19 ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށް އެމްއާރުޑީސީ އާއި އެމްޓީސީސީއާ ހަވާލުކޮށްފި

ސަރުކާރުން ހިންގާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 18 ރަށެއްގައި އެޅުމަށް ނިންމާފައިވާ 19 ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް އެންޑް ސްޕޯޓްސް އިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

ފުޓްސަލް ދަނޑުތައް ތަރައްގީ ކުރުމަށް ސަރުކާރު ހިއްސާވާ ދެ ކުންފުންޏާއި ޔޫތު މިނިސްޓްރީން ހަވާލުކުރީ މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ނަވާރަ ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖާމަލު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝިހާމް އަލީ އެވެ. އަދި އެމްއާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް ނަދީމް އެވެ.

މި އެއްބަސްވުންތަކުގެ ދަށުން އެމްޓީސީސީއާ 11 ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވާ އިރު، އެމްއާރުޑީސީއާ ހަވާލުކޮށްފައި ވަނީ އަށް ދަނޑުގެ މަސައްކަތެވެ. މި އެއްބަސްވުމުގައިވާ ގޮތުން ޕިޗް އެޅުމުގެ މަސައްކަތް ފިޔަވައި އެހެން ހުރިހާ މަސައްކަތްތަކެއް ދެ ކުންފުނިން ފުރިހަމަކުރަން ޖެހޭނެ އެވެ.

އެމްޓީސީއާ ހަވާލުކޮށްފައި ވަނީ ހއ. ދިއްދޫ އާއި ނ. ވެލިދޫ އާއި ނ. ހޮޅުދޫ އާއި ހދ. ނޮޅިވަރަން އާއި ރ. ދުވާފަރާއި ޅ. ހިންނަވަރާއި ޅ. ނައިފަރާއި އދ. މަހިބަދޫ އާއި ތ. ތިމަރަފުށި އާއި ބ. ތުޅާދޫ އަދި ގދ. ތިނަދޫގައި އަޅާ ދަނޑުގެ މަސައްކަތްތަކެވެ. އަދި އެމްއާރްޑީސީއާ ހަވާލުކޮށްފައިވަނީ ތ. ވިލިފުއްޓާއި ސ. ހިތަދޫ އާއި ސ. މީދޫ އާއި ސ. ހުޅުދޫ އާއި ސ. މަރަދޫ އާއި ޏ. ފުވައްމުލަކުގައި އަޅާ ދެ ދަނޑު އަދި ގއ. ވިލިނގިލީގައި އަޅާ ދަނޑުގެ މަސައްކަތެވެ.

މި ދަނޑުތައް އެޅުމަށް ސަރުކާރުން ޖުމްލަ 16.8 މިލއަން ރުފިޔާ ހަރަދުކުރާ މި މަޝްރޫއު ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޔޫތު މިނިސްޓްރީން ލަފާކުރެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު