ވާހަކަދެއްކުމުގެ 29 ވަނަ ގައުމީ މުބާރާތް ނިމިއްޖެ

ދިވެހިބަހުގެ އެކެޑެމީ އިން އިންތިޒާމުކޮށްގެން ބޭއްވި، "އެލައިޑް އިންޝުއަރެންސް ގައުމީ ވާހަކަދެއްކުމުގެ މުބާރާތް 2014" ނިމިއްޖެ އެވެ.

ނޭޝަނަލް އާޓް ގެލެރީ ގައި މިމަހުގެ ހަ ވަނަ ދުވަހު ފެށި، ވާހަކަދެއްކުމުގެ މުބާރާތުގައި 13 ސްކޫލަކުންނާއި އަމިއްލަ ގޮތުން ޖުމްލަ 150 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އަދި ވާހަކަދެއްކުމުގެ މުބާރާތުގެ ތެރެއިން ކުރިއަށްދިޔަ ބަހުސް މުބާރާތުގައި ހަތަރު ޖަމިއްޔާއަކުން 20 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

ތިން އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ގައުމީ ވާހަކަދެއްވުމުގެ މުބާރާތުގައި، 13 އަހަރުން ދަށުގެ އުމުރު ފުރައިގައި 47 ދަރިވަރުން ވާހަކަ ދައްކާފައިވާއިރު، 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރު ފުރައިގައި ވާހަކަ ދައްކާފައިވަނީ 70 ދަރިވަރުންނެވެ. އަދި 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރުފުރާގައި ބައިވެރިވެފައިވަނީ 14 ދަރިވަރުންނެވެ.

ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮފީސް ކުންފުނި ޖަމިއްޔާ ޖަމާއަތްތަކުގެ ބަހުސް މުބާރާތް ވެސް ރޭ ވަނީ ނިމިފަ އެވެ. އެ މުބާރާތުގައި ބައިވެރިވެފައިވަނީ ކުއްލިއްޔާގެ ދަރިވަރުންގެ ޖަމިއްޔާ އާއި ފެކަލްޓީ އޮފް އާޓްސްގެ ދަރިވަރުންގެ ޖަމިއްޔާ އާއި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.

ދެ ޓީމު ބައްދަލުކޮށް ބަލިވާ ޓީމެއް ކަޓާ (ނޮކްއައުޓް) އުސޫލުން ގެންދިޔަ އެ މުބާރާތުގައި ފައިނަލް ބަހުސްގައި ރޭ ބައްދަލު ކޮށްފައިވަނީ ފެކަލްޓީ އޮފް އާޓްސްގެ ދަރިވަރުންގެ ޖަމިއްޔާ އާއި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން އެވެ،

ގައުމީ ވާހަކަދެއްކުމުގެ މުބާރާތާއި ބަހުސް މުބާރާތް ރޭ ނިމުނު ކަމުގައި ވީނަމަވެސް އެ މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނަނީ އަންނަ މޭ މަހުގެ 12 ވަނަ ދުވަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު