ބައިވެރިޔާއާއި ޖެހޭ ކުދި މައްސަލަތަކަށް ހައްލެއް

ކިތަންމެ ލޯބިން އުޅޭ ދެމަފިރިއަކު ކަމުގައި ވިޔަސް އެދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހުމަކީ ނުވެ ނުދާނެ ކަމެކެވެ. ކޮންމެ މީހަކުވެސް ކައިވެނި ކުރުމަށްފަހު އެކައިވެނި ދަމަހައްޓަން ބޭނުން ވާނެ އެވެ. ނަމަވެސް ކުރެވޭ ކުދި ކުދި ކަންތައްތަކުން އެކައިވެނި ރޫޅިގެން ދަނީ ހީވެސް ނުކުރާ ގޮތަކަށެވެ.

އެހެންކަމުން، ބައިވެރިޔާ އާއި ޖެހޭ މައްސަލަތައް މަދުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލައިލާނަމެވެ.

ގޭގެ މަސައްކަތް ދެމީހުނަށް ހަމަހަމައަށް ބަހައިލެވިދާނެ އެވެ. ގޭތެރޭގައި ކުރާ މަސައްކަތް ދެމަފިރިންގެ ދެމެދުގައި ހަމަ ހަމައަށް ބަހައިލައިގެން އުޅޭ ބައިވެރިން މަދެއްނޫނެއެވެ. އެންމެ ހަމަހަމަ އުސޫލުން ކުރަން ބޭނުން ވެގެން ނިންމާ މި ކަންތައް ގިނަފަހަރު ނިމޭނީ ބޮޑު މައްސަލަ ގަނޑަކުން ކަމަށްވެސް ވެދާނެއެވެ. އެއީ ހަމަހަމަ އަށް ދެމަފިރިންނަށް ބަހާ މަސައްކަތް އެކަކަށް ނުވުމުން އަނެކާ ހިތްހަމަނުޖެހޭ މައްސަލަ ކުރިމަތި ވަމުންދިއުމުންނެވެ. ނުވަތަ އެކަކު ކުރަންޖެހޭ މަސައްކަތެއް އަނެކާއަށް ކުރަންޖެހުމުން ޖެހޭ މައްސަލަތަކެވެ.

މީގައި އެންމެ ރަނގަޅު ގޮތަކީ ހަމަހަމައަށް މަސައްކަތް ބެހުމުގެ ބަދަލުގައި އެމީހަކު ކުރަން އެންމެ މޮޅު ދާއިރާއަކުން މަސައްކަތް ކުރުމެވެ. މިސާލަކަށް ތިމާގެ ބައިވެރިޔާ ބިލްތައް ދެއްކުމާއި ގެއަށް ބާޒާރު ކުރުމަށް މޮޅުވެދާނެއެވެ. ތިބާ ގެ ކުނިކަހާ ސާފުކުރަން މޮޅުވެދާނެއެވެ. މަސައްކަތް ހަމަހަމަ އަށް ބެހުމުގެ ބަދަލުގައި އެމީހަކު ކުރާ ހިތްވާ މަސައްކަތެއް ކުރުމުން ދެމީހުންގެ ދެމެދުގައި ނުތަނަވަސްކަން އުފެދުން ކުޑަވެގެން ދެއެވެ. މުހިއްމީ ބައިވެރިޔާ ކުރަނީ ކިތައް މަސައްކަތްތޯ ބެލުމެއްނޫނެވެ. ނަމަވެސް ދެމީހުންގެ ބައިވެރިވުން ގޭތެރޭގެ ކަންކަމުގައި އޮތުމެވެ.

ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި ވެސް މައްސަލަ ޖެހޭނެއެވެ. މައްސަލަ ނުޖެހެންޏާ އެއީ މައްސަލައެކެވެ. އެއްވެސް އިންސާނަކީ އެންމެ ފުރިހަމަ މީހާއެއް ނޫނެވެ. އަދި ކޮންމެ ދުވަހަކީ ވެސް ތަފާތު ދުވަހެކެވެ. އުފާވެރިކަމާއި ހިތާމަވެރިކަން އަންނާނެ އެވެ. ޝަކުވާއާއި މައްސަލަތައް އަންނާނެ އެވެ. ނަމަވެސް އެމައްސަލަތައް ޖެހުމުން އެއީ ދެން ދުނިޔެ ނިމުނީ ނޫންކަން ހަނދާން ކުރާށެވެ. އެންމެ ރަނގަޅު ގޮތަކީ ދެމީހުން ރުޅި މަޑުވުމުން އެވާހަކަ ދައްކައި އޭގެ ހައްލު ހޯދުމެވެ. ދެމީހުނަށް އެ މައްސަލައެއްގައި ފެންނަ އެންމެ ރަނގަޅު ގޮތަކަށް މައްސަލަ ހައްލުކުރުމެވެ. އަދި މައާފުކޮށް އެކަންތައް ހަނދާން ނައްތާލައި ދެމީހުންގެ އުފާވެރި ވަގުތުތައް ހަނދާން ކޮށް ކުރިމަގަށް ވިސްނުމެވެ.

ވަރަށް ގިނައިން އިވޭ ވާހަކައެކެވެ. މައްސަލަ ޖެހިގެން ތިބެ އެ ހައްލުނުކޮށް ދެމީހުން ނުނިދާށެވެ. ނަމަވެސް މިއީ މުޅިން ރަނގަޅު ގޮތެއް ނޫނެވެ. ގިނަ ފަހަރު މައްސަލަ ޖެހިގެން ރުޅިއައިސް ތިބޭއިރު ދެމީހުނަށް ވެސް އެމީހަކަށް ވިސްނޭގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބެލެވެއެވެ. އަދި މައްސަލަ ހައްލުކުރާނީ ނުވަތަ ފުރަތަމަ މައާފަށް އެދޭނީ ކާކު ކަމެއް ނޭނގި މުޅިރޭ މައްސަލަ ހައްލުނުވެ ދާގޮތް ވެސް ވެއެވެ. ދެން ނުނިދާ ތިބުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟. ރަނގަޅު ގޮތަކީ ބައެއް ރޭރޭ މައްސަލަ ހައްލު ނުވިއަސް ދެމީހުންވެސް ނިދަން ދިއުމެވެ. ހެނދުނު ހޭލާއިރު ތިބޭނީ ތާޒާ ވެފައެވެ. އަދި ރުޅިމައިތިރި ވެފައެވެ. މިހާރު ވާހަކަ ދައްކާ މައްސަލަ ހައްލުކުރަން މާ ފަސޭހަ ވާނެއެވެ. މީގެ މާނަ އަކީ ރޭގަނޑު ނިދުމުގެ ކުރީން މައްސަލަ ހައްލު ކުރާން މަސައްކަތް ނުކުރާށެކޭ ނޫނެވެ..

ބައިވެޔާގެ ފަރާތުން ކަމަކަށް ބޭނުންވާނަމަ އެކަމެއް ބައިވެޔާ ގާތު ބުނާށެވެ. ތިބާގެ ބައިވެރިޔާ އަކީ ވެސް އިންސާނެކެވެ. ތިބާގެ ހިތުގައި އޮންނަ އެއްޗެއް އަބަދު ނޭނގިދާނެ އެވެ. ނަމަވެސް އެއީ މައްސަލަ އަކަށް ހަދަންވާ ވަރު ކަމެއްނޫނެވެ. ބައިވެރިޔާގެ ފަރާތުން ތިބާ ކަންތައްބޭނުން ވާގޮތަށް ބައިވެރިޔާ ތިބާގެ ފަރާތުން ވެސް ކަންތައްތަކެއް ބޭނުން ވެދާނެއެވެ. ތިބާއަށް ތިބާގެ ބައިވެރިޔާގެ ހިތުގަ އޮންނަ ހުރިހާ ކަމެއް ނޭނގޭ ގޮތަށް ބައިވެރިޔާއަށް ވެސް ނޭނގިދާނެ ކަމަށް ގަބޫލުކުރާށެވެ. އެހެން ކަމުން ބޭނުން ވާ ކަމެއް ބައިވެރިޔާ ގާތު ބުނާށެވެ. އޭރުން ބޭނުންވެގެން އުޅޭކަމެއް މާ ރަނގަޅު ގޮތަކަށް ވެސް ކޮށްދީފާނެއެވެ.

ކޮންމެ މީހަކުވެސް ހީކުރަނީ ތިބާއަކީ އެންމެ ރަނގަޅު ބައިވެރިޔާ ކަމަށެވެ. ހިތުގައި ބައިވެރިޔާ އަށް ކޮށްދޭން ބޭނުންވާ އެތައް ކަމެއް އޮވެއެވެ. އޮފީހުން ގެއަށް އަންނަ އިރަށް ބޯމޮޑެލަދޭނަމޭ ހިތަށް އަރައެވެ. އަނބިމީހާ ރައްޓެހިންނާ އެކީ ބޭރަށް ގޮސްލަންދެން ދަރިން ކައިރީ މަޑުކޮށްލަން ހިތް އެދެއެވެ. ނަމަވެސް މި ކަންތައް ގިނަފަހަރު ހުންނަނީ ހިތުގައެވެ. މަދުފަހަރަކު ނޫނީ އަމަލީ ގޮތުން ހިތްހެޔޮ ކުދި އުފާތައް ބައިވެރިޔާ އަށް ދެވޭތަނެއް ނާދެއެވެ. މިކަމުގެ ހައްލަކަށް ހިތުގަ ބޭއްވުމުގެ ބަދަލުގައި އެކަންތައް ފާޅުކޮށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނިންމާށެވެ. މިސާލަކަށް ފިރިމީހާ އޮފީހުގައި ހުންނަ އިރު މެސެޖެ ކޮށްލައި މިއަދު އޮފީހުން އައިމަ ބޯމޮޑެލަދޭނަމޭ ބުނެލާށެވެ. އޭރުން ކޮންމެ ގޮތެއް ހަދާފަވެސް އެކަންތައް ނުކޮށް ހުންނަން ތިބާއަށް އުނދަގޫވާނެތާ އެވެ.

ބޮޑެތި ބަދަލުތައް އެއްފަހަރާ ގެންނަން އުނދަގޫ ވެދާނެއެވެ. ނަމަވެސް ކުދި ކުދި ކަންތައްތަކުން ތިބާގެ ބައިވެރިޔާ އުފާކޮށްދޭން އާދަކުރާށެވެ. މިސާލަކަށް ބަންދު ދުވަހެއްގައި ބައިވެރިޔާއަށް ކައްކަން އެހީ ވެވިދާނެ އެވެ. އޭރުން ދެމީހުން އެކީގައި ވަގުތު ކޮޅެއް ހޭދަ ކޮށްލެވޭނެއެވެ. އަދި މަސައްކަތް ވެސް އަވަހަށް ނިމި އެހެން ކަންތައް ކުރަން ވަގުތު ލިބޭނެއެވެ. ނުވަތަ ބައެއް ދުވަސްތަކުގައި ގޭތެރެ ސާފުކުރަން މީހަކު ގެނެވިދާނެ އެވެ. އޭރުން ވެސް ދެމީހުނަށް އެކަނި ވަގުތު ހޭދަކުރަން ލިބި ތިބާގެ ބައިވެރިޔާއަށް އެދުވަހު ލުޔެއްލިބިގެން ހިނގައިދާނެއެވެ.

މައްސަލަ ޖެހޭނެއެވެ. މުހިއްމީ މައްސަލަ ނުޖެހުމެއްނޫނެވެ. ނަމަވެސް ޖެހޭ މައްސަލަތަކަށް އަވަސް ހައްލު ހޯދުމެވެ. އަދި މައްސަލަތައް ޖެހޭނެ ފަދަ ކުދި ކަންތައްތަކުން ދުރުވެ ތިބުމެވެ. ކޮންމެ މީހަކުވެސް ވިސްނަންވީ ތިބާގެ އުފަލަށް ވުރެ ތިބާގެ ބައިވެރިޔާގެ އުފަލަށެވެ. ދެމަފިރިން ވެސް މިގޮތަށް ވިސްނުމުން ހަމަގައިމު ވެސް ދިރިއުޅުން އުފާވެރިކޮށް ބާއްވަން އެހީވެދޭނެއެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު