ތިން މެޗުން ބަލިވެ ސާބާ ޗެމްޕިއަންޝިޕުން ރާއްޖެ ކަޓައިފި

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށް ދިޔަ ދެކުނު އޭޝިއާގެ ފުރަތަމަ ތުރީއޮންތުރީ "ސާބާ ޗެމްޕިއަންޝިޕް"ގައި ރާއްޖެ މިއަދު ކުޅުނު ދެ މެޗުން ވެސް ބަލިވެ، މުބާރާތުން ކަޓައިފި އެވެ. އިއްޔެ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އަނެއް މެޗުން ވަނީ ބަލިވެފަ އެވެފަ އެވެ.

ރާއްޖެ މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްރީލަންކާއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 21 ޕޮއިންޓު 7 ޕޮއިންޓުންނެވެ. މިއަދުގެ ދެވަނަ މެޗުގައި ރާއްޖެ ބައްދަލުކުރީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 22 ޕޮއިންޓު 9 ޕޮއިންޓުންނެވެ.

ރާއްޖެއާއެކު ޖުމްލަ ފަސް ގައުމު ވާދަކުރި މިމުބާރާތުން ރާއްޖެ މޮޅުވީ ހަމައެކަނި ބޫޓާނާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުންނެވެ. އެމެޗުން ރާއްޖެ މޮޅުވީ 14 ޕޮއިންޓު 12 ޕޮއިންޓުންނެވެ. އަދި މުބާރާތުގައި ރާއްޖެ އިއްޔެ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވަނީ ބަލިވެފައެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ އެއް ވަނަ ހޯދީ ބަންގްލަދޭޝްއެވެ. މުބާރަތުގެ ދެ ވަނަ ހޯދީ ސްރީލަންކާއެވެ. އަދި މުބާރާތުން ތިން ވަނަ ހޯދީ ނޭޕާލެވެ. މިމުބާރާތުން ރާއްޖެއަށް ލިބިފައި ވަނީ ފެއާ ޕްލޭ ޓީމުގެ މަގާމެވެ.

މުބާރާތުގައި ވާދަކުރުމަށް ޑާކާއަށް ދިޔަ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ހަރިކޭންގެ އަހުމަދު އަދުހަމް އާއި ރެޑްލައިން ކުލަބްގެ އަހުމަދު މުސްތަފާ އާއި ހަރިކޭންގެ އަހުމަދު އިފްޝާހް އަދި ދިވެހި ސިފައިންގެ ކުލަބުގެ ހައިޝަމް ދާއޫދެވެ.

ޓީމުގެ ކޯޗަކީ ދިވެހި ސިފައިންގެ ކުލަބުގެ މުހައްމަދު ވަހީދެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު