ލަންކާގައި މޫދަށް އެރިއުޅުނު ދިވެހި ފިރިހެނަކު މަރުވެއްޖެ

ސްރީލަންކާގައި މޫދަށް އެރިއުޅުނު ދިވެހި ފިރިހެނަކު ގެނބިގެން ހިނގި ހާދިސާއެއްގައި މަރުވެއްޖެ އެވެ. އެކަން ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނުން ވެސް ސަން އަށްވަނީ ކަށަވަރުކޮށްދީފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި މަރުވެފައިވަނީ މއ. އާސިމާމަންޒިލް، ތޯހާ އަލީ، 28، އެވެ. އޭނާއަކީ ލަންކާއަށް ޗުއްޓީއެއް ހޭދަކޮށްލަން ގޮސް އުޅުނު ޒުވާނެކެވެ.

އޭނާ މަރުވި ހާދިސާ ހިނގީ، އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އަންބަލަންތޮޓާގެ މޫދަށް އެރިއުޅެނިކޮށް، އެ ސަރަހައްދުގެ މޫދުގެ އޮއި ގަދަވެގެން މޫދަށް ގެނބިގެންނެވެ.

އެ ހާދިސާއަށް ފަހު އޭނާގެ ޕޯސްޓްމޯޓަމެއް ހަދާފައިވާއިރު އޭނާގެ ޖަނާޒާގައި ބައިވެރިވުމަށް އާއިލާގެ މެމްބަރުން ވެސް މިވަގުތު ވަނީ ލަންކާއަށް ގޮހެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އޭނާ މަރުވީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ މަރުވީ މޫދަށް އެރިއުޅެނިކޮށް ގެނބިގެން ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އާއިލާއިން ބޭނުންނުވާތީ އެމީހާއާ ބެހޭ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު