ކްރޫސް ބަހައްޓަން ބޭނުން: ގާޑިއޯލާ

ބަޔާން މިއުނިކްގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް އެޓީމުގައި މަޑުކުރާނެ ކަމަށް އުންމީދުކުރާ ކަމުގައި އެކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ،

މި ސީޒަނުގައި ބަޔާން ކުޅުނު 45 މެޗަކުން ކްރޫސް ފެނިފައިވާ އިރު، އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައި ވެއެވެ. މެންޗެސްޓާ ޔުނައިޓެޑުން ކްރޫސް ހޯދަން މަސައްކަތްކުރާކަމުގެ ވާހަކަތަކެއް ދެކެވެމުންދާ އިރު، ގާޑިއޯލާ ބޭނުންވާ ގޮތް އޭނާ ވަނީ ހާމަކޮށްފަ އެވެ.

"އަހަރެން ބޭނުންވަނީ ކްރޫސް ކްލަބުގައި މަޑުކުރުމަށް. ކްލަބުގެ ވެރިން ވެސް ބޭނުންވޭ އޭނާ ބަހައްޓަން،" ބަޔާންގެ ކޯޗު ބުންޏެވެ. "އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަހަރެމެން އޭނާ ހިފަހައްޓާކަށް ނޫޅެން. ނަމަވެސް އަހަރެމެންގެ އެދެމަކީ މަޑުކުރުން،"

މިދިޔަ ހޮނިހިރު ދުވަހު ބޮރޫސިއާ ޑޯޓްމަންޑާއި ދޮކޮޅަށް ލީގުގައި ކުޅުނު މެޗުން ޖަރުމަން ބުންޑަސްލީގާގެ ޗެމްޕިއަން ބަޔާން 3-0 ލަނޑުން ބަލިވުމުން ގާޑިއޯލާ އަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ނަމަވެސް އޭނާ ބުނީ، އެކަހަލަ ޕްރެޝަރު ކުރިން ވެސް ކުރިމަތިވާ ކަމަށެވެ.

"ބޮޑެތި ހުރިހާ ކްލަބަކަށް ވެސް އެ މައްސަލަ ކުރިމަތިވާނެ. އަހަރެން ބާސެލޯނާގައި ހުރި އިރު، ބަލިވުމުން ވެސް އެކަހަލަ ވާހަކަތައް އަޑުއިވުނު. މިލާން އަދި ރެއާލް މެޑްރިޑަށް ވެސް އެކަންތައްތަކާ ކުރިމަތިވޭ. އެއީ މައްސަލައެއް ނޫން. އަބަދު މޮޅެއް ވެސް ނުވާނެ،" ގާޑިއޯލާ ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު