ބައިނަލްއަގުވާމީ ފެންވަރުގެ އާ ޓާމިނަލެއް އެއާޕޯޓުގައި އަޅަނީ

ބައިނަލްއަގުވާމީ ފެންވަރުގެ އާ ޓާމިނަލެއް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެޅުމަށް ނިންމާފައިވާ ކަމަށް އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީނާ އެކު ޖަޕާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެއާޕޯޓުގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ފަސް މިލިއަން މީހުންނަށް ޚިދުމަތްދެވޭ ވަރުގެ ޓާމިނަލެއް އެޅުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު އެއާޕޯޓުގައި ބޭނުންކުރާ ޓާމިނަލަކީ 1.2 މިލިއަން ފަތުރުވެރިން ބޭނުންކުރާ ޓާމިނަލެއް ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން އަލަށް އަޅާ ޓާމިނަލަކީ ގާތްގަނޑަކަށް ފަސް މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޖަޕާނަށް ކުރެއްވި ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި، ރާއްޖޭގެ ހަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެ ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުންފުޅަކީ، ޖަޕާނާއި ދިވެހިރާއްޖެއާ ދެ ގައުމުގެ ދެމެދުގައި ކަމާބެހޭ މަޝްވަރާތައް ކުރުމާއި، ވިޔަފާރިއާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ބޭނުންވާ ‏‏މަޝްރޫއުތައް ގެނައުމަށް ޖަޕާނުގެ ޝައުގުވެރިކަން ހޯއްދެވުން ކަމުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު