އެސްޓީއޯ އިން ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވަނީ

ރައްޔިތުންނަށް ފަސޭހަ އަދި އަވަސް ހިދުމަތެއް ދިނުމުގެ ބޭނުމުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ފަރާތުން ކޮންމެ މަހަކު އެއްފަހަރު އެ ކުންފުންޏާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބާއްވާ ހާއްސަ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ، ސަރުކާރާ ގުޅިގެން އެކަމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރައްވަމުން އަންނަ ކަމަށާއި އެ ހުރިހާ ފާމަސީއަކުން ވެސް އާސަންދައިގެ ހިދުމަތް ލިބޭނެކަމަށެވެ.

އާޒިމް ވިދާޅުވީ، ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ހެދުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާއި އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށް ވުން ކަމަށެވެ.

"އެކަމަށް ކުރަންޖެހޭ މަސައްކަތްތަށް މި އަންނަނީ ސަރުކާރާ ގުޅިގެން ކުރަމުން. އިރާދަކުރެއްވިއްޔާ ފާމަސީއަކަށް ފަހު ފާމަސީއެއް ހުޅުވަމުންގޮސް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަޅުގަނޑުމެންގެ ފާމަސީއެއް ހުޅުވާނަން." އާޒިމް ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ފާމަސީ، މީހުން ދިރިއުޅޭ ހިސާބާ ދުރުގައި ހުރުމުން އެކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބެމުން އަންނަކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެކަން ހައްލުކުރުމަށް އެޗްޑީސީގެ މިނީ މޯލް އިން ޖާގައެއް ލިބޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި ހުޅުމާލެއިން ވެސް 24 ގަޑިއިރު އާސަންދައިގެ ދަށުން ބޭސް ލިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު