މާއެނބޫދޫގެ ބިންގަނޑުގައި ދިގު ރެނދެއްލައިފި

ދ. މާއެނބޫދޫގެ ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަހައްދުގެ ބިންގަނޑު ކަނޑައިގެން ގޮސް ބިންގަނޑުގައި ދިގު ރެނދެއް ލައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މާއެނބޫދޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީމް ވިދާޅުވީ އެ ރެނދުގެ ލާފައިވަނީ އެ ރަށު ފުޓްބޯޅަ ދަނޑުގެ އުތުރު ފަރާތު ބިންގަނޑުގައި ކަމަށާއި ރެނދުލުމުން ދަނޑުގެ ފާރުގެ ބައެއް ތަންތަން ވެސް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ރެނދު ލީކަން ފާހަގަ ކުރެވުނީ އިއްޔެ ހެނދުނު ގާތްގަނޑަކަށް 6:45 ހާއިރު ފުޓްބޯޅަ ކުޅެން ގޮސް އުޅުނު ބަޔަކަށް ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.
މާއެނބޫދޫ ބިންގަނޑު ކަނޑައިގެންގޮސް ފާރެއްގައި ރެނދެއްލާފައި: އެ މައްސަލަ ވަނީ އެންވަޔަރަމަންޓް މިނިސްޓްރީއަށް ހުށަހަޅާފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް

މާއެނބޫދޫ ކައުންސިލް ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި އެ ކައުންސިލްގެ ނައިބު ރައީސް އަބްދުއް ރަޝީދު ވިދާޅުވީ ދަނޑުގެ ބިންގަނޑު ކަނޑައިގެން ގޮސްފައިވާ މައްސަލަ މިހާރު ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި މައްސަލަ އެނގުނު ހިސާބުން ފެށިގެން އެކަން ވާނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާފައި. އެ ރެނދުލާން ދިމާވި ސަބަބު އެނގޭނީ އެބޭފުޅުން ބައްލަވާން ޖެހޭ ކަންކަން ބެއްލެވުުމުން،" އަބްދުއްރަޝީދު ވިދާޅުވި އެވެ.
މާއެނބޫދޫ ބަނދަރު ސަރަހައްދު: އެ ރަށުގެ ބިންގަނޑު ކަނޑައިގެން ދިޔަ މައްސަލަ ވަނީ އެންވަޔަރަމަންޓް މިނިސްޓްރީއަށް ހުށަހަޅާފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް

މި ހާދިސާ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްފައިވާއިރު ބިންގަނޑު ކަނޑައިގެން ގޮސްފައި ވަނީ އެ ރަށުގެ ފަޅުކޮނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު