ޖަޕާނުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ރައީސް ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަޕާނުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ މިރޭ ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ދިނުމަށް ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކުރުމަށް އޮތް އެންމެ ރަނގަޅު އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށެވެ. ފަތުރުވެރިކަމުގެ ޚާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖެ މިއަދު ވަނީ މުޅި ދުނިޔެއަށް މަޝްހޫރުވެފައި ކަމަށާއި ފަތުރުވެރިކަމުން ރާއްޖެއަށް އެކަށީގެންވާ މަންފާއެއް ލިބެމުންދާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު އިތުރަށް ތަރައްޤީކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި މިހާރު އޮތް އަމަންއަމާންކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ސިޔާސީ މަސްރަޙު އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށާއި އެހެން ނަމަވެސް މިހާރު، ރާއްޖޭގެ ރައްޔިތުން އެދިއެދި ތިބީ އަމާންކަމާއި ހަމަޖެހުމާއެކީގައި ތަރައްޤީގެ މަގުގައި ކުރިއަށް ދިޔުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި، ޖަޕާނުގެ ޓްރެވަލް އެޖެންސީތަކުގެ އިސް ބޭފުޅުންނާއި، ފަތުރުވެރިކަމުގެ މަޖައްލާތަކުގެ އިސްވެރިންނާއި، އެ ދާއިރާގައި ޙަރަކާތްތެރިވާ އިސްފަރާތްތަކާއި، ޓުއާ ގައިޑުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން ބައިވެރިވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޖަޕާނުގެ ނެޝަނަލް ޕްރެސް ކްލަބުން އިންތިޒާމްކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޖަޕާނަށް މި ކުރައްވާ ދަތުރުފުޅުގެ މަޢުލޫމާތު، ޙިއްޞާ ކުރައްވައި ދަތުރުފުޅާ ގުޅޭގޮތުންނާއި، ރާއްޖޭގެ އެކިކަންކަމާ ގުޅޭގޮތުން މި ބައްދަލުވުމުގެ ބައިވެރިން ދެންނެވި އެކި ސުވާލުތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު