ޖަޕާނުގެ ބައެއް ވިޔަފާރިވެރިންނާ ރައީސް ބައްދަލު ކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބައެއް ވިޔަފާރިވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ބައްދަލު ކުރެއްވީ ޖަޕާނުގެ ހިޓާޗީ ކުންފުނީގެ ރައީސް ޓޮޝިއަކީ ހިގަޝިހަރާ އާއި، ޖަޕާން ބޭންކް ފޮރ އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭ.ބީ.އައި.ސީ) ގެ ގަވަރުނަރު ހިރޯޝީ ވަތަނަބޭ އާއި އަދި ޖައިކާގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ހިޑެއަކީ ޑޮމިޗީއާ އެވެ.

ހިޓާޗީ ކުންފުނީގެ ރައީސް ޓޮޝިއަކީ ހިގަޝިހަރާއާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހިޓާޗީ ކުންފުނީގެ ފަރާތުން ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ގެނެސްދިން ތަރައްޤީއާ ކުރިއެރުން ފާހަގަކުރެއްވި އެވެ. އަދި، ހިޓާޗީ ކުންފުނިން، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަނަށް ދެމުން ގެންދާ އެއްބާރުލުމަށްޓަކައި، އެކުންފުނީގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ހަކަތައިގެ ދާއިރާއިން ތަފާތު މަޝްރޫޢުތައް ހިންގުމާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވި އެވެ. އަދި އެފަދަ ޝައުޤުވެރި ކަމެއް އެ ކުންފުނިން ގެންގުޅޭތީ އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޖަޕާން ބޭންކް ފޮރ އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭ.ބީ.އައި.ސީ)ގެ ގަވަރުނަރު ހިރޯޝީ ވަތަނަބެއާ ބައްދަލުކުރައްވައި، މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ، ރާއްޖޭގައި ހިންގާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ފަންޑު ހޯއްދެވުމާ ގުޅޭ ގޮތުންނެވެ. ޚާއްޞަކޮށް، ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ އެއާޕޯޓް ތަރައްގީ ކުރެއްވުމުގެ މަޝްރޫޢަށާއި، އިހަވަންދިއްޕޮޅުގެ މަޝްރޫޢަށް ބޭނުންވާ މާލީ އެހީތެރިކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި އެވެ.

ޖައިކާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް، ހިޑިއާކީ ޑޮމިޗީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖޭގައި މި ހިންގަވާ ހުރިހާ މަޝްރޫޢުތަކެއްގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަނީ ޖައިކާގެ ފަރާތުންކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ޚާއްޞަކޮށް މާލޭގައި ޖަޕާނުގެ ސަރުކާރުގެ އެހީގައި ހިންގާފައިވާ އެކިއެކި މަޝްރޫޢުތަކުގައި ޖައިކާއިން އަދާކޮށްފައިވާ ދައުރު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު