުގައިވާ އެމިލް އެރަގޭ 26، އެވެ. އޭނާއަކީ އުމުރުން 10 އަހަރުން ފެށިގެން ޖާދޫ ހެދުމަށް ޝައުގު ހުންނަ ކުއްޖެކެވެ. ހައިރާން ކުރަނިވި އެ ޒުވާން ޖާދޫގަރު ވަނީ މިހާތަނަށް ގައުމީ ފެންވަރުގެ ހަތަރު އެވޯޑެއް ހާސިލްކޮށްފަ އެވެ.

ޑްރީމް ޕްރިންސް އޮފް ސްރީލަންކަން މެޖިކްގެ ނަމުން މަޝްހޫރުވެފައިވާ ހުނަރުވެރި ޒުވާން ޖާދޫގަރުގެ އަޖައިބުން ފުރިފައިވާ ހުނަރުތައް ދައްކާލުމަށްޓަކައި މިއަދާއި މިރޭ އޮލިމްޕަސްގައި ވަރަށް ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭނާގެ ހުނަރުތައް ދައްކާލުމަށް ލެގަސީ ސްޓޫޑިއޯއިން އިންތިޒާމުކޮށްގެން "މެޖިކަލް މޯމެންޓް" ގެ ނަމުގައި އޮލިމްޕަހުގައި މިއަދު މެންދުރު ފަހު 2:30 އާއި 4:00 ގައި އަދި މިރޭ 21:00 ޖުމްލަ ތިން ޝޯވ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ޝޯތަކުގެ ޓިކެޓްތައް ވިއްކުމަށް ހަމަޖެހިފައި ވަނީ އޮލިމްޕަސްއިންނެވެ.

ލެގަސީގެ ސްޓޫޑިއޯގެ އޮފިޝަލަކު ބުނީ މެންދުރު ބާއްވާ ޝޯއަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ޝޯއެއް ކަމަށެވެ. އަދި ހަވީރު ބާއްވާ ޝޯވ ބިދޭސީންނަށް ހާއްސަކޮށްފައިވާއިރު އެ ދެ ޝޯގެ ޓިކެޓް ވިއްކުމަށް ހަމަޖައްސައިފައި ވަނީ 50 ރުފިޔާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިރޭ ބާއްވާ ޝޯއަކީ 18 އަހަރުން މަތީގެ ބޮޑުތި މީހުންނަށް ހާއްސަކޮށްގެން ބާއްވާ ޝޯއެކެވެ. އެ ޝޯވްގެ ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ.

ލެގަސީ ސްޓޫޑިއޯއިން ބުނީ މިއަދާއި މިރޭ އޮލިމްޕަސްގައި ބާއްވާ ޝޯވްގައި އޭނާގެ ޖާދޫގެ އެތައް ހުނަރެއް ފެނިގެންދާއިރު އެންމެންގެ ލޯ ކުރިމަތީގައި ބޮޑިތި މީހުން ބުރިކޮށްލުން ފަދަ ހައިރާން ކުރަނިވި އެތައް ހުނަރެއް ފެނިގެންދާނެ ކަަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު