ބަކަމޫނު ގެންދިޔަ މައްސަލަ ޕޮލިސް އިންޓެގްރީޓީ އަށް ހުށަހަޅައިފި

ހުޅުމާލޭ ގެއަކުން ފުލުހުން ބަކަމޫނެއް ގެންގޮސްފައިވާތީ އެކަމުގައި ބައިވެރިވި ފުލުހުންގެ މައްޗައް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިދިނުމަށް އެދި އޭގެ ވެރިފަރާތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް މައްސަލަ ހުށަހަޅައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ބަކަމޫނުގެ ވެރިފަރާތުގެ ގާނޫނީ ވަކީލު އަލީ ޝާހު މިއަދު ވިދާޅުވީ އެ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައި ވަނީ ފުލުހުން ބަކަމޫނު ގެންދިޔަތާ ދުވަސްކޮޅެއްގެ ތެރޭގައި ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަށް އެތެރެކުރުން މަނާތަކެތީގެ ލިސްޓުގައި ބަކަމޫނު ހިމެނިފައިނުވާ ކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް ގައުމެއްގައި ބަކަމޫނު ގެންގުޅުމަކީ މަނާކޮށްފައިވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބަކަމޫނު ގެންގޮސްފައި ވަނީ ރާއްޖެ އަށް އެތެރެކުރުން މަނާތަކެތި ވަގަށް އެތެރެކޮށް ގެންގުޅޭތީ އެތަކެތި އަތުލުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުންކަމަށެވެ. ނަމަވެސް ބަކަމޫނަކީ ރާއްޖެ އެތެރެކޮށް ގެންގުޅުން މަނާތަކެތީގެ ލިސްޓުގައި ހިމެނިފައިވާ އެއްޗަކަށް ނުވާތީ އެ އަމުރުގެ ދަށުން ބަކަމޫނު ނުގެންދެވޭނެ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

"އެހެންވީމާ ފުލުހުން އަމަލުކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މެންޑޭޓުގެ ބޭރުން. ބަކަމޫން ގެންދިޔައީ ވެރިފަރާތަށް ނޭނގި އެވަގުތު ގޭގައި ތިބި މީހުންގެ ނުރުހުމުގައި،" ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން އަތުލައިގަތް ޖަނަވާރުތައް އެމްއެންޑީއެފް އިން މަރާލިއިރު އޭގެތެރޭގައި ބަކަމޫނު ނުހިމެނޭ ކަމަށާއި މައާފަށް އެދުމަށްފަހު ބަކަމޫން ހަވާލުކުރުމުން މައްސަލަ ދޫކޮށްލަން ވެރިފަރާތުން ނިންމާފައިވާ ކަމަށެވެ.

"ބަކަމޫނު ގެންދިޔަ މައްސަލައާ ގުޅިގެން ފުލުހުން މައާފަށް އެދި އަނބުރާ ބަކަމޫނު ހަވާލު ކުރުމުން އަޅުގަނޑުމެން ހުށަހަޅާފައިވާ މައްސަލަތައް އަނބުރާ ގެންދާނަން. އެހެންނޫނީ މައްސަލަތައް ކުރިއަށްގެންދާނަން،" ޝާހު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު