އިހްތިޖާޖް ނުކޮށް ޕެޓިޝަނެއް ހުށަހަޅަން ސިވިލް ސާވަންޓްސް އެސޯސިއޭޝަން ނިންމައިފި

މުސާރައިގެ ތަފާތު ކުރުންތައް ނައްތާލުމަށް ގޮވާލައި، މަދަނީ މަސައްކަތްތެރިން މިމަހުގެ 20 ވަނަ ދުވަހު ކުރުމަށް ރާވާފައިވާ އިހްތިޖާޖް ނުކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ސިވިލް ސާވަންޓްސް އެސޯސިއޭޝަން (އެމްސީއެސްސީ) އިން ބުނެފި އެވެ.

އެމްސީއެސްސީގެ ރައީސް މުހައްމަދު ޝައުގީ "ސަން" އަށް މިއަދު ވިދާޅުވީ، އިހްތިޖާޖް ނުކުރުމަށް ނިންމީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ބެލުމަށްފަހު، އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އާއި މެންބަރުންގެ އިތުރުން ބައެއް ހެޔޮ އެދޭ ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށްފަހު މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

"އަޅުނގަޑުމެންނަށް ވިސްނުނީ ފުރަތަމަ ވެސް އިހްތިޖާޖަކަށް ގޮސްފިނަމަ ދިވެހި ރައްޔިތުންނަށް ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް. އެގޮތުން ވަރަށް ގިނަ ބައެއްގެ މަޝްވަރާއާ އެކު އެސޯސިއޭޝަންގެ ހިންގާ ކޮމެޓީން ނިންމީ، ކަމާ ގުޅޭ މުއައްސަސާތަކަށް ޕެޓިޝަނެއް ހުށަހަޅަން،" އޭނާ ވިދާޅުވި އެވެ.

މަދަނީ މަސައްކަތްތެރިން ސޮއިކޮށް ހުށަހަޅަން ނިންމާފައިވާ އެ ޕެޓިޝަން ސިވިލް ސާވިސް ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ހުށަހަޅަން ނިންމާފައިވާއިރު އެ ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅުމަށް އެމްސީއެސްސީ އިން ވަނީ ނިންމައިފަ އެވެ.

ޝައުގީ ވިދާޅުވީ، އިއްޔެ ހަވީރު ސޮއިކުރަން ފެށި އެ ޕެޓިޝަނަށް މިއަދު މެންދުރާ ހަމައަށް އައިއިރު ސަރުކާރުގެ ގިނަ އޮފީސްތަކުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި އެ ހަރަކާތުގައި 90 އިންސައްތަ މުވައްޒަފުން ބައިވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެ ހަރަކާތައް އެއްވެސް ބަޔަކު ހުރަސް އަޅައި އެކަން ނުކުރުމަށް އަންގަމުންނެއް ނުދޭ. އަދި ބައެއް ސިޔާސީ ފަރާތްތަކުންވެސް ދަނީ އެފަދަ ޕެޓިޝަނެއް ހުށަހެޅުމަށް ހިތްވަރުދީ އެފަދަ ޕެޓިޝަނެއް ހުށަހަޅަން ލަސްވެއްޖެ ކަމަށް ބުނަމުން،" ޝައުގީ ވިދާޅުވި އެވެ.

މަދަނީ މަސައްކަތްތެރިން ސޮއިކޮށް ހުށަހަޅަން ނިންމާފައިވާ އެ ޕެޓިޝަން އެމްސީއެސްސީ އިން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ނިންމައިފައި ވަނީ އިހްތިޖާޖް ކުރުމަށް ކުރިން ނިންމި، މިމަހުގެ 20 ވަނަ ދުވަހު އެވެ.

ޝައުގީ ވިދާޅުވީ، އެ ޕެޓިޝަން ހުށަހެޅުމަށްފަހު އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ޖަވާބެއް ނުލިބިއްޖެނަމަ، އަނެއްކާވެސް އެސޯސިއޭޝަނުން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު