ގިނަ ރަށްތަކެއް ބޯފެނަށް ޖެހިއްޖެ

ގިނަ ރަށްތަކަކުން ބޯފެން ހުސްވެގެން އެ ރަށްތަކަށް ބޯފެން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރުން މިއަދު ބުނެފިއެވެ.

އެސެންޓަރުން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު ފަހުކޮޅުން ފެށިގެން މިހާތަނަށް 76 ރަށަކުން ފެނަށް އެދިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 59 ރަށަކަށް ފެން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

ސެންޓަރުން ރަށްތަކަށް ފެން ފޯރުކޮށްދިނީ ގްރޫޕްކޮށްގެން ބުރުތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފަހު ބުރުގައި 10 ރަށަކަށް ފެންފޯރުކޮށްދިން އިރު އެމަސައްކަތް ނިމުނީ އިއްޔެއެވެ. އެ 10 ރަށަކީ ހއ. އުލިގަމާއި ބ. ކިހާދުއާއި ރ.ފައިނާއި ބ.ދަރަވަންދުއާއި ހއ. އިހަވަންދުއާއި ތ. ދިޔަމިގިއްޔާއި އއ. މާޅޮހާއި ހއ. މާރަންދުއާއި ކ.ގާފަރާއި އއ.ހިމަންދުއެވެ.

ފެންފޯރު ކުރުމުގެ އެހެން ބުރެއް ސެންޓަރުން މިހާރު ވަނީ ފަށާފައެވެ. އެބުރުގައި ފެންފޯރުކޮށްދޭން ހަމަޖެހިފައިވަނީ މ. ވޭވަށާއި ބ.ކެންދުއާއި ބ.ކުޑަރިކިލާއި ބ. ފުޅަދުއާއި އދ.ކުނބުރުދުއާއި ރ.ރަސްގެތީމާއި ރ.އުނގޫފާރާއި ރ. މާކުރަތާއި މ.ނާލާފުށްޓަށެވެ. ސެންޓަރުން ބުނީ އެރަށްތަކަށް ފެންފޯރުކޮށްދޭން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދިވެސް އިތުރު ރަށްތަކުން ފެނަށް އެދެމުން އަންނަ ކަމަށާއި އެރަށްތަކަށް ފެން ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ސެންޓަރުން ވަނީ ޖުމްލަ 2286 ޓަނުގެ ފެން ރަށްތަކަށް ފޯރުކޮށްދީފައެވެ.

ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައި ރާއްޖޭގެ ގިނަ ރަށްތަކަކަށް ބޯފެނުގެ ދަތިކަން ކުރިމަތިވެ، އެރަށްތަކަށް ފެންފޯރުކޮށްދޭން ގިނަ އަދަދެއްގެ ފައިސާ ދައުލަތުން ހަރަދުވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު