ބްރިޖްގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ: އިކޮނޮމިކް މިނިސްޓަރު

މާލެއާއި ހުޅުލެއާ ދެމެދު އެޅުމަށް މި ސަރުކާރުން ނިންމާފައިވާ ބްރިޖްގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިހުގައި ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބްރިޖް އެޅުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުން ޖޫން މަހުގެ ތެރޭގައި ތަފްސީލީ ހުށަހެޅުންތައް ހުށަހެޅުމުން، އެ ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށްފަހު ބްރިޖްގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

"ޖޫން 9 ގައި ތަފްސީލީ ހުށަހެޅުންތައް ހުށަހަޅާނަން. އެކަންތައް އިވެލުއޭޭޓްކުރުމަށްފަހު އެކަމާއިގެން ދެން ކުރިއަށްދާންޖެހޭނީ، އުއްމީދު ކުރަނީ މިއަހަރުގެ ފަހުކޮޅު އަމަލީ މަސައްކަތް ފެށޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެއާ ހުޅުމާލެއާ ދެމެދު އަޅާ ބްރިޖް އެޅުމަށް ޝައުގުވެރިކަން ފާޅުކުރި 19 ފަރާތަކަށް އެޕްރޮޖެކްޓްގެ ތަފުސީލު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ވަނީ މިދިޔަ މަހުގެ ތެރޭގައި ހުޅުވާލާފަ އެވެ. އަދި އެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ އަންނަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ތަފުސީލު ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ވެސް ޖޫން މަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރަން ރާވާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޖަޕާނަކީ ވަރަށް ބޮޑެތި ކުންފުނިތަކަކާއި ބޮޑެތި މަޝްރޫއުތަކެއް ހިންގާ ގައުމެއް ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ސައީދު ވިދާޅުވީ، މާލެއާއި ހުޅުލެއާ ދޭތެރޭގައި އަޅަން ނިންމާފައިވާ ބްރިޖުގެ ފަންނީ ކޮންސަލްޓެންސީ އާއި ގުޅޭ ގޮތުންވެސް އެގައުމުގެ ކުންފުނިތަކާ އެކު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

"ބްރިޖުގެ ފަންނީ ކޮންސަލްޓެންސީގެ ވާހަކަ ޖަޕާނުގެ ވިޔަފާރި ވެރިންނާ ވެސް ހިއްސާކުރިން. ކުންފުނިތަކާ ވެސް ހިއްސާ ކުރިން. ޓެކްނިކަލީ އެޑްވާންސް ކުންފުނިތަކާ ވާހަކަދެއްކިން. ދެއްކީމަ އޭގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާއިރު އަޅުނގަޑުމެން ބަލާނަން ބްރިޖް އެޅެމުންދާއިރު އަޅުނގަޑުމެންގެ ފަރާތުން ތިބޭނެ ކޮންސަލްޓަންޓުންގެ ގޮތުގައި ކުރިއަރާފައިހުރި ބޭފުޅުން ލިބޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ދަތުރުފުޅުގައި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) ގެ ދަށުން ކަންތައްތައް ކުރިއަށް ގެންދާނެ ގޮތުގެ ފަންނީ އެހީތެރިކަން ވެސް ޖަޕާނުން ދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި ހިންގަން ހަމަޖެހިފައިވާ ބޮޑެތި މަޝްރޫއުތަކުގެ ވާހަކަތައް ވެސް ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ހިއްސާ ކުރައްވާފައިވާ ކަމަށާއި އެގޮތުން ރާއްޖެއިން ހުށަހެޅި ކަންތައްތަކަށް އެ ގައުމުގެ ސަރުކާރުން ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު