ކްލެސިކޯ ފައިނަލް: ބާސެލޯނާ - ރެއާލް މެޑްރިޑް

މިމަހުގެ އެންމެ ފޯރިގަދަ ފުޓްބޯޅަ މެޗުތަކުގެ އެންމެ ފާހަގަކޮށްލެވޭ އެއް މެޗަކަށް ވާނީ ކޮޕާ ޑެލްރޭ ފައިނަލުގައި މިރޭ ބާސާ އާއި ރެެއާލް މެޑްރިޑް ބައްދަލުކުރާ މެޗެވެ.

ކޮޕާ ޑެލްރޭގެ 112 އަހަރުގެ ދިގު ތާރީހުގައި ފައިނަލުގައި ބާސާ އާއި ރެއާލް ހަ ފަހަރަކު ބައްދަލުކޮށްފައިވާ އިރު، ކޮންމެ ޓީމެއް ވެސް ވަނީ ތިން ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައި ވެއެވެ. އެހެންކަމުން ރާއްޖޭގަޑިން މިރޭ މެންދަމު 12:30 ގައި ކުޅޭ ފައިނަލް މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗަކަށް ވާނެ އެވެ.

މުބާރާތުގެ ފައިނަލަށް ރެއާލް ދަތުރުކުރި އިރު، އެޓީމު ކޮޅަށް އެއްވެސް ލަނޑެއް ވަދަފައެއް ނުވެ އެވެ. އެ ޓީމު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގެ ދެ ލެގުން ހޯދި 5-0 ލަނޑުގެ ކާމިޔާބީއާއެކު އެވެ. ނަމަވެސް ވެލެންސިއާގެ މެސްޓެލާ ސްޓޭޑިއަމް އަށް މިރޭ ރެއާލް ނުކުންނަ އިރު، އެޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަނިޔާގައި ހުރުމެވެ.

ޖެރާޑޯ މާޓިނޯގެ ކޯޗުކަމުގެ ދަށުގައި ބާސާ މިރޭގެ މެޗަށް ނުކުންނަ އިރު، އެޓީމު ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ކަޓައިފަ އެވެ. އަދި ސްޕެނިޝް ލަލީގާ ކާމިޔާބުކުރުމަށް ވެސް ބާސާއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ސްޕެނިޝް ލަލީގާގެ ތިންވަނަ އަށް ވެއްޓުނު ބާސާ އަށް ކޮޕާ ޑެލްރޭ ކާމިޔާބު ނުކުރެވިއްޖެ ނަމަ، މިސީޒަނު ހުސްއަތާ ނިންމާލަން ވެސް ޖެހިދާނެ އެވެ.

މުބާރާތުގެ ފައިނަލަށް ބާސާ ދަތުރުކުރީ ސެމީގައި ހޯދި އުނދަގޫ މޮޅަކާއެކު އެވެ. މި ސީޒަނުގައި ކްލެސިކޯ ދެ މެޗެއް ކުޅުނު އިރު، ބާސާ ވަނީ ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އަމިއްލަ ދަނޑުގައި އޮކްޓޯބަރު މަހު 2-1 ލަނޑުން ބާސާ މޮޅުވި އިރު، ރެއާލްގެ ދަނޑުގައި މިދިޔަ މަހު ކުޅުނު މެޗުން ބާސާ މޮޅުވީ 4-3 ލަނޑުންނެވެ.

ކޮޕާ ޑެލްރޭގެ ފައިނަލުގައި ފުރަތަމަ މި ދެޓީމު ބައްދަލުކުރީ 1936 ވަނަ އަހަރު އެވެ. އެއީ ސްޕެއިންގެ ހަނގުރާމަ ހިނގުމުގެ އެއް މަސް ކުރިންނެވެ.

އެމެޗުން އެންމެ ފާހަގަކޮށްލެވުނީ ރެއާލްގެ ލެޖެންޑަރީ ގޯލްކީޕަރު ރިކާޑޯ ޒަމޯރާގެ ހުށިޔާރުކެމެވެ. ސްޕެއިންގެ ތާރީހުގައި އެންމެ މޮޅު ކީޕަރުގެ އިތުރުން ލަލީގާގެ އެންމެ މޮޅު ގޯލްކީޕަރަށް ދޭ އެވޯޑްގެ ނަން ހާއްސަވަނީ ޒަމޯރާއަށެވެ. އުފަން ސިޓީއާ ދެކޮޅަށް ޒަމޯރާ ވަނީ މޮޅު ކުޅުމެއް ދައްކައި ރެއާލްގެ ގޯލަށް ފޮނުވާލެވުނު ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

ރެއާލް އިން ކްލެސިކޯ ފުރަތަމަ ފައިނަލް ކާމިޔާބުކުރި އިރު، ބާސާ އަށް ކްލެސިކޯ ފައިނަލެއް ކާމިޔާބުކުރެވުނީ 1968 ވަނަ އަހަރު އެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ ފައިނަލް މެޗު ބާސާ ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. އެ މެޗުން ބާސާ އަށް ކާމިޔާބު ލިބުނީ ހަ ވަނަ މިނެޓްގައި ރެއާލްގެ ފެނާންޑޯ ޒުންޒުނެގުއި އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

ތިން ވަނަ ކްލެސިކޯ ފައިނަލު ފަސޭހަކަމާއެކު 1974 ވަނަ އަހަރު 4-0 ލަނޑުން ކާމިޔާބުކުރީ ރެއާލް އެވެ. އެ އަހަރު ލަލީގާގައި ކުޅުނު ކްލެސިކޯ މެޗެއްގައި ޔޯހާން ކްރައިފްގެ ވިދާލުމާއެކު ބާސާ 5-0 ލަނޑު މޮޅުވުމަށް ފަހު ކުރިމަތިލި ފައިނަލް މެޗު ފާހަގަކޮށްލެވެނީ ބަދަލު ހިފަން ރެއާލް ނުކުތް މެޗެއްގެ ގޮތުގަ އެވެ.

ކްލެސިކޯގެ ފައިނަލަށް ދެން ފެނިގެންދިޔައީ އޭގެ ނުވަ އަހަރު ފަހުންނެވެ. 2-1 ލަނޑުން ބާސާ އަށް އަލުން ތަށި ލިބުން މެޗުގައި އާޖެންޓީނާގެ ލެޖެންޑް ޑިއެގޯ މަރަޑޯނާގެ ކުޅުން ފާހަގަކޮށްލެވެ އެވެ. އެފަހަރު ބާސާ ކާމިޔާބުކުރި ފުރަތަމަ މެޗުގައި މެރަޑޯނާގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެ އެވެ.

ކްލެސިކޯ ފައިނަލުގެ އެންމެ ފަހު މެޗު ވެސް ކުޅެފައި ވަނީ މިރޭ ދެ ޓީމު ނުކުންނަ މެސްޓަލާ ސްޓޭޑިއަމްގަ އެވެ. 1990 ވަނަ އަހަރުގެ ފައިނަލު 2-0 ލަނޑުން ކާމިޔާބުކޮށް، ބާސާ އަށް ފުރަތަމަ ފަހަރަށް ލީޑެއް ލިބިގެންދިޔަ އެވެ. މެޗުގެ ދެވަނަ ހާފުގައި ލަނޑުތައް ފެނިގެންދިޔަ، ބާސާ އަށް ގޯލުތައް ކާމިޔާބުކޮށްދިނީ ގުއިލާމޯ އަމޯ އާއި ޖޫލިއޯ ސަލިނަސް އެވެ. މި މެޗުގައި ރެއާލްގެ ލެޖެންޑަރީ ޑިފެންޑަރު ފެނާންޑޯ ހިއެރޯ އަށް ރަތް ކާޑެއް ވެސް ދައްކާފައި ވެއެވެ.

ކްލެސިކޯގެ 2011 ވަނަ އަހަރުގެ ފައިނަލަކީ ރެއާލްގެ ކޯޗުކަމުގައި ހުރި ހޯސޭ މޮރީނިއޯ އަށް އެކްލަބުގައި ހުރެ ލިބުނު ފުރަތަމަ ކާމިޔާބީ އެވެ. މިހާރުގެ އެންމެ މޮޅު ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިއޮނެލް މެސީގެ ވާދަވެރިކަން ފެނިގެންދިޔަ، މިމެޗުގެ ތަރިއަކަށް ވެގެންދިޔައީ ރޮނާލްޑޯ އެވެ. 1-0 ލަނޑުން މޮޅުވި މި މެޗުގެ ހަމައެކަނި ލަނޑު ރޮނާލްޑޯ ކާމިޔާބުކުރީ 90 މިނެޓް ހަމަވެގެން ކުޅުނު އިތުރު ވަގުތު ކޮޅު ތެރޭގަ އެވެ.

އަލުން މިރޭ ވެލެންސިއާގައި މި ދެޓީމު ވާދަކުރާ ހަތްވަނަ ފައިނަލް ފެނިގެންދާނެ އެވެ. ގިނަ ބައެއްގެ ޝުއޫރުތަކާ ކުޅެލާނެ ފޯރިގަދަ ފައިނަލް މެޗުގެ ނަތީޖާ އަކީ މިހާރު ދެޓީމުގެ ސަޕޯޓަރުންގެ ވެސް އެންމެ ބޮޑު އިންތިޒާރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު