އިޓަލީގެ ކުރީގެ ބޮޑުވަޒީރު، މުސްކުޅިން ބަލަހައްޓާ ގެއެއްގައި މަސައްކަތް ކުރަން ޖެހިއްޖެ

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބެރްލަސްކޯނީ، އެއް އަހަރު ދުވަސް ވަންދެން އިޖުތިމާއީ މަސައްކަތް ކުރަން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އިޓަލީގެ ޓްރައިބިއުނާލެ ޑި "ސޮރްވެގްލިއަންޒާ" ( ސަވައިލެންސްކޯޓް) އިން އެގޮތަށް ހުކުމްކުރީ ބެރްލަސްކޯނީ ޓެކުހަށް މަކަރު ހެއްދެވިކަން ސާބިތުވެގެން ކަމަށް ދަ ގާޑިއަން ނޫހުން ބުންޏެވެ. އޭނާ މަސައްކަތް ކުރައްވަންން ކޯޓުން ހަމަޖައްސާފައި ވަނީ މުސްކުޅިން ބަލަހައްޓާ ގެއެއްގައި ޕާޓްޓައިމްކޮށެވެ.

ކޯޓްގެ ހުކުމާ ގުޅިގެން ބެރްލަސްކޯނީ ހަފުތާއަކު އެއް ދުވަހު ހަތަރު ގަޑިއިރު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ސެކްރޫޑް ފެމިލީ ފައުންޑޭޝަން ނަމަކަށް ކިޔާ ޖަމިއްޔާއަކުން ހިންގާ މުސްކުޅިން ބަލަހައްޓާ ގެއެއްގައެވެ. ބެރްލަސްކޯނީ ދިރިއުޅުއްވާ ލޮމްބާޑީ އިން ބޭރަށް ( ވެރިރަށް ރޯމް ) ފިޔަވާ އެހެން ތަންތަނަށް ދަތުރު ކުރެއްވުން ވެސް ކޯޓް ހުކުމުގެ ސަބަބުން މަނާ ވާނެއެވެ.

ކޯޓްގެ ހުކުމަކީ އިންސާފުވެރި ހުކުމެއް ކަމަށް ވިދާޅުވެ، ބެރްލަސްކޯނީގެ ދެވަކީލުން ކަމަށްވާ ފްރެންކޯ ކޯޕީއާއި ނިކޯލޯ ގެޑިނީ ވަނީ އެހުކުމަށް މަރުހަބާ ވިދާޅުވެފައެވެ. އެބޭފުޅުން ވިދާޅުވެފައި ވަނީ ޖަލު ހުކުމެއް ތަންފީޒުކުރެވޭ ވަރަށް ވުރެ ބެރްލަސްކޯނީ މިހާރު މާ މުސްކުޅިފުޅު ކަމަށެވެ.

އިޓަލީގެ އެންމެ ބޮޑު ސެންޓަ ރައިޓް ސިޔާސީ ޕާޓީ ފޯޒާ އިޓާލިއާގެ ލީޑަރުގެ ގޮތުގައި އަދިވެސް ހުންނެވި ބެރްލަސްކޯނީގެ އުމުރުފުޅުން މިހާރު 77 އަހަރު ވެއްޖެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު