ޖާނަލިޒަމް އެވޯޑަށް 18 ފަރާތަކުން ނަން ހުށަހަޅައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ "މޯލްޑިވްސް މީޑިއާ ކައުންސިލް ޖާނަލިޒަމް އެވޯޑް 2013" އަށް 18 ފަރާތަކުން ނަން ހުށަހަޅާފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ބުނީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ތިން ދާއިރާއަކުން ނަން ހުށަހަޅެމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 18 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ދާއިރާތަކަށް ވަކިން ނަން ހުށަހަޅާފައިވާ އަދަދު އެގޭނީ ފޯމްތައް ޗެކްކުރުމަށް މިރޭ ބާއްވާ ކޮމެޓީ ބައްދަލުވުމަށް ފަހު ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ޖާނަލިޒަމް އެވޯޑަށް އެދި އެމްއެމްސީ އިން ކަނޑައެޅި ދާއިރާތަކަކީ ނޫސް މަޖައްލާ އާއި އޮންލައިން ނޫސް، ޓީވީ އަދި ރޭޑިއޯ އެވެ.

އެމްއެމްސީ އިން މީގެ ކުރިން ބުނެފައި ވަނީ، ޖާނަލިޒަމް އެވޯޑަށް އެދޭ ނޫސްވެރިންނަށާއި މީޑީއާ އިދާރާތަކާއި އެވޯޑަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ އާންމު ފަރާތްތަކަށާއި ކުންފުނި ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ވެސް ނަން ހުށަހެޅޭ ގޮތަށް ހުޅުވާލި އެ އެވޯޑަށް އެދި ހުށަހަޅާ ނަންތަކަށް ޕޮއިންޓް ދިނުމުގައި ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑު ހިފަހައްޓާފައިވާ މިންވަރާއި މުޖުތަމައުގެ ފައިދާ އަށް މަސައްކަތް ކޮށްފައިވާ މިންވަރާއި ހުށަހެޅުމުގެ ފެންވަރާއި ނޫސްވެރި ކަމުގައި ހޭދަކުރި މުއްދަތު ފަދަ ކަންކަމަށް ބެލެވޭނެ ކަމަށެވެ.

ޖާނަލިޒަމް އެވޯޑް ދިނުމުގެ ހަފްލާ އޮންނަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު