ދޯންޏެއް ގެއްލިގެން ހޯދަންފަށައިފި

ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ހަބަރެއް ނުވާތީ ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ހޯދަމުންދަނީ "މަންހާ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އަދި އެދޯނީގައި 13 ވަރަކަށް މީހުން ތިބޭނެކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފްއިން ބުންޏެވެ.

"މިދޯނީގެ ޚަބަރެއް އެންމެ އެންމެފަހުން ވެފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ދ. އަތޮޅާއި ދިމާލުން ބޭރަށް މަސްވެރިކަން ކުރަމުން ދިޔައިރު،" އެމްއެންޑީއެފްއިން ބުންޏެވެ.

ނ. މިލަދޫގައި ދުއްވާ 99 ފޫޓް ދިގުމިނުގެ މި ދޯނީގެ ބޭރުގައި ކަނޑުނޫ ކުލައިގެ ދަވާދު ލާފައިވާއިރު، ތިންބުރިއަށް ހަދާފައިވާ ދިރުނބާ ކޮޅުގައިވާ ގެ ގަނޑުގައި ވަނީ ހުދުކުލަ ލާފައެވެ.

އެމްއެންޑީއެފްއިން ބުނީ އެ ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަކީ ވަރަށްބޮޑު އެދުމެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު