މޯލްޑިވްސް އެޑިއުކޭޝަން އެކްސްޕޯ ފަށައިފި

ރާއްޖެ އާއި ރާއްޖެއިން ބޭރުން ލިބެން ހުރި ތައުލީމާއި ތަމްރީން އަދި އިލްމު އުނގެނުމާއި ގުޅޭ ދާއިރާތަކަށް އަމާޒްކޮށްގެން އަސަރީ ސާވިސަސް ޕްރައިވެޓް ލިމިޓެޑް އިން ބާއްވަމުން އަންނަ "މޯލްޑިވްސް އެޑިއުކޭޝަން އެކްސްޕޯ" އިއްޔެ ފަށައިފި އެވެ.

އަސަރީ ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އައިޝަތު މުއީނާ 'ސަން' އަށް ވިދާޅުވީ އިއްޔެ އާއި މިއަދު ނެޝަނަލް އާޓްސް ގެލެރީގައި ކުރިއަށް ގެންދަން ނިންމާފައިވާ އެ ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކޮލެޖް، ޔުނިވާސިޓީ/ އިންސްޓިޓިއުޓް ތަކުން ބައިވެރިވާނެ ކަމަށެވެ.

"މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކުގެ މައުލޫމާތާއެކު ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންސްޓިޓިއުޓް، ކޮލެޖް އަދި ޔުނިވާސިޓީތަކުން މިފަހަރު ތަފާތު 40 އަށްވުރެ ގިނަ ދާއިރާތަކުގެ 500 އަށްވުރެ ގިނަ ކޯސްތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ފެއާގެ ތެރެއިން ލިބިގެންދާނެ،" މުއީނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ ދެ އަހަރުވެސް އެ ފެއާ ބާއްވާފައިވާ އަސަރީ ސާވިސަސް އިން ބުނީ، މޯލްޑިވްސް އެޑިއުކޭޝަން އެކްސްޕޯ އަކީ ސާނަވީ އަދި މަތީ ސާނަވީ ގްރޭޑް ތަކުގެ ދަރިވަރުންނަށާއި ޑިޕްލޮމާ ފައުންޑޭޝަން ލެވަލްގައި ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން ކިޔަވަން ފައްޓާ އަދި ކޯސް ފުރިހަމަ ނުކުރެވިފައިވާ ދަރިވަރުންނަށް މުހިއްމު ފެއާ އެއް ކަމަށެވެ.

މީގެ އިތުރުން އެ ފެއާގެ ސަބަބުން މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކާއި ބެލެނިވެރިންނާއި ކުރިއަށް އޮތް އަހަރުތަކުގައި ތައުލީމް ނުވަތަ ތަމްރީން ހާސިލްކުރުމަށް ބޭނުންވެފައިވާ ފަރާތްތަކާއި ތައުލީމަށްޓަކައި ފަންޑު ބޭނުްވެފައިވާ ފަރާތްތަކަށް ވެސް މުހިއްމު ފެއާ އަކަށް ވެގެންދާނެ ކަމަށްވެސް އަސަރީ ސާވިސަސް އިން ބުންޏެވެ.

އާއްމުކޮށް ހުޅުވާލައިގެން އިއްޔެ އާއި މިއަދު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ފެއާ އަށް ޒިޔާރާތްކުރައްވާ ފަރާތްތަކުގެ މެދު އަގުހުރި އިނާމްތަކެއް ލިބޭ ލަކީޑްރޯ އެއް ވެސް ނެގުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން ލަކީޑްރޯއިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް މޯލްޑިވްސް ބިސްނަސް ސްކޫލު (އެމްބީއެސް) އިން 41800 ރުފިޔާގެ އެސޯއިއޭޓް ޑިގްރީ އިން ޕްރޮފެޝަނަލް މަލްޓިމީޑިއާ އެންޑް އެޑްވަރޓައިޒިންގް ކޯހެއް ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން ދެވަނަ ހޮވޭ ފަރާތަކަށް މޯލްޑިވިއަންގެ ފަރާތުން ޗެންނާއި ދެކޮޅު ޓިކެޓް ހަދިޔާ ކޮށްފައިވާއިރު، މެޕްސް ކޮލެޖުން ވަނީ ތިން ވަނަ އިނާމެއްގެ ގޮތުން 18000 ރުފިޔާގެ ފައުންޑޭޝަން ސްޓަޑީސް އިން ބިޒްނަސް ކޯހެއް ހުށަހަޅާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު