އޭއެފްސީ ކަޕަށް ކޮލިފައިވާ އުސޫލަށް ބަދަލު ގެންނަން ނިންމައިފި

އޭއެފްސީ ކަޕަށް ކޮލިފައިވާ އުސޫލަށް ބަދަލު ގެންނަން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ނިންމައިފި އެވެ.

އެ މުބާރާތަށް ކޮލިފައިވާ އުސޫލަށް އޭއެފްސީން ނިންމީ މެލޭޝިއާގެ ވެރިރަށް ކުއަލަމްޕޫރުގައި ހުންނަ އެ އިދާރާގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި، އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

އޭއެފްސީން ނިންމި ނިންމުމުގައިވާ ގޮތުން އޭއެފްސީ ކަޕަށް ކޮލިފައިވާނީ މެންބަރު އެސޯސިއޭޝަންތަކުގެ ރޭންކުތަކަށް ބަލައިފަ އެވެ. ރޭންކުތަކަށް ބެލުމަށްފަހު، އެ މުބާރާތަށް ކޮލިފައިވާނީ މެންބަރު އެސޯސިއޭޝަނުގެ ރޭންކިންގެ 25 އިން 32 ވަނައިގައިވާ ޓީމުތަކެވެ. އަދި ރޭންކިންގެ 33 އިން 47 ވަނައިގައިވާ އެސޯސިއޭޝަންތަކަށް މުބާރާތުގެ ޕްލޭއޯފްގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

އޭއެފްސީގެ މެންބަރު އެސޯސިއޭޝަންތައް ރޭންކް ކުރުމުގައި ބަލަނީ އޭއެފްސީ މުބާރާތްތަކުގައި ގައުމީ ޓީމާއި އެ ގައުމެއްގެ ކްލަބުތަކުން ފާއިތުވެދިޔަ ހަތަރު އަހަރު ދެއްކި ކުޅުމާއި ކާމިޔާބީތަކަށް ބަލައިފަ އެވެ. ގައުމީ ޓީމުގެ ކުޅުމަށް ބަލައި ރޭންކިންގައި 30 ޕަސެންޓްގެ ޕޮއިންޓް ހިމަނާއިރު، ކްލަބު ފެންވަރުގައި ދައްކާ ކުޅުމަށް 70 ޕަސެންޓްގެ ޕޮއިންޓް ލިބެ އެވެ.

ރޭންކިންތަކަށް ބަލައިފައި 1 އިން 24 ގައިވާ ޓީމުތަކަށް އޭއެފްސީ އެންމެ ބޮޑު ކްލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނެ އެވެ.

މިއަހަރުގެ އޭއެފްސީ ކަޕަށް ރާއްޖޭން ކޮލިފައިވި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މިހާރު ވަނީ ކަޓައިފަ އެވެ. އެހެންކަމުން މި އަހަރު ކްލަބު މުބާރާތްތަކުން ރާއްޖެއަށް ލިބޭ ޕޮއިންޓްތައް މަދުވެ، އަންނަ އަހަރުގެ މުބާރާތުން ޖާގަ ލިބުމަށް ދަތިތަކަކާއި ކުރިމަތިވާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު