ފޭހުނު އިލޮށިގަނޑު ހެރިއްޖެ އެވެ. އެކަމަކު އަދިހަމަ ކިރިޔާ ހެރުނީއެވެ. ބޭރުގެ ދުލިފަށާއި ތުނިފަށަލައިގެ އެތެރެއާއި ހަމައަށެވެ. މިހިސާބުން ދެން ލުހެލަން މަސައްކަތްކޮށް ލުއްސާ ނުލައިފި ނަމަ ކޮއި ނުވަތަ ކަޅުކަޅިއޭ މިކިޔާބައި ވެސް ތޮރުފާލާފައި އެތެރެއަށް ވަންނާނެކަން (ދުނިޔެވީ ކަންކަންހިނގަމުންދާ އާއްމު އުސޫލުން ) ހަމަ ޔަގީނެވެ. ވީމާ ދެންކުރަންވީކީއް ބާވަ އެވެ!

މިދައްކަނީ ބޭރު ބިދޭސީން އަހަރެމެންގެ މި ކުޑަކުޑަގައުމަށް ގެނެސް އެމީހުންގެ ބޭނުން ހިފަމުން މިގެންދެވޭ ގޮތުން ލިބެމުންދާ ގެއްލުމުގެ ވާހަކަ އެވެ. މި އިލޮށިގަނޑު ފޭއްސީ ނުވަތަ ބިދޭސީން މިގޮތަށް ގައުމަށް މިގެންނަނީ އަހަރެމެންނެވެ. މިހާރު އެމީހުންގެ ސަބަބުން ލިބޭ ފައިދާއަކަށް ވުރެ ވަމުންދާ ގެއްލުން ބޮޑުކަމުގައި ބެލެވެން ފަށައިފި އެވެ. ގައުމަށް ލިބޭ ނުވަތަ ވެއްދޭ ފައިސާ އަށް ވުރެ ބޭރުވާބައި މި މީހުންނާ ހުރެ ގިނަވަމުން އެބަދެ އެވެ. ހިސާބެއްހަދައި ފިކުރުހިންގާލައިފި ނަމަ ލޮލުން ކަރުނަ އަޅައި ގިސް ލެވޭވަރުގެ އަދަދެއް މިހާރު ވެސް ބޭރުވެ އެވެ. އަދި މިހާރު އާއްމުވަމުން އެދާ އެމީހުންގެ ވިޔަފާރިތައް އެގޮތަށް ހިނގަމުން ދާން އޮވެއްޖެ ނަމަ އެއަދަދު ދިހަ އަކާއި ގުނަ ވާނެކަމުގައި ހީވެ އެވެ.

ގާތްގަނޑަކަށް ބަލައިލަމާ ބަހީ އެވެ. މިހާރު ގައުމުގައި ތިބި ބިދޭސީންގެ އަދަދު ލައްކައަކަށް ވުރެ ގިނަ އެވެ. ބާކީ ގިނަ ދޫކޮށްލައިފައި އެއްލައްކަ ކަމުގައި ބަލަމާ ހިނގާށެވެ.

މުސާރަ އަށް 150 ޑޮލަރުގެ ރޭޓުން މަހަކު އެއްލައްކަ މީހުންނަށް، 150000000 އެކި މަސައްކަތްކޮށްގެން ހޯދާ 100 ޑޮލަރުގެ ރޭޓުން މަހަކު އެއްލައްކަ މީހުންނަށް، 100000000 ޖުމުލަ ދުއިސައްތަ ފަންސާސް ލައްކަ ޑޮލަރު އެދަނީ ރާއްޖެއިން ބޭރުވެގެންނެވެ. މިއީ މިހާރު ކަންތައް އެހުރިވަރުން ޔަގީންކުރެވޭ އަދަދެކެވެ. މަދުނުވާނެ ވަރެކެވެ.

އެއާ އެކު މިހާރު ފެށިގެން އެއަންނަނީ އެމީހުންގެ ވިޔަފާރިތަކެވެ. ނުސީދާ ވިޔަފާރިތަކެވެ. ނަތީޖާއަކަށް ވާނީ ކައިރިކުރިމަގެއްގައި އަހަރެމެންގެ ވިޔަފާރިތަކަށް އޭގެ އަސަރު މާބޮޑަށްކުރުމެވެ. އެއީ މިހާރު ފިހާރަ ހޮޓާ ކެފޭތަކުގެ ކޮށިގަނޑުތަކުން (އަޑިން) ބޭރުވާ ބައިގެއިތުރަށެވެ. މިހާރު ވެސް އެފަދަ ގިނަތަންތާނގެ ކޮށިގަނޑުގައި އެތިބެނީ ބިދޭސީންނެވެ. އެއްދުވަސްވަރެއްގައި ކޮށިގަނޑުގައި ދިވެހިން ތިބުން މަޖުބޫރު ގަވައިދަކަށް އަމަލުކުރެވުނުތަން ފެނުނެވެ. މިހާރު އެގަވައިދު ވީ ކޮންތާކުކަމެއްނޭނގެ އެވެ. ގަދަވަމުންދާ ބިދޭސީންގެ ބާރުގައި އެގަވައިދު އަރުއްވައިގަތީ ކަމުގައި ގަބޫލުކުރެވެ އެވެ.

މިހާރު ގިނަފިހާރަތަކުގެ ހަގީގީ ސޭޓުންނަކީ އެމީހުންނެވެ. ބާޒާރުތައް ކުރަން ދަނީ އެމީހުންނެވެ. ބައެއް ތަންތާނގެ ފައިސާ ގުނާއަދަދު ކޮށްފައި ސޭޓުގެ އަންހެނުންއަތަށް ގެންގޮސް ދެނީ ވެސް އެމީހުންނެވެ. މިވަރު ތަންފުކެއް ބޮޑެވެ. އަހަރެމެންނަށް މިތިބެނީ ކިހިނެއްވެފައި ހެއްޔެވެ. ލާރިކޮޅާއި އަނބިމީހާ ގެއްލެމުންދާ އިރުވެސް ސިނގިރެޓު ބޯލަބޯލާ މަގޭ ފިހާރައޭ ކިޔާލަ ކިޔާލައި ގޭގައި އެތިބެނީ ހިނދުކޮޅު ގެނެސްގެންބާވަ އެވެ. އެމީހުން އެހަދަނީ ހަދާނެގޮތެކެވެ. އަތަށް އެލިބެނީ ލިބެންވީ ވަރުގެ ތިންބައިކުޅަ ދެބައެވެ. އެއާއިއެކު "އެސޮރު" ރަނގަޅުކަމުން ސޭޓުދޭ ހަދިޔާއާއި ސޭޓުގެ އަންހެނުން ދިއްކޮށްލާ ބައިގައި ހިފައިގެން ތިބެ އެސޮރުމެން އެތިބަ ހެނީއެވެ. މަލާމާތުގެ ހިންޏެވެ. ސޭޓާއި ސޭޓުގެ އަންހެނުންގެ މޮޔަކަމާއި ހެދި ހޭ ހިންޏެވެ. އަހަރެންގެ މި ދެ ކަންފަތުން އެކަހަލަ ދެސޮރަކު ދެއްކި ވާހަކަ އަޑުއެހީމެވެ. ޔަގީންކުރެވުނީ އެތަނުން އެކަކީ ބަންގާޅު މީހެއް ކަމުގައި ވެފައި އަނެކަކީ އިންޑިޔާ މީހެއްކަމުގައި ވީތީ އެވެ. އެއްސޮރު ބުނީ އަހަރެން ޗުއްޓީ ނުދާށޭ މެޑަމް ބުނާ ވާހަކަ އެވެ. އެކަމު އަހަރެންދަނީ ކަމަށާއި ދާނީ އަންނަމަހު މެޑަމް ގެ ހަދިޔާ ދިނީމާ ކަމުގައި ކިޔައި ދިނެވެ. ކިހާވަރެއްދޭތޯ އަނެއްސޮރު އެހުމުން ހީލާފައި ބުނީ އޭ ފައްސަތޭކަ ވަރުދޭނެ ކަމަށެވެ. އަނެއްކާ ވެސް އަނެއްސޮރު ސުވާލު ކުރިއެވެ. ރުފިޔާ ތޯއެހި އެވެ. އެސޮރު ހީލާފައި ނޫނެކޭ ޑޮލަރޭ ބުންނެވެ.

ދުނިޔެވީ ހަމަތަކަކުން ބަލާ ނަމަ ފައިސާ ހުރީމާ އަރާމުކުރަންޖެހެ އެވެ. އެކަމަކު އެއަރާމުގެ ސަބަބުން އަމިއްލަ ގައުމުގެ ކުރިމަގު ބަނަވެ އަނދިރިވެ ހަލާކުވަމުންދާ ކަން އެނގޭ ނަމަ އެގޮތަށް އެއަރާމުކުރުމުގެ ހައްގު ދުނިޔެވީހަމަތަކުގެ ތެރެއަކު ވެސް ނޯންނާނެ އެވެ. ވީއިރު އަހަރެމެން ވިސްނާހޭއަރަން ވެއްޖެ އެވެ. ސަމާލުވެ ކަން ތައްތަކެއް ކުރަން މަޖުބޫރު ވެއްޖެ އެވެ. އަމިއްލަ ބޭނުމެއް ގެތެރޭން ބަޔަކަށް ހަމްދަރުދީގެ ގޮތުން ފަށައިގަތް މި ކަމުގެ ނަތީޖާ ނުބައިވެ މިކަމަކީ އަމިއްލަ ދަރީންގެ ހަލާކުކަމަށް ވެގެންދާ އިރު ބަލަން ހުންނާން ހެޔޮވެދާނެ ހެއްޔެވެ. އެއްމެންނޭވެ! އަންނާށެވެ. މިކަމާ އުޅެންހިނގާށެވެ. ގަވައިދުތަކާއި ގާނޫނުތަކުގެ ތެރެއަށް ފައްތާ މިކަންކަން މިހެން ނުވާނެގޮތްތަކެއް ރާވައިދޭށެވެ. އަހަރެމެންނަށް ޓަކައެވެ. ދަރީންނަށް ޓަކައެވެ. އެ ދަރީންގެ ދަރީން ނަށް ޓަކައި ވެސްމެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް