އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަދި ސުޕަ މާޓް ބޮޑުކޮށް ޒަމާނީ ފެންވަރަށް ބަދަލުކުރަނީ

އެސްޓީއޯ އިން ހިންގަމުން އަންނަ ސުޕަ މާޓާއި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ސައިޒް ބޮޑުކޮށް ޒަމާނީ ފެންވަރުގެ ހިދުމަތްތަކެއް ދިނުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ވިދާޅުވީ، މިހާރު ހިންގަމުން އަންނަ އެސްޓީއޯ ސުޕަމާކެޓްގެ މޭޖާ ރިނޮވޭޝަންއެއް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ. އަދި އެއާއެކު އެތަނުގެ ސައިޒް މިހާރު ހުރިވަރަށްވުރެ ތިންގުނަ ބޮޑު ވާނެކަމަށާއި އެތަނުން ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަވެގެން ދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

"މީގެ ބޭނުމަކީ ކަސްޓަމަރުންނަށް ދޭ ހިދުމަތް ތަފާތުކޮށް ފެމެލީ ޝޮޕިން އެކްސްޕީރިއަންސެއް ކޮއްލުމުގެ ފުރުސަތު ދިނުން. އަދި ހަފްތާއަކު ނޫނީ ދެ ހަފްތާގެ ޝޮޕިން ކޮއްލަން ބޭނުންވާ ފަރާތްތަކަށް ކޭސް ހުންނަ ގޮތަށް ވެސް ގަނެވޭގޮތަށް ހަމަޖެހިގެންދާނެ." އާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން ހޯމް އިމްޕްރޫވްމަންޓް ގެ ސައިޒް މިހާރުހުރި ސައިޒައްވުރެ ދެގުނަ ބޮޑުކޮށް މެއިމަހުގެ 10 ވަނަ ދުވަހު އެތަން ހުޅުވިގެން ދާއިރު އެތަނުގައި ފެމެލީ ޝޮޕިން އެކްސްޕީރިއަންސް ދިނުމުގެ ގޮތުން ކުޑަ ކުދިން ކުޅޭނެ ތަނެއް ހަދާފައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެގޮތުން ހޯމްއިމްޕްރޫވްމަންޓަށް ކުޑަކުދިން ގޮވައިގެން އަންނަ ފަރާތްތަކަށް ވެސް އެތަނުގައި ގިނައިރު މަޑުކޮށްލަން ބޭނުންވާ ނަމަ، ކުޑަކުދިން ކުޅޭތަނުގައި ބައިތިއްބާފައި ވިޔަފާރިކޮއްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެސްޓީއޯގެ އެ ހިދުމަތް ތަކަކީ އެ ކުންފުނީގެ ކަސްޓަމަރުންނާއި ހެޔޮއެދޭ ފަރާތްތަކަށް ވެސް އުފަލަކަށް ވެގެންދާނެ ކަމުގައި އުންމީދު ކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު