ދިރޭތަކެއްޗަށް އިހާނެތިކޮށް އަމަލުކުރަން ޖެހޭތީ ކަންބޮޑުވޭ: އީޕީއޭ

ވަގަށް އެތެރެކުރާ ދިރޭތަކެއްޗާ މެދު އިހާނެތި ގޮތްގޮތަށް އަމަލުކުރަން ޖެހޭތީ ކަންބޮޑުވާ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އެ އެޖެންސީން މިހެން ބުނީ މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ.

"...ގައުމުތަކަށް ދިރޭ އެއްޗެހި އެތެރެކުރާއިރު އޮންނަން ޖެހޭ ވެޓެރެނަރީ ސެޓްފިކެޓް ނުވަތަ ފައިޓޯސެނިޓަރީ ސެޓްފިކެޓަކާ ނުލައި އޮޅުވާލައިގެން ނުވަތަ ވަގަށް މިފަދަ ދިރުންތައް އެތެރެކުރުމަކީ އެކަމުގެ ނުރައްކާ އިތުރަށް ބޮޑުވެގެންދާނެ ކަމެކެވެ. އަދި މިފަދައިން އެތެރެކުރާ ދިރުންތަކާ މެދު ވަރަށް އިހާނެތި ގޮތަކަށް އަމަލުކުރަން ޖެހުމަކީ މިއެޖެންސީން ނުހަނު ކަންބޮޑުވާކަމެއް ކަމުގައި ދަންނަވަމެވެ،" އީޕީއޭގެ ބަޔާނުގައި ވެއެވެ.

ގައުމުތަކުގައި ނޫޅޭ ޖަނަވާރުތަކާއި ގަސްގަހާގެހި އެތެރެކުރުމަކީ އެގައުމުތަކުގެ އަހުލުވެރި ދިރުންތަކަށް ނުރައްކާވާ ކަމެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ. އެފަދަ ޖަނަވާރުތަކުގެ ސަބަބުން އެތަކެތި ޖަނަވާރުތަކަށާއި ގަސްގަހާ ގެއްސާއި އިންސާނުންނަށް ނުރައްކާވެފައިވާ ހާދިސާތަކެއް ހިނގާފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ގާނޫނަށް ހިލާފަށް ރާއްޖެއަށް އެތެރެކުރުމުގެ ސަބަބުން އަޅަން ޖެހޭ ފިޔަވަޅެއްގެ ސަބަބުން ދިރޭ އެއްޗިއްސަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭނީ އެތެރެކުރި ފަރާތުން ކަމަށެވެ.

އީޕީއޭއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ ބައެއް ޖަނަވާރުތައް ފުލުހުން އަތުލައި ނައްތާލާފައި ވަނިކޮށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު